ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 21:42
ރަސްރަނި ބަގީޗާ ހުޅުވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި
ރަސްރަނި ބަގީޗާ ހުޅުވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި
ޓްވިޓަރ
މަގޭ ރިޕޯޓް
ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...
ނާލާފުށީ ފަގީރުކޮއެ އަށް ގެރިދިންހެން މަގާމުތައް ދީފައި
ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރުހެން އެއާޕޯޓް އަޅައިދީފައި
ރުކަން އެރި މީހާގެ ނަދުރުހެން ވައުދުވެފައި

" ކޮންފަދަ ނަސީބެއްތޯއެމީ ޔާމީން މިގައުމުގަ ލެއްވުމީ..."

މީ ސުކޫލު ދައުރުގައި އަހާ އުޅުނު ބައިތެކެވެ. އެކަމަކު އޭރު މި ބައިތު އިވުނީ އެހެން ގޮތަކަށެވެ. އޭރު އޮންނަނީ މިހެންނެވެ.

 

ކޮންފަދަ ނަސީބެއްތޯއެ މީ ދޮންވެލި ބިމެއްގައި ލެއްވުމީ، ހަންހާރަވެތި ދިވެހީންގެމީ ގިންތީތެރޭ ހިމެނުއްވުމީ.

 

މި ބައިތު ބަދަލުކޮށްގެން ރަށުތެރޭގައި މީހުން ކިޔަންފެށީ ޕީޕީއެމްގެ ކޮންމެވެސް އިސްބޭފުޅަކު ޕޯޑިއަމްއެއްގެ ކައިރީގައި ރައީސް ޔާމީނަށް މުހާތަބުކޮށް ވިދާޅުވި އެއްޗެކާ ގުޅިގެންނެވެ. އެ ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ރައީސް ޔާމީން މި ގައުމަށް އުފަންވެ ވަޑައިގަތުމަކީ ދިވެހިންނަ ލެއްވި ނަސީބެއްކަމުގައެވެ. އެބޭފުޅަކު މި ވާހަކައެއް ވިދާޅުވުމާއެކު އަޅުގަނޑު ކުރިން ދެންނެވި ބައިތު ބަދަލުކޮށްގެން މީހުން ކިޔަންފެށީ މިހެންނެވެ.

 

               ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ

              ހިނިތުންވުމެއް އަމުދުންނުވާ ގިންތީތެރޭ ހިމެނުއްވުމީ

 

ކޮންމެޔަކަސް މި ވާހަކަގަނޑާއެކު ރަށުތެރޭގައި މީހުން އެންބުރިގެންފިއެވެ. ރައީސް ޔާމީން މިޤައުމަށް އުފަންވެ ވަޑައިގަތުމުން ލިބުނު ނަސީބުތަކުގެ ލިސްޓް ލިސްޓް ހަދައިގެން ކިޔަންފަށައިފިއެވެ. ބައެއްމީހުން އެމީހުންގެ ލިސްޓްތައް ފެށީ މިގައުމުގެ ތާރީޚް ދުށް އެއްމެ ބޮޑު ޚިޔާނާތުންނެވެ. އެމީހުން ބުނެއެވެ. ތެދުފުޅެކެވެ. މި ގައުމަށް ރައީސް ޔާމިން އުފަންވެ ވަޑައިގަތުމަކީ ނަސީބެކެވެ. އެހެން ނޫންނަމަ މިއޮތް ކުޑަކުޑަ ގައުމުގައި މިހާ ބޮޑު ވައްކަމެއް ހިންގިކަމުގެ ރީތި ނަމެއް މިގައުމަކަށް ނުލިބުނީހެވެ. އެހެން ނޫންނަމަ ބަގީޗާގައި އޮތް ކިންބުލެއްގެ ބޮލަށް ސިފައިން ނެރެގެން ބަޑިޖަހާ މަރާލިކަމުގެ ޝަރަފެއްވެސް ނުލިބުނީހެވެ. އެހެން ނޫންނަމަ މަގެއްގެ އެއްކޮޅުން އަނެއްކޮޅަށް ރީތިކޮށް ބަރިޔަކަށް ހެދިފައިހުރި ފެން ފޯއްރުއްތަކެއް ފުލުހުން ނެރެގެން ވަގަށް ކަނޑާލިކަމުގެ ފަހްރެއްވެސް މިގައުމަކަށް ނުލިބުނީހެވެ.

އެހެން ނުވިނަމަ ކަޅުވަކަރު މިސްކިތާ، ޖުމްހޫރީބިނާއާ، ސުނާމީ ބިނާވެސް އެހުރިތަނުން އުފުރާލިކަމުގެ ރަން ވަނައެއްވެސް ނުލިބުނީހެވެ. އޮޅުދޫ ކަރައިން ތެޔޮ ދަމައިގެން ވެރިކަން ހޯދާ ބައެއްގެ ލަގަބު ވެސް ދިވެހިންނަކަށް ނުލިބުނީހެވެ. ފްލެޓެއް ބެހިޔަސް، ކަދުރުކޮޅެއް ބެހިޔަސް، ރަށަކަށް ކަރަންޓް ދިނަސް އޭގެތެރޭން ވައްކަމެއް ކޮށްނުލާ އެކަން ކުރިބައެއްގެ ދަރަޖައެއްވެސް އަހަރެމެންނަކަށް ނުލިބުނީހެވެ. ފުއްޓަރު ފަރާތުގައި ނެރެއް ހަދައިގެން އެނެރުން ވަންނަން އައި ކޮންމެ އުޅަދެއް ފުނޑުފުނޑު ކޮށްލި ފުރަތަމަ ޤައުމުގެ ފަޙްރުވެރި މަގާމުވެސް މިގައުމަކަށް ނުލިބުނީހެވެ. ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރުހެން އަރާ ވަޑައިގަންނަވާ ކޮންމެރަށަކަށް އެއާރޕޯޓެއް ދެއްވާ ވެރިޔަކު އުޅުއްވާ ޤައުމެއްގެ މަގާމުވެސް އަހަރެމެންނަކަށް ނުލިބުނީހެވެ.  ނާލާފުށީ ފަގީރުކޮއެ އަށް ގެރިދިންހެން މަގާމު ދީފައިހުރި ނާޢިބު ރައީސަކާ، އުއްތަމަ ފަނޑިޔާރަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ލިބިފައިވާކަމުގެ ފޮނި ރަހައެއް ދިވެހިންގެ އަރުތެރެއަކު ނުލީހެވެ. މިލިޓަރީ ބޭނުން ކޮށްގެން މަޖިލީހެއް ހިސޯރުކޮށް އެޓާރނީ ޖެނެރަލްއެއް ބޭނުންކޮށްގެން ޝަރުޢީ ނިޒާމެއް ހިސޯރުކުރި ޤައުމެއްގެ ގޮތުގައި މިޤައުމުގެ ނަން ތާރީޙްގައި ލިޔެލާނެ ފުރުސަތެއްވެސް ދިވެހިންނަކަށް ނުލިބުނީހެވެ. އެއްމެ ގިނަ ސިޔާސީ މީހުން ޖަލަށްލުމާއި، އެއްމެ ބޭއިންސާފުން ހުކުންތައްކުރި ގައުމަކަށް ދޭ އެވޯރޑްވެސް ހޯދާނެ ފުރުސަތެއް އަހަރެމެންނަކަށް ނުލިބުނީހެވެ.

ތިޔަ ވިދާޅުވަނީ ހަމަ ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. ރައީސް ޔާމީން މިގައުމަށް އުފަންވެ ވަޑައިގެން ނުގެންނެވިނަމަ ރުކަށް އެރި މީހާގެ ނަދުރުހެން އިންތިޙާބް ތަކުގައި ވަޢުދުވެ ވަޑައިގެންނަވާނެ ވެރިޔަކު އަޅުގަނޑުމެންނަކަށް ނުލިބުނީހެވެ.

ކޮންމެއަކަސް ރަށުގެ އެކި މީހުންގެ ލިސްޓްގައި ހުރީ އެކި ވާހަކަތަކެވެ. އެކި މީހުން ފަށާފައި ހުރީ އެކި ހިސާބުންނެވެ. އަޅުގަނޑުކީ ލިސްޓް ނިންމާލައިފާ އޮތީ މިހެންނެވެ.

ދަންނަވަންތޯއެވެ. ފަލާހް ތިޔަ ދެއްކެވި ވާހަކަފުޅަށް ކުޑަ ތަންކޮޅެއް އިތުރު ކޮށްލެއްވިނަމަ އަދި ހާދަހާވާ ރަންގަޅޭ އެއީ ރައީސް ޔާމީން މިގައުމަށް އުފަންވެ ވަޑައިގަތުމަކީ ޗައިނާ މީހުންނަށްވެސް ބޮޑު ނަސީބެކެވެ. އެއީ ތިން ލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮންނަ މިގައުމުގެ ވެރިކަން އެމަނިކުފާނާ ހަވާލުކުރުމުން ބިލިއަނެއްހާ ރުފިޔާގެ ވައްކަން އެމަނިކުފާނުގެ ސަރުކާރުގައި ހިންގިއިރު ޗައިނާ ކަހަލަ ބިލިއަނުން އާބާދީ ގުނޭ ބޮޑު ޤައުމެއްގެ ވެރިޔަކަށް ވީނަމަ އެމަނިކުފާނުގެ ސަރުކާރުގައި ގެއްލޭނެ ފައިސާގެ އަދަދު ލަފާކޮށްލާނީވެސް ކިހިނަކުންތޯއެވެ.؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް