ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 22:09
ކެންސަރަށް ސްކްރީން ކުރުމާއި، ހޭލުންތެރި ކުރުމުގެ އިތުރުންވެސް އައިޖީއެމްއެޗުން ދަނީ މި މަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގަމުން
ކެންސަރަށް ސްކްރީން ކުރުމާއި، ހޭލުންތެރި ކުރުމުގެ އިތުރުންވެސް އައިޖީއެމްއެޗުން ދަނީ މި މަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގަމުން
ގޫގުލް
އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗްގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި
އޮކްޓޯބަރ މަސް ނިމެންދެން ހަފްތާއަކު 5 ދުވަހު ކެންސަރަށް ސްކްރީން ކުރެވޭނެ

އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރާ މަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރާ މި އޮކްޓޯބަރ މަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޚާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރާ މަސް ފާހަގަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ހަފްތާއަކު ދެދުވަހު އާންމުކޮށް ހިންގާ ކެންސަރަށް ސްކްރީން ކުރުމުގެ ކްލިނިކް އިތުރު ދުވަސްތަކުގައި ހިންގަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ ނިޔަލަށް ކޮންމެ އާދީއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ކޮންމެ ދުވަހަކު ވެސް ހެނދުނު 8 ން 10 ށް، އެ ކްލިނިކް ހިންގާނެ ކަމަށާއި، އުމުރުން 40 އަހަރުން މަތީގެ ފަރާތްތައް އައިޖީއެމްއެޗްއަށް ވަޑައިގަތުމުން، މެމޯގްރާމް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އައިޖީއެމްއެޗުން މި ޚިދުމަތް ދެމުންދަނީ އާސަންދައިގެ ދަށުންނެވެ.

މައުސޫމް ވިދާޅުވީ، 40 އަހަރުން ދަށުގެ ފަރާތްތަކަށް ވެސް، ޑޮކްޓަރަކަށް ދައްކައިގެން، އާންމު އުސޫލުން ކެންސަރަށް ސްކްރީން ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މައުސޫމް އިތުރަށް ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރާ މަސް ފާހަގަކުރުމުގެ ގޮތުން އެ ހޮސްޕިޓަލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންދާ ކަމަށާ، އެ ސެޝަންތަކާއި ގުޅޭ މަޢުލޫމާތު އެ ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކުރަމުންދާނެ ކަމަށެވެ.

ކެންސަރަށް ސްކްރީން ކުރުމާއި، ހޭލުންތެރި ކުރުމުގެ އިތުރުން ވެސް އައިޖީއެމްއެޗުން ދަނީ މި މަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމު އެއް ބާވަތްކަމުގައިވާ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު، އުމުރުން ދުވަސްވީ ވަރަކަށް އިތުރުވެގެން ދެއެވެ. ފިރިހެނުންނަށް ވެސް މި ބާވަތުގެ ކެންސަރު ޖެހުނު ނަމަވެސް، އާންމުކޮށް މި ބާވަތުގެ ކެންސަރު ޖެހެނީ އުމުރުން 40 އިން މައްޗަށް ގޮސްފައިވާ އަންހެނުންނަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް