ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 18:57
ކްރިމިނަލް ކޯޓް: ވަކީލުން ހަމަޖައްސަންޖެހޭ ޤަވާއިދަށް ވަނީ ޢަމަލް ކުރަން ފަށާފައި
ކްރިމިނަލް ކޯޓް: ވަކީލުން ހަމަޖައްސަންޖެހޭ ޤަވާއިދަށް ވަނީ ޢަމަލް ކުރަން ފަށާފައި
މުހައްމަދު ޝަރުހާން
ވަކީލަކު ހަމަޖެއްސުން
ދައުލަތުން ވަކީލުން ހަމަޖައްސަވައިދެވޭނެ 12 ކުށެއް ކަނޑައަޅައިފި
މީހަކު މެރުމުގެ ތުހުމަތު ކުރެވޭ މީހާއަށް މާލީ ތަނަވަސްކަން ބެލުމެއްނެތި ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހޭ
މާލީ ތަނަވަސްކަން ކަނޑައެޅުމުގައި ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ލިބޭ އާމްދަނީއަށް ބެލުން ހިމެނޭ
ތަނެއް ކުއްޔަށް ދީފައިހުރިނަމަ އެތަނަކުން ލިބޭ އާމްދަނީވެސް ހިމެނޭ

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ 12 ކުށެއް ކަނޑައަޅައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ޤަވާއިދަށް އަމަލް ކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ ޤާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ)އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ޤަވާއިދެވެ.

މިޤަވާއިދުގައި ބުނެފައިވާ ގޮތުގައި އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނީ 12 ވައްތަރެއްގެ ކުށުގައި ތުހުމަތު ކުރެވޭ މީހުންނަށެވެ. އެކުށްތަކުގެ ތެރޭގައި ހިމެނެނީ މީހުން މެރުމުގެ ކުށާއި، އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްްތަކާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށާއި، މީހުން ޓްރެފިކް ކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ވައްކަމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށުގެ ތެރެއިން އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކާއި ކޮރަޕްޝަނާއި، ގޭންގް ކުށާއި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމާއި، ދައުލަތުގެ އިސްތިޤްލާލާއި މިނިވަން ކަމަށް ގެއްލުންވާ ފަދަ ޢަމަލު ހިންގުން އަދި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ކޮންމެ ކުށެކެވެ.

މިޤަވާއިދަށް ައަމަލް ކުރަން ފެށުމުގެ ކުރިން ބޮޑެތި ކުށްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތަކަށް ވެސް ޤާނޫނުލް އުޤޫބާތުގެ 61 ވަނަ މާއްދާގައި ބުނާ ލިމިޓޭޝަން މުއްދަތު ހަމަނުވާ މައްސަލައެއް ނަމަ އެމައްސަލަތަކަށް ވެސް ދައުލަތުން ވަކީލަކު ހަމަޖެއްސުމަށް ވަނީ ޤަވާއިދުގައި ކަނޑައަޅާފައެވެ. އެފަދަ ކުށްތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވުމާއި، މާރާމާރީގެ ސަބަބުން ލިބޭ ނުރައްކާތެރި ހާނީއްކައާއި މާރާމާރީގެ ސަބަބުން މީހެއްގެ ގުނަވަނެއް ނެތިދިއުމާއި، ވައްކަމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށުގެ ތެރެއިން 50000 ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް އަދި ކޮއިން ނުވަތަ ނޫޓް ކައުންޓަރފީޓް ކުރުމެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން ޖެހޭފަދަ މާލީ ތަނަވަސް ކަމެއް ނެތް މީހުން ކަނޑައެޅުމުގައި އުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައިވާނަމަ ބަލާނީ އެމީހަކަށް ލިބޭ އާމްދަނީއާއި އޭނާ ކުރާ ޚަރަދަށެވެ. އަދި 18 އަހަރު ނުފުރޭނަމަ ބަލާނީ އެމީހަކަށް ލިބޭ އާމްދަނީއާއި އޭނާ ކުރާ ޚަރަދުގެ އިތުރުން އެމީހެއްގެ ބެލެނިވެރިޔާއަށް ނުވަތަ ބަލަދުވެރިޔާއަށް ލިބޭ އާމްދަނީއާއި އެމީހަކު ކުރާ ޚަރަދަށެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހާއަށް ލިބޭ އާމްދަނީ ކަނޑައެޅުމުގައި ބަލާނީ އޭނާއަށް ލިބޭ މުސާރައާއި އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ނުވަތަ އޭނާއަށް ފައިސާ ނެގޭގޮތަށް ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައިވާ ފައިސާ އަދި އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީއާއި ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީ، ޕެންޝަން ނުވަތަ ޚާއްޞަ އެހީގެ ގޮތުގައި ލިބޭ ފައިސާ، މީހަކާ އިނދެގެން އުޅޭނަމަ އެމީހެއްގެ އަނބި ނުވަތަ ފިރިމީހާއަށް ކުރިން ބުނެވުނު ގޮްތްގޮތުން ލިބޭ އާމްދަނީގެ އިތުރުން އަދިވެސް އެހެނިހެން ގޮތްގޮތުން އާމްދަނީއެއް ލިބޭނަމަ އެއާމްދަނީއެކެވެ.

އެފަދަ މީހަކު ކުރާ ޚަރަދު ކަނޑައެޅުމުގައި ބަލާނީ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ކައިވެނިކޮށްގެން އުޅޭ މީހެއްކަން ނުވަތަ ނޫންކަން، ދަރިން ތިބިނަމަ ދަރިންގެ އަދަދު އަދި އުމުރުފުރާގެ އިތުރުން ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަން ނުވަތަ ނޫންކަމެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ޢާއްމު ކޮށްފައިވާއިރު މިހާރު ވަނީ މިޤަވާއިދަށް އަމަލް ކުރަން ފަށާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް