ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 15:07
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ބައެއް ރޯހައުސްތަކުގެ މަަސައްކަތް ހުއްޓިފައި
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ބައެއް ރޯހައުސްތަކުގެ މަަސައްކަތް ހުއްޓިފައި
ރާއްޖެ އެމްވީ
ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ ރޯހައުސްތައް: ހައްގުވެރިންނަން ނުލިބި، ވީރާނާ ވެގެންދަނީ
ރޯހައުސްތަކުގެ މަސައްކަތް ފަށާފައި ވަނީ އެމްޑީޕީ ސަރުކާރުން
ކައުންސިލުން ވަނީ ރޯހައުސްތައް ލިބޭ މީހުން ކަނޑައަޅާއި އިއުލާން ކޮށްފައި
ހައުސިންގް މިނިސްޓްރީން ހުއްދަ ނުލިބިގެން ރޯހައުސްތައް ދޫނުކުރެވި ފަސް އަހަރު

ކުޅުދުއްފުށީގައި ސަރުކާރުގެ ފަރާތުން ގާއިމްކޮށްފައިވާ 140 ރޯހައުސްގެ ހައްގުވެރިންނަން ހަވާލު ނުކުރެވި އެ ރޯހައުސްތައް ވީރާނާވަމުން ދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން 2010 ވަނަ އަހަރު އެރަށުގައި ގާއިމްކުރަން ފެށި 160 ރޯހައުސްގެ ތެރެއިން 85 ރޯހައުސްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި ރޯހައުސްތަކުގެ ޙައްގުވެރިނަން ރޯހައުސް ދޫނުކޮށް ގިނަ ދުވަސްތަކެއް ވުމުން ރޯ ހައުސްތައް ދަނީ ވީރާނާ ވަމުން ކަމަށް އޭނާ ބުންޏެއެވެ.

 

ކުޅުދުއްފުށީ އުތުރު ކަނބޯރަނި ހިޔާގައި 20 ރޯހައުސްއެއްގެ މަސައްކަތް ނިމިފައިވާއިރު، 5 ރޯހައުސްއެއްގެ ކޮންކްރިޓް މަސައްކަތާ ހިސާބުން ވަނީ މަސައްކަތް ހުއްޓިފައެވެ. މީގެ ފަސް އަހަރު ދުވަސް ކުރިން ވަނީ ކަނބޯރަނި ހިޔާގާއި މަސައްކަތް ނިމިފައިވާ 20 ރޯ ހައުސް ލިބޭ މީހުން ކުޅުދުއްފުށީ ކައުންސިލުން ކަނޑައަޅައި އިއުލާންކޮށް އަދި އެ މައުލޫމާތު ހައުސިންގް މިނިސްޓްރީއާ ހިއްސާ ކޮށްފައެވެ.

ކުޅުދުފުށީގައި މަސައްކަތް ނިމިފައިވާ ބައެއް ރޯހައުސްތަށް

ކުޅުދުއްފުށީ އުތުރު އަވަށު ބަންޑާރަ ހިޔާގައި ގާއިމް ކުރާ 100 ރޯހައުސްގެ މަސައްކަތް ހުއްޓިފައިވާއިރު، އުތުރު އަވަށުގައި ގާއިމްކޮށްފައިވާ މާފަލު ހިޔާ ރޯ ހައުސްތަކުގެ ތެރެއިން 40 ރޯހައުސްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ 40 ރޯހައުސް ލިބޭ ފަރާތްތައް މީގެ ހަތަރު މަސްދުވަސް ކުރިން ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

 

އެހެން ނަމަވެސް ރޯހައުސަތަކުގެ ހައްގުވެރިނަން ރޯހައުސްތައް ދޫނުކުރެވި ލަސްވަނީ ހައުސިންގް މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށް ކައުންސިލުން ބުންޏެއެވެ. މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

 

"މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ. މިކަމާ ގުޅިގެން ހައުސިންގް މިނިސްޓްރީއަށް ތަކުރާރުކޮށް ސިޓީ ފޮނުވައިފިން. އެދެވޭ ޖަވާބެއް ނުލިބޭ،" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވިއެވެ.

 

މަސައްކަތް ނިމިފައިވާ ބައެއް ރޯހައުސްތަށް މިހާރު ދަނީ ވީރާނާ ވަމުންނެވެ. އެގޮތުން ބައެއް ފާރުތަކުގައި މިހާރު ހުރީ ރެނދު ވެސް ލާފައެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

"އެކި ފަހަރު މަތިން ރޯ ހައުސްތަކަށް ލިބިފައިވާ އެކި ވަރުގެ ގެއްލުމުގެ މައުލޫމާތު ވެސް ވަނީ މިނިސްޓްރީއަށް ފޮނުވާފައި، މާ ބޮޑު ސަމާލުކަމެއް ނުދޭ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް