ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 00:23
އދގެ އިޤްތިޞާދީ އަދި އިޖްތިމާއީ ކޮމިޓީގެ އާއްމު ބަހުސްގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވާހަކަ ދައްކަވަނީ
އދގެ އިޤްތިޞާދީ އަދި އިޖްތިމާއީ ކޮމިޓީގެ އާއްމު ބަހުސްގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓްރީ
ޔޫއެންޖީއޭ: ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް އެބަހުރި: ޑރ. ޢަލީ ނަޞީރު
"ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ދޫކުރުމުގެ އޮނިގަނޑު އޮތީ ކުދި ޤައުމުތަކަށް ފަހި ގޮތަކަށް ނޫން"
އިޤްތިޞާދީ ދުވެލި ހަލުވި ކުރުމަށް ބޭރުގެ އިންވެސްޓްމަންޓް ބޭނުންވޭ: ޑރ. ނަޞީރު

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ގޮންޖެހުންތައް އެބަހުރި ކަމަށް ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ އިޤްތިޞާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގެ އާއްމު ބަޙުސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޞީރު ވިދާޅުވީ، 1971 ވަނަ އަހަރު ދިވެހިރާއްޖެ އޮތީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ކަމަށާއި އޭގެ 40 އަހަރު ފަހުން ދިވެހިރާއްޖެ މިހާރު މިވަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އަޅާ ކިޔޭފަދަ، މެދުފަންތީގެ އާމްދަނީ އެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ކަމަށެވެ.

އަދި އދ. އާއި އެހެނިހެން ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ދިވެހިރާއްޖެ އާދެމެދު އޮތް ވަރުގަދަ ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ އިޤްތިޞާދާއި އިޖުތިމާޢީ ތަރައްޤީގެ ދުވެއްޔަށް ޙަލުވި ކުރިއެރުމެއް ލިބިގެންދިޔަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންގޮސްދިން އުއްމީދީ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ތަންފީޒް ކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކާއި ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ތަރައްޤީގެ ހަރުގަނޑުން މައްޗަށް އެރުމަށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އަށް މިދަތުރުގައި އެހީތެރިވެދިން ބައިވެރިންގެ ދަޢުރު ފާހަގަ ކުރާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ.

މީގެ އިތުރުން އދ. ފަދަ އޮނިގަނޑެއްގެ  ތެރެއިން މިފަދަ ގުޅުންތަކަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ ކަމަށް ވިދާޅުވެ، އދ. އާއި އެޖަމިއްޔާގެ ބައިވެރިންގެ މެދުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ޑރ.ނަސީރު ފާހަގަ ކުރެއްވި އެވެ.

ތަރައްޤީގެ ހަރުގަނޑުން ދިވެހިރާއްޖެ ދެން އޮތް ފިޔަވައްސަށް ދަތުރު ކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވި ކުރުމަށް ބޭރުގެ އިންވެސްޓްމަންޓަށް ބޭނުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ދޫކުރުމުގެ އޮނިގަނޑު އޮތީ ކުދި ޤައުމުތަކަށް ފަހި ގޮތަކަށް ނޫން ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގައި ކުދި ޤައުމުތަކަށް ލޯނު ދިނުމަށް ފަހި މާޙައުލެއް ގާއިމް ކުރުމުގައި އދ. އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް