ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 14:56
ސިފައިންގެ ފައުޖުތަކުގެ ހާޒިރުގައި މަސީހު ރިޔާސަތުގައި
ސިފައިންގެ ފައުޖުތަކުގެ ހާޒިރުގައި މަސީހު ރިޔާސަތުގައި
ޓްވިޓަރ
މަސީހާއި ނޫސްވެރިން
ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!
މަސީހުގެ ފާޑުކިޔުން ނޫސްވެރިންނަށް، ހަބަރު ލިޔާ ގޮތް ކަމަކު ނުދިޔަ
ސިފައިންގެ އެހީތެރިކަމުގައި ރިޔާސަތުގައި އިންނަވާ މަސީހު ވިދާޅުވީ ތަމްސީލު ކުޅެނީ ކަމަށް
ފޭކް ނިއުސް ލިޔެގެން އަމިއްލައަށް މަޝްހޫރުވާން އުޅެނީ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ވަރަށް ޑިމޮކްރެޓިކް ބޭފުޅެކެވެ. ތަޖުރިބާގެ ގޮތުން ވަރަށް އުހުގައި އުޅުއްވާ ބޭފުޅެކެވެ. އަދި ވަރަށް އުހުގައި އިށީންދެވަޑައިގެން އިންނަވަން ބޭނުންފުޅުވާ ވެސް ބޭފުޅެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތުން އިތުބާރު ނެތް ކަމަށް ބުނީމާ ވެސް ގޮނޑީގައި އެ އިންނަވަނީ އެވެ. އަޣްލަބިއްޔަތުން ބޭނުމެއް ނޫނޭ ގޮވާއިރު ވެސް ޖަލްސާއެއް ކުރިއަށް ގެންގޮސް ނިންމާލެވުމަކީ ވަރަށް ގަޓު ކަމެކޭ ހިތްޕުޅަށް އަރަނީ ތޯއްޗެވެ. މަޖިލިސް ރައީސްގެ މަގާމުގައި މަސީހު ހުންނެވުމަށް މުޅި ދައުލަތް މިދަނީ ގުރުބާން ކުރަމުންނެވެ. ރައްޔިތުންގެ ބާރު ކަނޑުވާލައި، އެ ފުށް މިފުށަށް ގާނޫނު އަސާސީ ބާބަކިއު ހައްދަވަނީ އެވެ. ސިފައިންގެ ފައުޖުތަކާ ނުލައި ގޮނޑިއެއްގައި އިންނެވެނީއެއް ނޫނެވެ. މިވަރުން ވެސް މަސީހުގެ އަމާޒު ހުރީ އުސް ޓަވަރެއްގެ މަތީގައި އިންނަވައިގެން ވިޔަސް ގޮނޑީގައި އިންނެވުމަށެވެ. މަސީހަށް ވާ ސާބަހެވެ.

މަސީހަށް މުޅި ގައުމުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މަސީހަށް ގޯސްވީ ނޫސްވެރިންނެވެ. ނޫސްވެރިން އަމިއްލައަށް މަޝްހޫރުވާން، އެކްޓް ކުރަނީ އެވެ. ނޫސްވެރިން ރޯ ނުބައިކޮށް ހަބަރު ލިޔަނީ އެވެ. ނޫސްވެރިން މަސީހު ބޭނުންފުޅުނުވާ ގޮތަށް ހަބަރު ނުލިޔަނީ އެވެ. ނޫސްވެރިން މިއީ ހާދަހާ ގޯސް ބައެކެވެ. ހަބަރަކީ ކޮބައި ހެއްޔެވެ؟ ހަބަރަކީ މަސީހު ބޭނުންވާ ގޮތަށް ފޮޅުވަތެއް އަޅާލުމަށް ވެސް ވެދާނެ އެވެ. ނޫސްވެރިން ދަންނަންވީ ކަމަކީ ހަބަރަކީ މަސީހު ބޭނުންފުޅުވާ ގޮތަށް ހަމައެކަނި ލިޔެވޭ އެއްޗެކެވެ. ހަބަރަކީ ކޮބައިކަން ނޭނގޭ ނޫސްވެރިން ވޮށުފިލާ ހިފައިގެން މަސީހު އެދުރުގެއަށް ދާން ފަށަންވީ އެވެ. ސިފައިންގެ ހުއްދަ ހޯދައިގެން ޓަވަރަށް ދަރިވަރުވާން ދާންވީ އެވެ. ޑިމޮކްރަސީއާއި ހަބަރުގެ ދާއިރާއިން ޔުނިވާސިޓީ އޮފް 10 ފޫޓުން އުނގެނެންވީ އެވެ.

މަސީހު މިފަހަކުން ވަނީ ނޫސްވެރިންނާ މެދު ހިތުގައި އޮތް ޖަޒުބާތުތައް ބަންޑުން ކޮށްލައްވާފަ އެވެ. ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުން "ފޭކް ނިއުސް" ފަތުރާ ދެ ސަބަބެއް އޮންނަ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ ހަބަރު ރައްދުވާ ފަރާތައް ދެރައެއް ދިނުމަށާއި މަޝްހޫރު މީހަކާ ބެހޭ ގޮތުން ހަގީގަތް ނެތް ހަބަރެއް ޖަހައިގެން ނޫސްވެރިޔާ އަމިއްލައަށް މަޝްހޫރުވުމަށް ކަމަށެވެ. އެހެން ނަމަވެސް ވާހަކަ ހަދައިގެން ދެއްކުމާއި ތަމްސީލްކުޅުންފަދަ ކަންކަން ހަވާލުކޮށްފައި ވަނީ ފިލްމް އިންޑަސްޓްރީއާ ކަމަށާއި ނަމަވެސް އެކަން މިހާރު ރާއްޖޭގައި ކުރަނީ މީޑިއާތަކުގައި އުޅޭ މީހުން ކަމަށް ވެސް މަސީހު ވިދާޅުވި އެވެ. އަދި އެއީ ޑިމޮކްރަސީއާ މުޅިން ދެކޮޅު އެ ނިޒާމް ފުޑުފުޑުކޮށްލުމުގެ މަސައްކަތެއް ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

މަސީހު ޑިމޮކްރަސީގެ ވާހަކަ ދެއްކެވީމާ ބަޔަކު ބަނޑުވަތަށް ތިބެ ހީގެންފާނެ އެވެ.ޑިމޮކްރަސީގެ އުސޫލަކީ އަޣްލަބިއްޔަތުން ކަންކަން ނިންމުމެވެ. އިންތިހާބީ މަގާމުތަކަށް ހޮވޭނީ އަދި ތިބެވޭނީ ވެސް ތާއީދު އޮވެގެންނެވެ. ސައީދަކަށް ވިޔަސް ގައްޔޫމަކަށް އަދި މަސީހަކަސް މިއީ ޑިމޮކްރަސީގެ އުސޫލު އޮތް ގޮތެވެ. ތާއީދު ނެތް މީސްމީހުން ޑައްލަޕް ލައިގެން ގޮނޑިތަކުގައި ތަތްވެގެން ތިބުމަކީ ޑިމޮކްރަސީ ދަންނަ އުސޫލެއް ނޫނެވެ. ފަހަރުގައި މިކަމަކީ ބައެއް މީސްމީހުން ގަބޫލުކުރަން ބޭނުންނުވާ އުސޫލަކަށް ވެދާނެ އެވެ. މަޖިލިސް ނިޒާމުން ބޭރުން ހިންގެވުން އެއީ ޑިމޮކްރަސީ އާލާކުރުމެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ގެލިގެންގެންދާއިރު، ދެން އަތްޖަހަން ތިބުމަކީ ވެސް ޑިމޮކްރަސީ އެވެ. ތާއީދު ނެތޭ އަޣްލަބިއްޔަތުން ބުނީމަ ވެސް، ގޮނޑިއަށް ވެޑުވިގަނެގެން އިނުމަކީ ޑިމޮކްރަސީ އެވެ. ޑިމޮކްރަސީ މިއީ މިހާ ސަޅި އެއްޗެއްކަން މި އެނގުނީ އަދި ކިރިޔާ އެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޕީޗްތަކާއި ޓްވީޓްތައް މާގިނައިން ބައްލަވަނީ ކަމަށް ވެދާނެ އެވެ. ފޭކް ނިއުސް، ފޭކް ނިއުސް ފޭކް ނިއުސް އެވެ.

ނޫސްވެރިން ތަމްސީލު ކުޅޭ ވާހަކަ މަސީހު ދެއްކެވިއިރު، އަމިއްލަފުޅު ހާލާ މެދު ހަމަ ވިސްނާވެސް ނުލަނީ ތޯ އެވެ؟ ރައީސް އޮފީހުން ބިލް އަންނަ އިރަށް، ކޮމެޓީއަށް ގަޑިއެއްހާއިރު ދީފައި، މެންބަރުންނަށް އޭގައި އޮތް އެއްޗެއް ކިޔާ ވެސް ނުލެވިގެން އުޅެނިކޮށް ވޯޓަށް އަހާއިރު، މި ފިލްމަށް އެވޯޑް ހައްގު ނުވޭތޯ އެވެ؟ މިއީ ކާކަށް އޮޅުވާލަން ކުރައްވާ ކަމެއްތޯ އެވެ؟ އެންމެންނަށް މިވާގޮތް އެބަ އެނގެ އެވެ. މަސީހެވެ. އެތެރޭގައި ކެކެމުން ދިޔަ އަލިފާންގަނޑު ޖަޒުބާތުގައި ހުންނަވައިގެން ބޭރުކޮށްލައްވާއިރު، ވިދާޅުވެވޭ އެއްޗަކާ މެދު ވިސްނާލުން ރަނގަޅުވާނެ އެވެ. 

ސައްހަ ހަބަރު ވަރަށް ބައިވަރު އެބަ ހުރި ކަމަށް ވިދާޅުވެ މަސީހު ސުވާލުތަކެއް ކުރެއްވި އެވެ. ދެން ކީއް ކުރަންތޯ އިތުރު ރަހަތައް ގެނެސް ތަޣައްޔަރު ކުރަނީ؟ ބްރިޖު އަޅާ ވާހަކައެއް ވެއްޖެއާ ބްރިޖު އަޅައޭ ލިޔުނީމަ ނިމުނީ ނޫންތޯ؟ ބުރިޖު މަތިން ދެވޭނެއޭ އެތަނުގެ ކައިވެނި ކުރެވޭނޭ ލިޔުނީމަ ނިމުނީ ނޫންތޯ؟ 

މަސީހު ބޭނުންފުޅެވެގެން އެ އުޅުއްވާ ވަތްތަރުގެ ހަބަރުގެ މިސާލެއް ކިޔައިދޭނަމެވެ. މާލެ އަތޮޅުގައި ފަޅެއް ހިއްކުމުގެ މަސައްކަތް އެބަކުރެ އެވެ. މި ފަޅު ހިއްކުމުގެ ސަބަބުން އިތުރު 500 ފަތުރުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ. އިގްތިސާދަށް އިތުރު ފައިސާ ވަންނާނެ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ އެވެ. މިހާ ހިސާބުން ހަބަރު ނިންމާލާށެވެ. ދެން އިތުރަށް އެއީ ކާކަށް ދިން ފަޅެއްތޯއާއި، އެ ފަޅުގެ އިކުއިޒިޝަން ކޯސްޓް ދެއްކިތޯއާއި، އީއައިއޭ ހެދި ތޯ ބަލާނެ ކަމެއް ނެތެވެ. އަދި އެތަނުގައި ރިސޯޓް ހަދައިގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ވަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށްތޯ ނުވަތަ އަޅަނީ ކަނޑަށްތޯ ވެސް ބަލާނެ ކަމެއް ނެތެވެ. މިއީ ޑިމޮކްރަސީއެއްގެ ހަބަރުގައި ހިމަނަންޖެހޭ އެއްޗެއްސެއް ނޫނެވެ. ފަޅު ދިނުމުގައި ހިންގާފައި އޮތް ކޮރަޕްޝަނުގެ ވާހަކަ ލިޔެފިއްޔާ ވާނީ ދޮގު ހަބަރަކަށެވެ. ނޫސްވެރިންނެވެ. ފޮތް ދަބަހާއި ފަރުގާލު ފޮށި ހިފައިގެން ކިޔަވަންދާން ތައްޔާރުވާށެވެ. ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

މަސީހަށް ވެސް އެނގެންވީ ހަގީގަތަކީ، މިއީ ރައީސް އޮފީހުން ނެރޭ ނޫސްބަޔާން ހަމައެކަނި ލިޔުނު ޒަމާން ނޫން ކަމެވެ. ވެރިން ކުރާ ވައްކަންތަކާއި ހިންގާ ކޮރަޕްޝަން ލިޔަން ނުކެރިގެން އުޅުނު ޒަމާން ވެސް ނޫން ކަމަށެވެ. ލޯކުރިމަތީގައި ހިންގާ ޖަރީމާތައް، ނުފެންނަ ކަމަށް ހެދިގެން، އިވޭ އަޑުތައް ނީވޭ ކަމަށް ހެދިގެން ތިބި ޒަމާން ވެސް ނޫން ކަމަށެވެ. އަތްފައި ބުރިކޮށް، ގޯންޏަށް އަޅައި ކަނޑު ފެއްތިޔަސް މި ޖީލުގެ ނޫސްވެރިން ނުހުއްޓުވޭނެކަން މަސީހަށް މާބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. މަސީހު ފަދަ ބާރުގެ ބޭނުންފުޅު ނާޖާއިޒު ގޮތުގައި ހިއްޕަވާ ބޭފުޅުން ކުރައްވާ ކަންތައްތައް ރައްޔިތުންނަށް އަންގައިދޭން ނޫސްވެރިން ތިބޭނެ އެވެ. ހަޖަމު ނުވަންޏާ ރައީސް ޔާމީން ވިދާޅުވި ފަދައިން ޑައިޖީން ބޭނުން ކުރައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 އޮކްޓޯބަރ 2017 | ހުކުރު 10:06
ކާޖާ
.ތި.އެމް.ޑީ.ޕީ.އަށް ކަމެންނުވިއޭނުން ވޯޓްލައިގެން ހޮވިގޮތަށް ނުބޭލުނެވެ