ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 15:25
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ރައީސް އޮފީސް
މުހުތާޒްގެ ދައުވާ
މުހުތާޒް ހުށަހެޅި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް
ދައުލަތުން ބޭނުންވީ ޝަރީއަތުން މައްސަލައިގައި ގޮތެއް ކަނޑައަޅަން
ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލެއް ނުލިބުނު
ޖަލު ކުށްތަކާއި އަދަބުތަކުގެ ތަފްސީލް ހިއްސާ ނުކުރާ މައްސަލަ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ދައުލަތާ ދެކޮޅަށް ދައުވާ ކުރެއްވި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި އެވެ.

ދައުލަތާ ދެކޮޅަށް މުހުތާޒް ދައުވާ ކުރެއްވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހިއްސާކުރަންޖެހޭ ޖަލު ކުށްތަކާއި އެ ކުށްތަކުގެ އަދަބުތައް ހިއްސާކުރުމެއް ނެތި ފިޔަވަޅު އަޅަމުންދާ މައްސަލައިގަ އެވެ. އަދި  ގާނޫނުގެ ދަށުން ދޭން ލާޒިމްކުރާ ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީ ދީފައިނުވާ މައްސަލައިގައި ވެސް މުހުތާޒް ދައުވާ ކުރައްވާފައިވެއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެ ކަމަށެވެ.

ގާނޫނުގެ ދަށުން ދޭން ލާޒިމްކުރާ ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ  ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީ ނުދޭތީ ޖަލު ކުށްތަކާ ގުޅިގެން ގައިދީންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް މުހުތާޒް އެދިވަޑައިގެންނެވި އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެ މައްސަލައާ ގުޅިގެން ދެފަރާތުން މަޝްވަރާކުރުމަށް ފަހުގައި ވެސް ހައްލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ދައުލަތުން ބޭނުންވީ ޝަރީއަތުން މައްސަލައާ މެދު ގޮތެއް ކަނޑައަޅާށެވެ. އެހެންކަމުން މިހާރު އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.

ދައުލަތުން ބުނަމުން ގޮސްފައިވަނީ ޖަލު ކުށްތަކާއި އަދަބުތައް ޖަލުގައި ހުންނަ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް، މުހުތާޒް ވިދާޅުވަމުން ގެންދެވީ އޭނާ ބަންދުކޮށްފައި ހުންނަ ތަނުން ނިކުމެވަޑައިނުގެންނެވޭ  ކަމަށާއި އެހެންކަމުން ނޯޓިސް ބޯޑުގައި ހުންނަ އެއްޗެއް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ޝަރީއަތަށް މައްސަލަ ނުފޮނުވައި ދެ ފަރާތުން މަޝްވަރާކޮށް ދައުވާގައިވާ ކަންކަން ހައްލުކުރާ މަރުހަލާއެކެވެ. ޝަރީއަތަށް މައްސަލަ ފޮނުވާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެނަމަ އެވެ.

މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް