ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 16:09
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
ގޫގުލް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!
ބައިމިލިޔަން ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައި
އދ ގެ ސެކިޔުރިޓީ ކައުންސިލުން މި މައްސަލާގައި ބައްދަލު ކުރިއިރު އަދި ގޮސްފައި އޮތް ހިސާބަކީ، މިކަން ހުއްޓާލުމަށް ގޮވާލުން
ޑިމޮކްރަސީ ގެ ހައްގުގައި ވަކާލާތު ކުރައްވާ މިޔަންމާގެ ލީޑަރު ސޫޗީ އަށް އަދި އެއްވެސް ހައެްލެއް މިކަމަށް ހޯއްދަވައިދެއްވިފައެއް ނުވޭ

މިޔަންމާ ރޮހިންޖާ މުސްލިމުން ގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ވަރަށް ގިނަ ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދަނީ ދައްކަމުންނެވެ. އޭގެތެރޭގައި ބާރުގަދަ ޖަމިއްޔާތަކާއި ނުފޫޒު ގަދަ ބޭފުޅުން ހިމެނެއެވެ. އެހެން ނަމަވެސް ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެ ބާރުގަދަ ނުފޫޒުގަދަ ޖަމިއްޔާތަކާއި ނުފޫޒު ގަދަ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅާއި އަދި ވިދާޅުވާ ބަސްފުޅުތަކުން މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. 

ރޮހިންޖާ މުސްލިމުންނާ މެދު ބުނެއުޅެނީ އަދި ގަބޫލުކުރެވިފައިި ވަނީ އެއީ ދުނިޔޭގައި އެންމެ ނިކަމެތިކޮށް ކަމޭހިތޭ މައިނޯރިޓީގެ ގޮތުގައެވެ. އެމީހުންނަކީ ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ދިރިއުޅޭތާ އެތަކެއް ސަތޭކަ އަހަރުވެފައިވާ ބައެކެވެ. އެމީހުންގެ ގައުމުގައި ހިމެނޭ 135 ރަސްމީ ނަސްލީ ގްރޫޕްތަކުގެ ތެރޭގައި އެމީހުން ނުހިމެނެއެވެ. ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ލިބިފައިނުވާއިރު އެމީހުންވެފައި ވަނީ ގައުމެއް ލިބިގެން ނުވާ ބައެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ އަސްކަރިއްޔާ އިން ދެމުންގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް އދ. ސެކިއުރިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރު ކުރީކޮޅު ގޮވާލާފައެެވެ. މިޔަންމާގެ ސިފައިން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށްވެސް ސެކިޔުރިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސެކިޔުރިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރު ފަހުކޮޅުވެސް މިޔަންމާގެ ހާލަތާމެދު ވާހަކަ ދައްކާފައެވެ. އެ ބައްދަލުވުމުގައި ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އިތުރަށް ގުޓަރޭސް ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ "މިއަދު ދުނިޔޭގައި އެންމެ ބޮޑުވަމުންދާ ރެފިއުޖީ  އިމާޖެންސީ ކަމަށާއި އަދި އިންސާނިއްޔަތާ ގުޅިފައިވާ އަދި އިންސާނީ ހައްގުތަކާ ގުޅިފައިވާ ބިރުވެރިކަމެއް ކަމަށެވެ." ގުޓަރޭސް ވިދާޅުވީ އިންސާނީ  ކާރިސާ އަކީ، ހައްދުފަހަނައަޅައި ދިޔުމާއި، ކުށްވެރިން އުފެދުމާއި އަދި ހިއުމަން ޓްރެފިކް ކުރާ ފަރާތްތައް އުފެދުމަށް ދިމާވާނެ ކަމެއް ކަމަށެވެ. ގުޓަރޭސް އިތުރަށް ވިދާޅުވީ މިޔަންމާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު މިޔަންމާ ސަރުކާރުން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށާއި އަދި ގައުމު ދޫކޮށް ގޮސްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ގައުމަށް އާދެވެން ޖެހޭނެ ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންވެސް ވަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. 

ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރަށް ދުނިޔޭގައި ކަމުވޮށިގެންވާ އަދި  ގަދަރު ލިބެގެންވާ ތަފާތު ޝަޚުސިއްޔަތުތައް ވެސް ވަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާ އެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާފައެވެ. މިޔަންމާގެ ރަކައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުޑިސްޓުންގެ ލީޑަރު ޑަލައި ލާމާ ވަނީ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ގޮވާލައްވާފައެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް، ޑުލައި ލާމާ ގޮވާލައްވައިފައިވަނީ މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށެވެ.  އަދި ، ނޯބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިން ކަމަށްވާ ޑެސްމުންޓް ޓޫޓޫ އާއި މަލާލާ ޔޫސުފްޒާއީ ވެސް ވަނީ ސޫޗީ އަށް މި މޭރުމުން ގޮވާލައްވާފައެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގެ ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާުފައިވާއިރު އެ އޮޕަރޭޝަން އަސްކަރިއްޔާ އިން ކުރިއަށް ގެންދަނީ ސަރުކާރުން ބާރުދީގެންނެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ  އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ. މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

ކަންކަން ނިއުޅެމުންދާ ގޮތަށްބަލާއިރު މިޔަންމާގެ މުސްލިމުންގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ނުފޫޒު ގަދަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަމަލީ ސިފައެެއް އަދިވެސް ނާދެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް