ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 00:28
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
ޕެނަލް ޑިސްކަޝަން
ސީޕީ އަރީފު މަސީހަށް ވެގެން މަގާމު ދިފާއު ކުރެއްވުމަށް އުޅުއްވުމަކީ ހުތުރުކަން ބޮޑު ކަމެއް: އަމީތު
މިދިޔަ އަހަރު އެކަނި 4700 ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި
މިއަހަރުގެ މިހާތަނަށް 370 އަށް ވުރެ ގިނަ މާރާމާރީ މައްސަަލަ ފުލުހުންނަށް ހުށަހެޅިފައި
ގައުމުގެ އަމަން އަމާންކަން ވަނީ ގެއްލިފައި

މިއަދު މަގުމަތީގެ އަމާންކަން ގެއްލި ރައްޔިތުން ބިރުވެރިކަމެއްގައި ދިރިއުޅޭ އިރު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ވެވަޑައިގެން ހަމައެކަނި މަގާމު ދިފާއު ކުރެއްވުމަށް އުޅުއްވައިގެން ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.

"ތިން އަހަރުން 29 މަރު" ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަަވަމުން އަމީތު ވިދާޅުވީ، މިފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ގައުމުގެ ޒުވާނުންތަކެއް އަނިޔާވެރިކޮށް މަރާލެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގައި ގިނަ އަދަދެއްގެ މާރާމާރީއާ މަރުގެ ހާދިސާތައް ހިންގާފައިވާކަމީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މި ދައްކަނީ ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ވާހަކަ. އަމާންކަން ނެތް ތަނެއްގައި ދިރިއުޅުމުގެ ހައްގު ނެތްތަނެއްގައި އުޅުމުގެ ބޭނުމެއް  ނެތް. ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ކަންކަމުގައި އެންމެބޮޑަށް ކޮމްޕްރޮމައިޒުވެފައިވާ އެއް މުއައްސަސާ." އަމީތު ވިދާޅުވި އެވެ

އަމީތު ވިދާޅުވީ، މުޖުތަމައުގެ އަމަން އަމާންކަމާ ބެހޭ މުއައްސަސާއެއްގެ ވެރިޔަކަށް ހުންނަ ފަރާތަކީ، ހުރިހާ ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ރައްކާތެރިކަމަށް އަހައްމިޔަތުކަން ދޭން ޖެހޭނެ ފަރާތަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޮމިޝަނަރަކަށް ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހަށް ވެއްޖެނަމަ މިއީ ވަރަށް ހުތުރުކަން ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެެވެ. އަމީތު ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަށް ޣައިރު ގާނޫނީ އަމުރު ސިޔާސީ ފަރާތްތަކުގެ ފަރާތުން އަންނަ ކަމުގައިވާ ނަމަ، އަދި އެއަމުރު ތަންފީޒުނުކޮށް އެހެން ގޮތެއް ނެތް ކަމުގައިވާ ނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މަސީހަށް ވެގެން، އެ މަގާމު ދިފާއު ކުރުމަށް އިންނަން ހަދައިގެން ރާއްޖޭން ބޭރަށް ދާ ކޮންމެ ފަހަރު އެތަކެއް ބޭޒާރެއް ވާންޖެހޭނެ ކަމަށް އަމީތު ވިދާޅުވި އެވެ. މަސީހަކީ ދިވެހި ތާރީހުގައި ފެނިގެންދިޔަ އެންމެ ހުތުރު ނަމޫނާކަން ފާހަގަކުރައްވާ، އަމީތު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން މަސީހަށް ވާން ވެއްޖެ ނަމަ، މިގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.

އަމީތު ވިދާޅުވީ، މި ފާއިތުވެދިޔަ ތިން އަހަރުގައި މިދިޔަ 16 އަހަރުގައި ނުހިނގާ ވަރަށް ތަފާތު އެކި ބާވަތްތަކުގެ ކުށްތައް މި ގައުމުގައި ހިނގާފައިވާ ކަމަށެވެ. މިގޮތަށް ކުށްތައް އިތުރުވެފައިވަނީ އަމާންކަން ގާއިމް ކުރުމަށް އަދި މުޖުތަމައުގައި ރައްކާތެރިކަން ގާއިމް ކުރުމަށް މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ކަންކަން ނުކުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ރާއްޖޭގައި ކުށް ގިނަވެ، ޒުވާނުންތަކެއް މަރާލެވިގެންދާއިރު މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިފާއިތުވެދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރެވިފައިވާކަން ހަމައެކަނި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ އިރު މިތަކެތި ނައްތާލުމަށް ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ  ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައި އެބަ އޮތް 370 އަށް ވުރެ ގިނަ މާރާމާރީގެ މައްސަލަތައް. މިއީ މި ނުވަ މަސްތެރޭގައި ހިނގާދިޔަ މާރާމާރީ އެކަނި. ފާއިތުވެދިޔަ އަހަރަށް ބަލާ އިރު ފުލުހުންގެ މުއައްސަސާއަށް 4700 އަށް އަރާ. މީގެ 50 އިންސައްތަ އަކީ މަސްތުވާތަކެތީގެ މައްސަލަ." އަމީތު ވިދާޅުވި އެވެ.

 އަމީތު ވިދާޅުވީ، މިއަދު ރާއްޖޭގައި ހިނގާ ކަންކަން ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރު ބަދަލުވުން ކަމަށެެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް