ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 16:39
ރައީސް ޔާމީނާއި ސަރުކާރާ ދެކޮޅަށް ގއ ވިލިނގިލީގައި ޝުޢޫރު ފާޅުކުރަނީ
ރައީސް ޔާމީނާއި ސަރުކާރާ ދެކޮޅަށް ގއ ވިލިނގިލީގައި ޝުޢޫރު ފާޅުކުރަނީ
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ޕްރޮޖެކްޓްތަކުގެ ހަޤީގަތް ސަރުކާރުން ހާމަކޮށެއް ނުދޭ
މެނިފެސްޓޯގައި ހުރި ބޮޑެތި ވައުދުތައް ވީތަނެއް ނޭނގޭ
ވެރިކަމަށް ގެންނެވި ރައީސް މައުމޫންއަށް ކުރެވޭ ގޯނާ ޕީޕީއެމް މެންބަރުންނަކަށް ބަލައިގަންނަން ދަތި

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމެންދަނީއެވެ. ރިޔާސީ އިންތިޚާބު ނަގާ ބޯމަތިވެއްޖެއެވެ. ދެންވާ ކުރާން ހުރިކަންކަން އަތުފަތުނޭޅި ކުރިއެއް ކަމަކު ނިންމާލެވޭނޭ ކަމުގެ ޔަޤީންކަން ކުޑަވެއްޖެއެވެ. މެނިފެސްޓޯގައި ހުރިކަންކަން ހުރީ ހަމަ ހުރިގޮތަށެވެ. މަސްވެރިން ބާނާ މަސްކޮޅު ހަމަޔަށް ކިރާލެވޭނެ ގޮތްތަކެއް ހޯދިފައި ނެތްއިރު މަސްނުބެޔަސް ލިބޭނެ ކަމަށް ބުނި ދިހަ ހާސް ރުފިޔާ ލިބުނު ފަޅުވެރިއެއް އަދި އޮޑިވެރިއެއްވެސް ނެތެވެ. ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ ނުދެވި އޮތްއިރު ހެއްދި މިރުސްކޮޅު ކައިރި ރަށްރަށަށް ގެންދެވެމުން އައި ކުރީގެ ސަރުކާރުން ފެށި ފެރީ ނިޒާމްވެސް ގާތްގަނޑަކަށް ހުއްޓިފައެވެ. ރިސޯޓް ހިއްސާ ލިބޭނޭ ކަމަށް ހީކުރި މުވައްޒަފުންނަށް ވީކަމެއް ހަރާމުން ހަރާމެވެ. އަލަތު ކައިވެންޏާއެކު ފްލެޓް ލިބޭނެޔޭ ބުނީތީ ކައިވެންޏައް ތައްޔާރުވަމުން އައި ޖޯޑުތައްވެސް ރޫޅި ދެތަންވެ ދިޔައީއެވެ. ކާފަގެ މަސްބެހުމަށް ބަހާލި ފްލެޓް ކޮޅުވެސް ލިބުނީ ގާތުގައި ގެންގުޅޭ ކުދިން ކޮޅަށާއި އިދިކޮޅު މީހުން މައިތިރިކުރާން ބޭނުންކުރާ އެސްއޯ ފުލުހުންނަށެވެ. ބޭސް ސިޓީއެއް ލިބޭ ބޭހެއް ނެތުމުން ހުސްނުވާނެ ކަމަށް ބުނި އާސަންދަ ހުސްނުވާގޮތް ރައްޔިތުންނަށް ފަހުމްވެ ނިމުނީއެވެ. ޔަޤީން ކަރަންޓަށް ގެނައި ބައު އިންޖީނުތަކުން ރަށްރަށް ކަނު އަނދިރިއަށްވުން އިތުރުވަނީއެވެ. ސިއްސައިގެން ދާވަރުގެ އިންވެސްޓަރުން ގެންނާން ހެދި އެސްއީޒެޑުން ވީކަމެއް ނެތުނީމާ ބޭރުގެ ބޮޑެތި މަހުޖަނުންނަށް ބިންވިއްކާން ގެނައި އިސްލާހުން ވީކަމެއްނެތުނީއެވެ. ޙަޤީގަތް އެނގި ސައޫދީ މުހައްމަދުވެސް ވައިނޭޅުމުން އެކަންވެސް ފްލޮޕްވީއެވެ. ޒުވާނުންނަށް ދިން ނުވަދިހަ ހާސް ވަޒީފާގައި ޔޫތު ސިޓީގައި ޖަހަންފެށި ފިޔައިން އެލްއެސްޑީގައި ނިމިދަނީއެވެ. ބިރުވެރިކަމެއް ނާމާންކަމެއް ނެތް ހާއުފާވެރި ރާއްޖެއިން 28 މީހަކު ކޮށާލާ މަގުމައްޗަށް އަޅާލީއެވެ. ޒަރޫރީ ޚިދުމަތްތަކުގެ އަގު އަތްނުފޯރާފަށަށް އުފުލުނުއިރު މުވައްޒަފުންގެ އޯޓީތައް ލިމިޓް ކޮށް ނިންމާލީއެވެ. ބުނެވޭ އެއްޗަކުން ޕޯސްޓަކަށްދޭ ލައިކަކުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެ މީހުންތައް ރޫރޫއަޅައަޅައެވެ.

