ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މެދު އެ ކޯޓުން އަޅައި ނުލުމަކީ، ޤާނޫނީ ސިޔާދަތަށް ނުރައްކާތެރި ކަމެއް ކަމަށް ފާރިސްގެ ޤާނޫނީ ވަކީލް އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސްގެ ފަރާތުން މައުމޫން ހަމީދު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުމަކާއި ކަނޑައެޅިގެން ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަމަލު ކުރައްވާފައިވާކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށެވެ. ނަމަވެސް އެކަމާއި ސުޕްރީމް ކޯޓުން ފިޔަވަޅެއް އަޅާފައި ނުވުމަކީ، ފާރިސްގެ މައްސަލަތަކުގައި، ޤާނޫނު އަސާސީ އާއި، ޤާނޫނުތަކާއި، ޚުދު ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ވެސް ކަނޑައެޅިގެން ޚިލާފަށް އަމަލުކުރެއްވުމަށް ދަށު މަރުހަލާގެ ކޯޓުތަކަށް ލިބިދެވޭ ހުއްދައެއްގެ ގޮތުގައި ސިފަކުރެވުމުގެ ބިރު ބޮޑު ކަމަށާއި، މިފަދަ ގޮތަކަށް އެކަން ސިފަކުރެވިގެން ދިއުމަކީ، ޤާނޫނުގެ ސިޔާދަތަށް ނުހަނު ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ހުށަހެޅިތާ 37 ދުވަސްވެގެން ގޮސްފައިވާއިރު، އެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރައްވާ، މައުމޫން ހަމީދު ވަނީ މިފަދަ އެހެން ބައެއް މައްސަލަ ތަކާއި މި މައްސަލައާއި މެދު ސުޕްރީމް ކޯޓުން އަމަލުކުރާގޮތް ތަފާތުކަން ފާހަގަ ކޮށްފައެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމެވި ނިންމެވުމެއް، ހަމަ އެދުވަހު، ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން، ހަމަ އެރޭ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަވާފައިވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ސަރުކާރުގެ މަސްލަހަތު ދިފާޢު ކުރެއްވުމަށް ބަނޑާރަ ނައިބު ހުށަހެޅުއްވި މައްސަލައެއްވެސް ހުށަހެޅުއްވި ދުވަހު އެ މައްސަލަ ބަލައިގަތް ނަމަވެސް، އެތައްހާސް ރައްޔިތުންގެ މަސްލަހަތާއި ގުޅޭގޮތަށް ފާރިސް ހުށަހަޅުއްވާފައިވާ މައްސަލައަށް 37 ދުވަސްވެގެން ދިޔައިރުވެސް އެކަމާއި އަޅާލާފައި ނުވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
މި ކަންކަން ފާހަގަކުރައްވައި، ފާރިސްގެ މައްސަލައިގައި އަވަސް ފިޔަވަޅެއް އަޅައިދިނުމަށް މައުމޫން ހަމީދުގެ ސިޓީގައި އެދިފައިފައިވާއިރު، މި މައްސަލައިގައި މައުމޫން ހަމީދު ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހާއި ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ 13، 17، 18 އަދި 28 ވަނަ ދުވަހުވެސް ވަކިވަކި ސިޓީއިން އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ގެންނަވާފައެވެ.