ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 12:15
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
ފުރަތަމަ ދައުރުގެ ތިން މަހު 14 ޖަލްސާ
ދެވަނަ ދައުރުގެ ތިން މަހު 11 ޖަލްސާ
މަޖިލީހުގައި ތަޅުއެޅުވި، ފުލުހުން ވަދެ މެމްބަރުން ނެރުނު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޖަލްސާއެއް ނުބޭއްވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، އޮކްޓޯބަރު މަސް ފެށި، ވިދިގެން އަންނަ ހޯމަ ދުވަހު ޖަލްސާ ބާއްވަން ޖެހެއެވެ. 

އެގޮތުން އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަސް ދިމާވެފައި ވަނީ ހޯމަ ދުވަހަކަށެވެ. އެހެން ކަމަށް ވުމުން މަޖިލީހުގެ އާއްމު އުސޫލުން ޖަލްސާތައް ބާއްވަން ޖެހެއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރަކީ ކޮންމެ އަހަރެއްގެ ފެބްރިއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މެއި މަހަކީ މަޖިލިސް ޗުއްޓީއަށްދާ މަހެކެވެ. އަދި ދެވަނަ ދައުރަކީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ސެޕްޓެމްބަރު މަހަކީ މަޖިލިސް ޗުއްޓީ މަހެކެވެ. އަދި ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީ މަޖިލިސް ޗުއްޓީ ދެ މަހެވެ.

ކޮންމެ ދައުރެއްގެ ފަށާ ޖަލްސާ ބާއްވަން ޖެހެނީ ދައުރު ފެށޭ މަހުގެ ފުރަތަމަ އަންނަ ހޯމަ ދުވަހު އެވެ.  ނުވަތަ ފުރަތަމަ އަންނަ ބުރާސްފަތި ދުވަހު އެވެ. ދައުރު ނިންމާ ޖަލްސާތައް ވެސް ބާއްވަން ޖެހެނީ ނިންމަން އޮންނަ މަހުގެ ފަހު ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ތާރީހުގައި މަޖިލިސް އެންމެ ހަލަބޮލިވެގެން ގޮސްފައި ވަނީ މިއަހަރު އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވާލެއް މަދުކަން ފާހަގަވާއިރު، ޖަލްސާތަކުގައި ބޮޑެތި ހަމަ ނުޖެހުންތައް ވެސް ހިނގާފައި ވެއެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގައި "ތަޅު އެޅުވި" ގެންދިޔައެވެ. އަދި މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ފޯރި މަރަމުންދާއިރު، ރާއްޖޭގައި އެންމެ ގިނައިން އަލިފާނުގެ ހާދިސާ ހިނގާ އެންމެ މުހިއްމު އިދާރާއަށް މަޖިލީހުގެ އިދާރާ ވަނީ ވެފަ އެވެ. 

މީގެ އިތުރުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ސިފައިން ވައްދައިގެން ގަދަ ބާރުން ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމަށް ސިފައިންނާއެކު ފުލުހުން ވެސް މަޖިލީހުގެ އިދާރާގެ ތެރޭގައި ހަރަކާތްތެރިވެފައި ވެއެވެ.

މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް އުޅުއްވުމުގެ ތެރޭގައި ފުލުހުން ހުރަސް އެޅުމުން އިދިކޮޅު ގިނަ މެމްބަރުންތަކަކަށް އެކި ވަރުގެ އަނިޔާވެފައި ވެސް ވެއެެވެ. އަދި މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ވެސް އިދިކޮޅު މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ، އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ބަޔާން އިއްވައިދެއްވި ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އެޖަލްސާ ބާއްވާފައި ވަނީ ދަރުބާރު ގޭގައެވެ. ފުރަތަމަ ދައުރުގައި 14 ޖަލްސާ ބޭއްވުނުއިރު، ދައުރު ނިންމާލާފައި ވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައި ވަނީ ފަހެއް ޖޫން ގައެވެ. މިދައުރުގައި 11 ޖަލްސާ ބޭއްވުނުއިރު، ދައުރު ނިންމި ޖަލްސާ ބާއްވާފައި ވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ. 

މަޖިލީހުގައި އެންމެ ބޮޑަށް ހަމަނުޖެހުން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީއަށްވުރެ ވެސް އިތުރަށް، 45 މެމްބަރުންގެ ސޮޔާއެެކު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލުމާ ގުޅިގެންނެވެ. އަދި ޖުލައި މަހުގެ 24 ވަނަ ދުވަހަކީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ބާއްވަންޖެހޭ ދުވަސްކަމަށް ބުނެ، މަސީހުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާފަ އެވެ. އޭގެ ކުރިން މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އިއުލާން ކޮށް، މަޖިލީހުގައި ތަޅުއަޅުވާފަ އެވެ.

ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވާފަ އެވެ. ފުލުހުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ ފުލުހުންގެ ސަފުތަށް ފަޅާލުމަށް ފަހުގައި ކަމަށެވެ. ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ 12 މަމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ. 

ޖުލައި 24 ވަނަ ދުވަހުގެ ހަމަ ނުޖެހުންތަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް ޖުލައި 31 ވަނަ ދުވަހު ބޭއްވި އެވެ. އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނެވުމުން އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގަ އާއި މަޖިލީހުގެ އިދާރާގައި އިހުތުޖާޖު ކޮށްފަ އެވެ. އެދުވަހުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔަކީ ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ. 

މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު މެމްބަރުން ގަބޫލެއް ނުކުރެއެވެ. އިދިކޮޅު މެމްބަރުން ބުނަމުން ދަނީ މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލުކުރާނެ ހަމަ އެކަނިގޮތަކީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އަހައި އެ ވޯޓް މަސީހު ކާމިޔާބު ކުރައްވައިފި ނަމަ އެކަނި ކަމަށެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް