ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 16:14
ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހު
ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހު
މުހައްމަދު ޝަރުހާން
ހައްވާ އަޝްރާ
ލަވަކިޔުންތެރިޔާ އަޝްރާއާއި ލޯބިވެރިޔާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރު ކޮށްފި
އަޑުއެހުން ސިއްރުކުރީ ނަޒީހުގެ ފަރާތުން ހުށަހެޅުމުން
އަޑުއެހުން ސިއްރުކުރުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވޭ
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފަ

ލަވަކިޔުންތެރިޔާ ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހުގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރު ކޮށްފި އެވެ.

އަޝްރާއާއި ނަޒީހުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ.

އެ ޝަރީއަތުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުން ފެށުމާއެކު ނަޒީހުގެ ގާނޫނީ ވަކީލު ވަނީ އަަޑުއެހުން ސިއްރު ކޮށްދީގެން ބައެއް ކަންކަން ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަޑުއެހުމަށް ވެދެ ތިބި މީހުން ނެރުމަށް ފަހު ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓަށް ފަހު އަނެއްކާ ވެސް އަޑުއެހުމަށް މީހުން ވެއްދި އެވެ.

އަޑުއެހުމަށް މީހުން ވެއްދުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ނަޒީހުގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން މި މައްސަލަ މީގެ ފަހުން ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާ ކަމަށެވެ. އަދި ނަޒީހުގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ދައުލަތުގެ ފަރާތުން އިއުތިރާޒް ކޮށްފައި ވެސް ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއާއެކު މައްސަލަ އަޑުއެހުމަށް ވަދެ ތިބި މީހުން ނެރެލި އެވެ.

އަޝްރާއާއި ނަޒީހުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ނަޒީހު ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭގެ ޖުމްލަ 39.3948 ގްރާމްގެ ތަކެތި އެ ކޮޓަރިން ވަނީ ފެނިފަ އެވެ. އޭގެތެރޭގައި 74 ގުޅަ ހިމެނޭ ކަމަށާއި އެ ކޮޓަރި ބަލައިފާސްކުރަމުން ދަނިކޮށް ނަޒީހް އެނދުގެ ބާލީސް ދަށަށް އެއްޗެއް ލާ ތަން ފެނިގެން އެތަން ބެލިއިރު ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދައުވާގައި ބުނެ އެވެ. 

އެ ކޮޓަރިން 1256 އެމެރިކާ ޑޮލަރާއި 7،800 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އެ ފައިސާއަކީ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް