ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 06:24
ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި  ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގެ ތެރެއިން
ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގެ ތެރެއިން
ސިމާހާ ނަސީމް
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް ހަމައެއް އުސޫލެއް ނެތް:ހަސީން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މައްސަލަތައް ތަހްޤީޤް ކުރައްވަން އެނގިވަޑައިނުގަންނަވާ
ވެރިކަން ބަދަލުކުރުމުގެ ވާހަކަ ބްރޯޑްކާސްޓްކުރެވޭނެ
އަބުރު ރައްކާތެރިކުރުމަކީ ބްރޯޑްކޮމްގެ ޒިންމާއެއް ނޫން

ބްރޯޑްކާސްޓިންގ ކޮމިޝަންގައި އެއްވެސް ހަމައެއް އުސޫލެއް ނެތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ނޫސްވެރިންގެ ލީޑަރަކަށްވެ، އާ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިގެންދާއިރު ނޫސްވެރިން ހަރަކާތްތެރިވުމަށްޓަކައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި އެކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު އެ މަންޒަރު ކޮމިޝަންގެ ފަރާތުން ފެނިގެންނުދާ ކަމަށެވެ.

ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސްއޫލިޔަތަކީ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުން ނޫން ކަމަށާއި އެކޮމިޝަނަކީ ބްރޯޑްކާސްޓަރުންނަށް ހުރި ދަތިތައް ދެނެގަނެ އެ ކަންތައްތައް ހައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ. އެހެންނަމަވެސް ފެނިގެންދަނީ ބްރޯޑްކާސްޓަރުންގެ ޙައްޤުތައް ނަގާލާ މަންޒަރު ކަމަށް ހަސީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މައްސަލަތައް ތަހްޤީޤް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި މައްސަލަތައް ތަހްޤީޤް ކުރެއްވުމަށް ގެންގުޅުއްވަން ޖެހޭ އުސޫލުތަކާއި ހަމަތައްވެސް އެނގިވަޑައެއްނުގަންނަވާ ކަމަށެވެ.

މިކަމުގެ މިސާލަކަށް ހަސީން ނެންގެވީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް 50 ހާސް ރުފިޔާއިން ޖޫރިމަނާ ކުރިއިރު ކަންތައްތައް ހިނގި ގޮތުގެ ވާހަކައެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައި ސްޓޭޝަންތަކުގައި އިންސާފު ޤާއިމުކުރަންޖެހޭނެ ކަމަށް އޮންނަ އިރު އެހެން ސްޓޭޝަންތަކުން  އަބުރަށް އަރައިގަނެ، ދޮގު ޚަބަރުތައް ފަތުރުމުންދާއިރު ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ހަސީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވެރިކަން ބަދަލުކުރަން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ހަސީން ވިދާޅުވީ ވެރިކަން ވެރިކަން ޤާނޫނާއި އެއްގޮތަށް ބަދަލުކުރުމަށް އުޅުމަކީ ކުށެއް ނޫން ކަމުގައެވެ. އެ ވާހަކަ ބްރޯޑްކާސްޓްކުރުމަކީ ވެސް ކުށެއް ނޫން ކަމަށް ހަސީން ވިދާޅުވި އެވެ. 

"ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ އެއްވެސް ޙާލެއްގައި ޤާނޫނީ ހަމަތަކުގެ މަތިން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި އަބުރުގެ ޤާނޫނާވެސް ޙިލާފުކަމެއް ނޫން. ވެރިކަން ބަދަލުކުރަން ބޭނުންވަނީ ޤާނޫނާއި ހިލާފަށް ކަމަށް ނުބުނާހާ ހިނދަކު އެއިކީ ކުށެއް ނޫން،" ހަސީން ވިދާޅުވި އެވެ.  

 

 

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް