ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 00:18
ރޮޒައިނާ އާދަމް
ރޮޒައިނާ އާދަމް
މުހައްމަދު ޝަރުހާން
ރޮޒައިނާ އާދަމް
ސިފައިން ލައްވާ މަޖިލިސް މެމްބަރުންނަށް އަނިޔާކުރާ މަންޒަރު ފެންނަން ޖެހޭނެ : ރޮޒައިނާ
ހުރިހާ މައްސަލައަކީ އިތުބާރު ނެތް މީހަކު ރިޔާސަތުގައި އިނުން
ސިފައިންނަށް މެމްބަރުންނަށް ހުރަހެއް ނޭޅޭނެ

ރައްޔިތުންގެ މަޖިލިސްކުރާގެއަށް ސިފައިން ވައްދައިގެން މަޖިލިސް މެމްބަރުނަށް އަނިޔާ ކުރާ މަންޒަރާ މަޖިލީހުގެ ރައީސް ގަދަބާރުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާ މަންޒަރު ރައްޔިތުންނަށް ފެންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހަލަބޮލިކަމަކަށް އައިސް ހަމަ ނުޖެހުންތައް ހިނގަނީ މެމްބަރުންގެ އިތުބާރު ނެތް މީހަކު ރިޔާސަތުގައި އިންނަވަން މަސައްކަތް ކުރައްވާތީ ކަމަށެވެ.

 

" ގަދަ ބާރުން މަޖިލިސް ރައީސްގެ ގޮނޑިއަށް އަރާ އިނދެގެން ވަށައިގެން ސިފައިން އަތުރާލީމަކާއެއް ދެނެއް ރީތި ތަންތަނެއް ނުފެންނާނެ. އެހާ ހިސާބުން އެ އޮތީ ރީތިކަން ގޮސްފަ. މަޖިލީހުގެ ޖަލްސާގެ ސައްހަކަން ވެސް ގޮސްފައި. އެ ހިސާބުން ރައްޔިތުންނަށްޓަކައި މަޖިލީހަށް ވަދެ ތިބި މެމްބަރުންގެ ވާޖިބަކަށް ވާނީ އެ މަންޒަރުތައް ރައްޔިތުންނަށް ދެއްކުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައްހަ ނޫން ރައީސަކަށް ފުރުސަތު ދީގެން މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުގެންދެވޭނެއެވެ.

" އަޅުގަނޑުމެންވެސް އުފަލެއް ނުވޭ މަޖިލީހުގައި މި ކުރަން ޖެހޭ ކަންތައް ތަކާ ހުރެ. އަޅުގަނޑުމެން ކުރަން ރައްޔިތުންނާ ގުޅުންހުރި ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އެހެން ނަމަވެސް އެންމެ ފުރަތަމަ ކަންތައް ގޯސްކޮން އޮވެގެން ދެވަނަ ކަންތަކާ ހަމައަށް ދާނީ ކިހިނެތް ތޯ. ފުރަތަމައިނުން ސައްހަ ނޫން ރައީސަކު ގޮނޑީގައި ބައިންދައިގެން އިތުރު މަސައްކަތެއް ފަށާނީ ކިހިނެތް ތޯ؟،" ރޮޒައިނާ ވިދާޅުވި އެވެ.

މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީވެސް މަޖިލިސް މެމްބަރުންނަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައަށް ހުރަސްއަޅުއްވަމުން ގެންދަވަނީ ވެސް ގާނޫނުތަކާ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހް މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ނިޒާމް ގެއްލިފައިވަނިކޮށް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

" މަސީހަކަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ އެތަނުގައި މީހަކު ހޭނެތިގެން ވެއްޓުނަސް. މަސީހަކަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ މަޖިލިސް މެމްބަރަކު ތެދުވެ ކުޅު ޖެހިޔަސް. މަސީހަށް ނިޒާމް ގެއްލޭ ވަގުތެއް ނާދެ އޭނާ އިންނަ ގޮނޑި ނަގައިގަނެގެން އެހެން ތާނަކަށް ގެންދިޔަޔަސް. މަޖިލިސް ދޮރު ކަންމަތީ މަޑުކޮށްލައިގެން ހުރެވެސް އޭނާ ކިޔާ އެއްޗެއް ކިޔާ،" ރޮޒައިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ ސިފައިންނަށް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނުން މަނާ ނުކުރެވޭނެ ކަމަށް ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ މަޖިލިސްކުރާގޭ އިދާރާއަށް ނުވަދެވޭ މައްސަލާގައި ޕީޕީއެމްގެ މެމްބަރުންވެސް މިހާރު ޝަކުވާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ މަސައްކަތްތަކަކީ ކޮބައިކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެގޮތުން ވަޒީރުން މަޖިލީހަށް ހާޒިރުކުރުމަށް މެމްބަރުން ދެކޮޅު ހައްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި ވިދާޅުވީ މިއަދު ގާނޫނުތައް ހެދެނީވެސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ސަރުކާރުން ހުށަހަޅާ އެއްޗަކަށް ދެކޮޅު ހެދުމުގެ ބާރުވެސް ނޯންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް