ޕީޖީއަށް އޮޅިގެން 18 އަހަރު ނުވާ ކުޑަކުއްޖަކަށް ކުރެވުނު ހުކުމް ތަންފީޒް ކުރުން ފަސްކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ނ ލަންދޫ މެޖިސްޓްރޭޓް ކޯޓުން ވައްކަމުގެ މައްސަލައެއްގައި ދައުވާ އުފުލާ 17 އަހަރުގެ ކުއްޖަކު ދެއަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެކުއްޖާގެ އުމުރުގެ ގޮތުގައި 18 އަހަރު ކަމަށް ޖަހާފައިވުމުން އޮޅުމަކުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އެކަން ފަހުން އެނގުނީ އާއިލާއިން އެކަން ސަމާލު ކަމަށް ގެނައުމުން ކަމަށެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ދޭން ޖެހެނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބައި އެވެ. ނަމަވެސް އެ މައްސަލާގައި އެ ކުއްޖާގެ އުމުރު 18 އަހަރު ކަމަށް ޖަހާފައި އޮތުމުން ދެ އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ. އަދި އެހެން ކަމުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަށް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕީޖީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ޝަރީއަތް ކުރުމާއި ބެހޭ ގޮތުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުން އެ ކުއްޖާއަށް އަންނާނީ އެއް އަހަރާއި ހަތަރު މަހުގެ އަދަބެކެވެ.
އެ މައްސަލާގައި ދެ ކުއްޖެއްގެ މައްޗަށް ހުކުމް ކުރިއެވެ. އެ މައްސަލާގައި ދެން ދައުވާ ކުރި ކުއްޖާގެ މައްޗަށް އިއްވާފައި ވަނީ އެއް އަހަރާއި ހަތަރު މަހަށް ގޭ ބަންދު ކުރުމުގެ ހުކުމެކެވެ.