މިކަންކަމާހުރެ ވެރިކަމަށް ގެނައި މީހުންވެސް އިންތިހާއަށް ކަންބޮޑުވެއްޖެއެވެ. މޮޅު އިޤްތިސޯދީ މާހިރުގެ ފެންވަރުގެ ޕްލޭނެއް ނުފެނި ރައްޔިތުން މާޔޫސްވީއެވެ. ލިބޭ އަނިޔާއާ އިންސާފާއި ހަމަހަމަ ކަމެއް ނެތް ތަފާތު ކުރުންތަކުން ރައްޔިތުންގެ އިންތިހާ ނަފްރަތު އުފުލިގެން ދިޔައީއެވެ. ރައީސް މައުމޫނާ ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ބަހަށް ކުރި ތާއީދުވެސް އަނބުރާ ގެންދިޔައީއެވެ.

މިހާލަތައް އައިރު ތާއީދު ހޯއްދެވުމަށް ރައީސް ޔާމީން އެފެއްޓެވީ މުޅިން އެހެން ކަމެކެވެ. ހައްދަވާން ފެށީ އާ މަންތަރެކެވެ.

ބޮޑެތި ސިންގާހާ ބިޔަ ޕްރޮޖެކްޓްތައް ހިންގުމެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެވެ. އަމާޒު ފަތްގަނޑަކަށް ދެކޭ ބްރިޖެވެ. ބިން ވިއްކަން ކަނޑައަޅާ ތަންތަނުގައި ހުންނަ އިމާރާތްތައް ތަޅާ ހުސްކުރުމެވެ.

އެކަމަކު ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ ކަންކަމުގެ ގޮތުގައި ހިންގާންފެށި މިފަދަ ބިޔަ ޕްރޮޖެކްޓްތަކާއި ރައްޔިތުން މުނިއަވަސް ފިލުވުމަށް އެއްވެ އުޅުމަށް ހަދާ ޕާކްތަކުގެ ހަޤީގަތް ރައްޔިތުންނަށް ހާމަވެއްޖެއެވެ. ނަގާ ބޮޑު ކަޓުގެ ވާހަކަ ނޭނގޭ މީހަކު ނެތުނީމާ އެއަށް އަތްޖަހާނޭ މީހަކު މިޤައުމަކު ނުހުރެއެވެ. އައިޖީއެމްއެޗްފަދަ އިމާރާތް އަޅަން އޭގެ ދެއިމާރާތް އަޅާވަރަށް ފައިސާ ހޭދަ ކުރީމާ ރައްޔިތުންގެ ހިތުގައި އުތުރި އަރަނީ ލޯތްބަށްވުރެ ކުރާ ނަފްރަތެވެ. ދަތްކުނޑި ވިކައިގަނެ މަށެއްވާ ދެނެއް ވޯޓެއް ނުދޭނަމޭ ބުނާ ކަހަލައެވެ. އިދިކޮޅު މީހުން އެކަންކަމުގެ ތަފްސީލް ދައްކާށޭ ބުނީމާ ގެންގޮސް ގޮޅިއަށްލާ އެވާހަކަ ދެއްކިޔަ ނުދިނީމާ ގާތުގައިތިބި ޕާޓީ މީހުންކޮޅަށްވެސް ސުވާލު އުފެދިއްޖެއެވެ. ފޮރުވާނޭ އެއްޗެއް ނެތިއްޔާ ހާމަކުރާން ނުކެރެނީ ކީއްވެހޭ ހީކޮށް އެވެރިންވެސް އިސްއުފުލާލާކަށް ބޭނުމެއް ނުވެއެވެ.

ފަހު "ސިހުރެއް"ގެ ގޮތުގައި ދެން ފެނުނީ ކާފަގެ މަސްބެހުމަށް ބަހާލި ފްލެޓެވެ. ޕޮއިންޓް ލިބުނު ގޮތާ ފްލެޓް ލިބެން މެދުވެރިވީ ކީއްވެތޯ ތަކުރާރުކޮށް އަހަން ފެށީކީ ހަމައެކަނި ނޫސްވެރިންނެއް ނޫނެވެ. އެވެރިން ލައްވާ އެންމެ ގިނައިން އެހި އެއްބަޔަކީވެސް ރަތްލާޖެހި ޕީޕީއެމް މީހުންނެވެ. ބުނިއްޔާ ބުނިހާގޮތެއް ހަދައިގެން ތިބި އަމިއްލަ ޕާޓީގެ ދެމެންބަރަކުވެސް ޝަކުވާގެ ސިޓީ ބަނދެލީއެވެ. ވައިބަރ ގުރޫޕްތައް ބަންޑުންވާވަރަށް ޝުއޫރުތައް ފާޅުކޮށްލީއެވެ. މެޑަމް އޮފީހުން ބަޔަކަށާއި މެންބަރުންގެ ތިމާގެ މީހުންނަށާއި ޖަގަހަތަކުގައި ކޮފީ ގިރައިދޭ މީހުންނަށް ފްލެޓް ލިބުނު އިރު ސީދާ ޕީޕީއެމް ތެރޭގައިވެސް ތިބި މަތީ ޕޮއިންޓް ލިބުނު ނިކަމެތި މީހުން ތިބީ އަނގަމައްޗަށް ޖަހައިގެންނެވެ.

ތާއީދު ހޯދަން ގަތްގަނޑުން ތާއީދުކުރާ މީހުން މަދުވެ ކުރިން ތާއީދުކުރި ޕާޓީ މީހުންވެސް އެވަނީ ތުން އަނބުރާފައެވެ. އެކަން ފޫބައްދަން ދެން އެބުނި އެއްޗަކުން ވެސް މީހުންގެ ގާތައް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. ހޯހޯއޭ ދެންވާ މަވާ ސަލާމޭ އެބުނެލަނީ މިވެރިކަމުގައި ކޮޅަށް ނެގުނު އެންމެ ފްލެޓެއް ނެތި 4 އަހަރު ނިމޭއިރު އެންމެ އަހަރަކުން 7000 ފްލެޓް އަޅާ ހަވާލުކުރާނަމޭ ބުނީތީއެވެ. ކުޑަކުދިން ލޮއްސަން ދައްކާ ކަހަލަ ވާހަކަ ބޮޑެތި ސިންގާ މީހުން ގާތު ދައްކާން ފެށީމައެވެ

މިކަންކަމާ އެއްޗެއް ބުނެ ފާޑު ކީމާ ދެންވެސް އެފެށީ އާދައިގެ ކަމެއް ނޫނެވެ. ރައީސް މައުމޫނަށް ވަށިވަށިން ދިނުމަށެވެ. އެމަނިކުފާނުގެ މޯހިރުން ވެރިކަމަށާއި މަޖިލިސް މެންބަރު ކަމަށް އާދެވުނީމާ ރަތްމަހަކަށް ނުގޮވާހާ އެއްޗެހި ގޮވާކަށް މަޖްބޫރުން ވެސް ގާތުގައި ތިބި މީހުންނަކަށް ހިތަކާ ނުވިއެވެ. ކުރިމަތިލައިގެން ތިބެން މަޖްބޫރުވީމާ ނުގޮތަކަށްތިބެ އަތްޖެހިއަސް ފަސް އެނބުރުނީމާ އެގޮވަނީ މަވާ ސަލާމޭއެވެ. އަދުރޭއާ ނިހާނާ ދެންވެސް ތިބިއްޔާ ތިބި ބަޔަކު ކެމްޕޭނުގައި ގައިގާ ތަތްކޮށްގެން އުޅުނު ރައީސް މައުމޫނުގެ ފޮޓޯ ގަނޑު ނަގާ އެއްލާލާފައި ރައީސް މައުމޫނަށް ކުރުދޮށިން ދޭން ފެށީމަކާ ކަނޑިކިބުރި ހަނދާން ނެތުނީހޭ ފައިން ދޮންވެލި ނުހިކެނީސް ތިޔައުޅެންފެށިގޮތުން ރަނަގަޅެއް ނޫނޭ ބުނަންފެށީކީ މަދެއްކަ ބައެއް ނޫނެވެ.

ކޮންމެއަކަސް ރައީސް ޔާމީނެވެ. ތާއީދު ހޯދުމަށް ތިޔަގަންނަ ސަކަރާތަކުން އަދި ތިޔަކަމެއް ވާކަށްނެތެވެ. ހަޤީގަތުގައި ރައްޔިތުން ނަކީ މިއަދު އަންޒަމާނުގައި އުޅުނުފަދަ ބޯދާ ބައެއް ނޫނެވެ. ތަންދޮރު އޮޅުންފިލާފައި ތިބޭބައެކެވެ. ޒަމާނީ ވަސީލަތްތަކާއި ހުށިޔާރު ޓެކްނޮލޮޖީގެ ބޭނުން ރަނގަޅަށް ހިފަމުން އަންނަ ބައެކެވެ. އަތުގައި އޮންނަ ސްމާޓް ފޯނުން މިއަދު ނުހޯދާ މައުލޫމާތެއް ނެތެވެ. އެހެންކަމުން އެމީހުން އެޤަބޫލް ކުރަނީކީ އަދި މަނިކުފާނުގެ ތިއަރީއެއް ނޫނެވެ. އާޚިރުގައި ފެންނަނީ ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރެއް" ރަނގަޅަށް ނުހެދި އަމިއްލަ މީހާއަށް ކުރާ މަންޒަރެވެ. ދޮން އަންހެން ކުއަޖްކު ހޯދަން މަންތަރުހެދި އަނދުން އަޅައިގެން ނުކުމެ ކަޅު ފިރިހެނަކާ ހަތަރުކަޅި ހަމަކުރީމާ ފަހަތުން އަވަލާ ބީދައިންނެވެ. ތާއީދުގެ ބަދަލުގައި އޭގެ ކޮންމެ ކަމަކުން ފެނިގެން އެދަނީ ރައްޔިތުންގެ ނަފްރަތެވެ. އިންތިހާ ދަރަޖައިގެ ފޫއްސެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް