ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 17:20
ކެސިނޯ ހުޅުވުމާއި ޖުވާ ކުޅުމަކީ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގައި ވެސް މަނާ ކަމެއް
ކެސިނޯ ހުޅުވުމާއި ޖުވާ ކުޅުމަކީ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގައި ވެސް މަނާ ކަމެއް
ގޫގުލް
ކެސިނޯގެ ތަކެތި އެތެރެކުރުން
ޖުވާ ކުޅޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޫކޮށްފައެއްނުވާނެ: ކަސްޓަމްސް
ކަސްޓަމްސް އިން ބުނީ މީޑިޔާތަކުގައި ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށް
ކެސިނޯ ސާމާނުތަކެއް ރާއްޖެ އެތެރެ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތަކެތީގެ ތަފްސީލުތައް ދަނީ ދައުރުވަމުން

ޖުވާ ކުޅޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

 

ކަސްޓަމްސް އިން ބުދަ ދުވަހު އާއްމުކުރި ބަޔާނެެއްގައި ބުނެފައިވަނީ، ޖުވާކުޅޭ ސާމާނު ރާއްޖެއަށް ގެނައި ޝިޕްމެންޓެއްގައި ހިމެނި އެތަކެތި އެ އޮފީހުން ދޫކޮށްފައިވާ ކަމަށް ތަފާތު މީޑިޔާތަކުގައި ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

 

އަދި  މިހާތަނަށް އެއްވެސް ޝިޕްމެންޓެއްގައި ހިމެނިގެން އެފަދަ އެއްވެސް އެއްޗެއް އެއޮފީހުގެ ފަރާތުން އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

 

ރާއްޖެއަށް އެތެރެކުރެވޭ މުދަލާއި ރާއްޖެއިން ބޭރު ކުރެވޭ މުދާ ބަލައިފާސްކޮށް ދޫކުރުމުގެ ކަންތައްތައް ކުރަމުންގެންދަނީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު އާއި ޤަވާއިދު އަދި އެކަމަށްޓަކައި އެކަށައެޅިފައިވާ އުޞޫލުތަކުގެ ދަށުންކަމުގައިކަސްޓަމްސް އިން ބުންޏެވެ.

 

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ޝިޕްމެންޓެއްގައި ކެސިނޯ ސާމާނުތަކެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތަކެތީގެ ތަފްސީލުތައް ދަނީ ދައުރުވަމުންނެވެ.

 

އެގޮތުން ބިންގޯ ޕްލޭއިން ކާޑްސް އާއި، ޕޮކާ ޓޭބަލް ވޯލްޑް ސީރީސް އާއި، ބްލެކް ޖެކް ޓޭބަލް އާއި، ރަމީ އާއި، ރިންގް ޓޮސް ފަދަ ތަކެތި އެ ޝިޕްމެންޓުގައި ހިމެނޭ ކަމަށް ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވެއެވެ.

 

މި ހުރިހާ ތަކެއްޗަކީ ކެސިނޯއެއް ހުޅުވުމަށް ބޭނުންވާ ތަކެއްޗެވެ. މީގެ ތެރޭގައި މި ހިމެނެނީ މޭޒުތަކާއި ކުޅެން ބޭނުން ކުރާ ސާމާނެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝިޕްމެންޓުގެ ކަސްޓަމްސް ޑިކްލަރޭޝަން ފޯމް ނަމްބަރަކީ އާރް 38712 އެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝިޕްމެންޓުގައި ގެނައި ތަކެތި މިހާރު ހުރީ އެމްޕީއެލްގެ ޔާޑް ތެރޭގަ އެވެ. އެތަކެތި ރާއްޖެ ގެނެސްފައިވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

 

ކެސިނޯ ހުޅުވުމާއި ޖުވާ ކުޅުމަކީ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގައި ވެސް މަނާ ކަމެކެވެ. އެއީ ޖިނާއީ ކުށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް