ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 23:12
އެރިޔަދޫ ރިސޯޓް
އެރިޔަދޫ ރިސޯޓް
މޯލްޑިވްސް ޓްރެވެލާ
ސަރުކާރުގެ ބަޖެޓް
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟
2018 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން
ސަރުކާރުގެ ޑެފިސިޓް 4 ބިލިއަން ރުފިޔާއަށް އަރާ
ބަޖެޓުން އާމްދަނީ ހާސިލު ކުރެވޭ މިންވަރު މަދު

އުސޫލެއްގެ ގޮތުން ބަޖެޓެއް ފޯކާސްޓް ކުރަނީ، ކަންކަން ކުރަންޖެހޭ ގޮތްތައް ދެނެގަނެ، ވަކި އުސޫލަކާ  ހަމަތަކެއްގެ ތެެރެއިން  ޚަރަދު ކުރާ ކަންކަމާއި، އެ ބަޔަކު ބޭނުންވާ ޓާގެޓްތައް އެންމެ ފުރިހަމައަށް ހާސިލު ކުރާނެ ގޮތްތައް ސާފު ކުރުމަށެވެ. ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ބަޖެޓު  އަހަރު ނިމުމުގެ ކުރިން އެކުލަވާލުމުގެ މަސައްކަތް ކުރަނީ، އެގައުމެއްގެ ޕްލޭންތަކާއި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ވެސް ހާސިލު ކުރުމުގެ އުންމީދުގަ އެވެ.

 ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ކުރިއަށް އޮތް އަހަރުގެ ބަޖެޓް ޕްލޭން ވަރަށް ފުރިހަމައަށް އެކުލަވާލަ އެވެ. ބަޖެޓް ބަލާފައި، މިއީ ހާދަ އުންމީދުން ފުރިގެންވާ، ލައްކަ ގިނަ މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލު ކުރެވޭހާ މޮޅަށް ބަޖެޓް އެކުލަވާލަ އެވެ.

މިހާރު ދަނީ ރާއްޖޭގެ 2018 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޮކްޓޫބަރު މަސް ނިނުމުގެ ކުރިން ބަޖެޓް މަޖިލީހަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.

ބަޖެޓެއް ވަރަށް ފުރިހަމައަށް އެކުލަވާލެވިދާނެ އެވެ. އެހެން ނަމަވެސް ސުވާލަކީ، ބަޖެޓްގައި ހިމަނާފައިވާ ކަންކަން، ނުވަތަ ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާއި އާމްދަނީ ހޯދުމަށް ހިމަނާފައިވާ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދޭތޯ އެވެ. ނުވަތަ އަދިވެސް ކަންކަން ހިނގަނީ، އެއިރަކު ވެރިޔަކަށް ހުންނަ މީހަކު، ރަށަކަށް ގޮސް ކުއްލިޔަކަށް އަންނަ ހިޔާލަކަށް ބުނެލާ މޮޅު ވާހަކައެއްގެ މައްޗަށް ކަމަށްތޯ އެވެ. ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާ ކަމެއްތޯ ނުވަތަ ނޫން ތޯ ބެލުމެއް ނެތި، ރައުސުލްމާލުގައި ލާރިއެއް އެވަގުތު ހުރީތީ އެކަމެއް އަވަހަށް ކޮށްލާ އުސޫލުން ކަމަށްވާ ނަމަ، އަހަރު ނިމޭ އިރު، މިއީ ލިބުނު އެއްޗެއް ތޯ، ދިޔަ އެއްޗެއްތޯ ނޭނގި ބަޖެޓަކީ ވާނުވާ ނޭންގޭ އެއްޗަކަށް ވެގެންދެ އެވެ. ނުވަތަ، އާއްމުކޮށް ވެސް މީހުންނަށް ސިޔާސީ ފަރާތްތަކުން ދައްކާ ހުވަފެނަކަށް ދައުލަތުގެ ބަޖެޓު ވެގެން ހިނގައިދާނެ އެވެ. ބައެއް ހާލަތްތަކުގައި ބަޖެޓު ހުސްވެ، ރައްޔިތުންނަށް މުސާރަ ދޭން ވެސް އެހެން ޕްރޮޖެކްޓްތަކަށް ނަގާ ލޯނު އެންމެ ފަހުން ބޭނުން ކުރަންޖެހޭ ހާލަތަށް ވެސް ހިނގައިދެ އެވެ. މިކަމުގެ ސަބަބުން، އަނެއްކާ ވެސް ގައުމުގެ ކުރިއެރުމަށް އެޅެނީ ހުރަސްތަކެކެވެ.

ރާއްޖެފަދަ އިގްތިސާދީ ގޮތުން ތަރައްގީ ހާސިލް ކުރުމަށް މަސައްކަތް ކުރާ ގައުމަކުން، އެ ގައުމަކުން ނަގާ ލޯނެއް ދައްކަން އިތުރު ލޯނު ނަގާ ހިސާބަށް ދިއުމަކީ އެއްގޮތަކަށްވެސް "ސަޅި" ކަމަކަށް ނުވާނެ އެވެ.

މި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބަޖެޓަަށް ވެގެންދިޔަގޮތަށް ބަލައިލާނަމެވެ. މިދިޔަ ތިން އަހަރުގެ ބަޖެޓުގެ އަދަދުތަކަށް ބަލާ އިރު 2014 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ 17.95 ބިލިއަން ރުފިޔާ އެެވެ. އެ އަހަރުގެ އާމްދަނީގެ ގޮތުގައި 14.8 ބިލިއަން ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބުނީ 14.5 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު 24.3 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައެޅި އިރު އާމްދަނީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އެވެ. އެހެން ނަމަވެސް ލިބުނީ 17.3 ބިލިއަން ރުފިޔާ އެވެ. މިއާ އެކު ރާއްޖޭގެ ޑެފިސިޓް އެ އަަހަރު 4.1 ބިލިއަން ރުފިޔާ އަށް އެރި އެވެ. އާމްދަނީ އެހާ ބޮޑަށް ދަށްވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، ސަރުކާރުގެ އެންމެ މުހިއްމު މަޝްރޫއުގެ ގޮތުގައި ސަރުކާރުން ގެނައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށް "ޒީރޯ" ލިބުމުންނެވެ. މިހާރު ޕޯޑިއަމް ތަކުގައި ސަރުކާރުގެ އިސްވެރިން އެސްއީޒެޑްގެ ވާހަކަދައްކާ އަޑެއްވެސް ނީވެ އެވެ. ބަޖެޓުގައި އެސްއީޒެޑަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފަވެ އެވެ މިއަހަރުވެސް ވަނީ 500 މިލިއަން ރުފިޔާ އެސްއީޒެޑުން ލިބޭނެ ކަމަށް ކަނޑައަޅާފަ އެވެ.

މިދިޔަ އަހަރަށް ބަލާ އިރު 27.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެވުނު އިރު 22.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރި އެވެ. އަހަރު ނިމުނު އިރު ލިބިފައިވަނީ ގާތްގަނޑަކަށް 18.1 ބިލިއަން ރުފިޔާ އެވެ.

މިފާއިތުވެދިޔަ ދެ އަހަރު ކަމަށްވާ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގައި ވެސް  ލަފާކުރި އާމްދަނީ އަށްވުރެ އަސްލު ލިބުނު އާމްދަނީ 4 ބިލިއަން ރުފިޔާ ދަށެވެ.

މިއަހަރަށް ލަފާކުރި ބަޖެޓަށް ބަލާ އިރު 26.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް 21.9 ބިލިއަން ރުފިޔާ ވަނީ ލަފާކޮށްފަ އެވެ.

އެހެން ނަމަވެސް މި އަދަދު ހާސިލް ކުރެވޭނީ ކިހާވަރަކަށް ކަން ކުރިއަށް އޮތް  މަހެއްހާ ދުވަހުގެ ތެރޭގައި ބަޖެޓް މަޖިލީހަށް ހުށަހަޅާ އާންމުކުރުން ރައްޔިތުންނަށް ސާފުވެގެންދާނެ އެވެ. މިފާއިތުވެދިޔަ އަހަރުގައި ކަނޑައަޅާފައިވާ އާމްދަނީ ހާސިލް ކުރެވިފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ފެނިގެން މިދަނީ ލިބޭ އާމްދަނީއާ ނުކަތާ  މިންވަރަށް ސަރުކާރުން ލޯނުތައް ނަގައިގެން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދާ މަންޒަރެވެ. މިގޮތަށް ކަނޑައަޅާފައިވާ އާމްދަނީ ހާސިލް ނުކުރެވުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވުމަށް މަގުފަހިވެ އެވެ.

ޕްލޭނެއް ކޮންމެ ބަޔަކަށްވެސް ކުރެވިދާނެ އެވެ. އެހެން  ނަމަވެސް ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމުގައިވާ ނަމަ، ޕްލޭން ހެދުމުގެ ބޭނުމެއްނެތެވެ. ރާއްޖޭގެ ބަޖެޓަށްވެސް ފެންނަނީ މިފަދަ މިފަދަ ގޮތްތަކެއް ވަމުންދާ މަންޒަރެވެ.

- ކޮމެންޓް