ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 11:20
އާސަންދަ ނޮދާރން ރީޖަނަލް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާސަންދަ ނޮދާރން ރީޖަނަލް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ފަޒީން
އާސަންދައިގެ ހިދްމަތް
އާސަންދައިގެ ފުރަތަމަ ރީޖަނަލް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި
އާސަންދަ މާލޭ އޮފީހުން ލިބޭ ހުރިހާ ހިދްމަތެއް ލިބޭނެ

އާސަންދަ ކުންފުނިން އަތޮޅުތަކުގެ ތެރޭގައި ހުޅުވާ ފުރަތަމަ ރީޖަނަލް އޮފީސް ހދ. ކުޅުދުއްފުށީގައި ހުޅުވައިފިއެވެ. 

ކުޅުދުއްފުށީގައި އާސަންދަ އޮފީހެއް ހުޅުވާފައި ވަނީ އާދިއްތަ ދުވަހު އެވެ. އެ އޮފީސް ހުޅުވައިދެއްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ އުސައިދު އެވެ.

އާސަންދަ ނޮދަރން ރީޖަނަލް އޮފީސް ހުޅުވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ގޯތި ތެރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އުސައިދު ވިދާޅުވީ ކުޅުދުއްފުށީގައި މިފަދަ އޮފީހެއް ހުޅުވިގެން ދިޔުމަކީ ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ހާއްސަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް ހެޔޮ ފާލެއް ކަމަށެވެ. 

އާސަންދަ އޮފީހުގެ ސަބަބުން ހދ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ކުރިއަށްވުރެ އަވަހަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުސައިދު ވިދާޅުވިއެވެ. 

އާސަންދަ ނޮދަރން ރީޖަނަލް އޮފީސް ހުޅުވުމާ ގުޅިގެން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން އަލީ ދެއްވި މެސެޖެއް ވަނީ އިއްވައިދެއްވާފަ އެވެ. އެ މެސެޖް އިއްވައިދެއްވީ އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާއެވެ. 

ހަސަން އަލީގެ މެސެޖުގައި ވެސް ވިދާޅުވެފައި ވަނީ  އާސަންދަ ނޮދަރން ރީޖަނަލް އޮފީސް ހުޅުވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހާއްސަކޮށް ކުޅުދުއްފުށީ ރީޖަނަށް ނިސްބަތްވާ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހަސަން އަލީގެ މެސެޖްގައި ވިދާޅުވެފައި ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރުވާ ވެސް މިހާރު ލިބޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ އަދި ބަލިމީހުންގެ އާއިލާތަކަށް އާސަންދައިގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ ކުޅުދުއްފުށީގައި މި ހުޅުވުނު އާސަންދަ ނޮދަރން ރީޖަނަލް އޮފީހުން ކަމަށް ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ ކުންފުނީގެ މައި އޮފީހުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އާސަންދަ ނޮދަރން ރީޖަނަލް އޮފީހުން ފޯރުކޮށްދޭނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް