މަޝްހޫރު މީހުންނާ ބައްދަލުކުރުމަކީ އެންމެންވެސް ކުރާހިތްވާކަމެކެވެ.އަނެއްކާ އެފަދަ މީހަކާ ދިމާވެއްޖެނަމަ އެންމެ ބޭނުންވާ އެއްކަމަކީ އެކުގައި ފޮޓޯއެއް ނަގާލުމެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ހަޔާތުގައި އެފަދަ ފުރުސަތުތައް ލިބޭނީ ކޮންމެވެސް މިންވަރަކަށެވެ.
ފޮޓޯޝޮޕްގެ އެހީގައި އެވަރޭޖް ރޮބް އަށް ބައްދަލު ނުވާ މީހެއް މަދެވެ. ބެލްޖިއަމް އަށް އުފަން ރޮބްއަށް ހިތު އެޅި ކޮންމެ ޝަޚްސިއްޔަތަކާ ވަނީ ބައްދަލުވެފައެވެ.މަޝްހޫރު ބައެއް ފަންނާނެއްކަމަށްވާ ޓެއިލަރ ސްވިފްޓް އާއެކު ޑޭޓްކުރިކަމަށްވެސް އޭނާ ބުނެއެވެ.
ކިމް ކާޑޭޝަންގެ ދެމަފިރިންނާއެކު ރެޑް ކާޕެޓްގައި ހިނގާލައި ޑޭވިޑް ބެކަމްގެ ކޮނޑުގައި ބޯއަޅައިގެން އޮއްވައި ނިދުމަކީވެސް ރޮބްއަށް ކުރެވިފައި ހުރި ކަންކަމެވެ. މޮޅުކަމަކީ މިއިން އެއްވެސް ކަމެއް ރޮބްއާއެކު ކުރެވުނުކަން މިއިން ފަންނާނަކަށް ނޭނގޭތީއެވެ. ރޮބް މިކަން ކުރަނީ ފޮޓޯ ޝޮޕުންނެވެ. 2015 އިން ފެށިގެން ރޮބް ވަނީ އެތައް ބައިވަރު ލަވަކިއުންތެރިންނާއި ފިލްމީދާއިރާގެ ފަންނާނުންނާ ސިޔާސީ ފަރާތްތަކާއި މިނޫންވެސް އެތައް ބަޔަކާއެކު ބައްދަލުވެފައިވާކަން ދައްކައި ފޮޓޯޝޮޕް ބޭނުންކޮށްގެން ފޮޓޯ ހަދާފައެވެ.
މި "ފޭކް" މަސައްކަތާއެކު އޭނާވެސް ވަނީ މަޝްހޫރުކަން ހޯދާފައެވެ.އެއީ އަސްލު ނޫން ފޮޓޯކަން އެނގޭއިރުވެސް އޭނާ ކޮށްފައި ހުންނަ ކަންކަން ބެލުމަށް އިސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 187،000 އަށް އަރައެވެ. ފޭސްބުކްގައި 34،000 މީހުން އޭނާ ފޮލޯ ކުރެއެވެ.ރޮބް ބުނި ގޮތުގައި އޭނާ މިކަން ކުރަން ފެށީ ކުލާހުގަ އިނދެ ފޫހިވާތީއެވެ.އޭގެ ފަހުން އޭނާއަށް އެނގުނީ އެ ކަމަކީވެސް މީހުން ހެއްވާލަން ކުރެވިދާނެ ކަމެއްކަމެވެ.