ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 17:32
ކަރެކްޝަނުގެ ބެލުމުގެ ދަށުން ހުމާމް ކޯޓަށް ހާޒިރުކުރަނީ
ކަރެކްޝަނުގެ ބެލުމުގެ ދަށުން ހުމާމް ކޯޓަށް ހާޒިރުކުރަނީ
ގޫގުލް
ޑރ.އަފްރާޝީމް ރިޕޯޓް
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!
ހަމަ އެކަނި ކުށް ސާބިތުވާ ކަމަށް ހުކުމް ކުރީ ހުމާމް މައްޗަށް
ހަރަދު ކުރި ކަމަށް ތުހްމަތު ކުރި މީހުންގެ މައްޗަށް ދައުވާ ނުކުރޭ
ތުހްމަތު ކުރި ބައެއް މީހުން ވަނީ ފިލައިގެން ގޮސްފައި

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ ފަސް އަހަރު ފުރުނީ އެވެ. ޑރ. އަފްރާޝީމް އަވަހާރާކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލް ގޭގެ  ސިޑިކައިރީގަ އެވެ. ސުވާލަކީ އެ މަރުގެ ހަގީގަތް ފުލުހުންނަށް ހާމަ ކުރެއްވިއްޖެތޯ އެވެ. ފުލުހުންގެ ތަހްގީގުން ޝަރީއަތައް ހާމަ ކޮށްދެވުނު އެއްޗަކީ ކޮބައިތޯ އެވެ.

 

އަފްޝީމްގެ މަރު މައްސަލައަށް ފަހު ފުލުހުންގެ އެންމެ މަތީ އޮފިސަރަކަށް ތިން ބޭފުޅުން ވަޑައިގެންފި އެވެ. ހޯމް މިނިސްޓަރު ކަމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް އެތައް ބޭފުޅަކު ވަޑައިގެންފި އެވެ. މިހާތަނަށް އެ މައްސަލާގައި މަރުގެ ހުކުމެއް އިއްވާފައިވަނީ ހ.ލޮބީ، ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ސާބިތުވާނެ ޝަފައީ ހެކި ހޯދައިގެން އެކަން ސާބިތުކޮށްދެވިގެންނެއް ނޫނެވެ. އެ ހުކުމް އިއްވާފައި އެވަނީ އަމިއްލައަށް އިއުތިރާފުވެފައިވާތީ ކުށް ސާބިތުވާތީ ކަމަށްބުނެ އެވެ. އެކި ފަހަރު އެކި ގޮތައް ކިޔާދިން ވާހަކަތަކާއި ތަހްގީގަށް ދީފައިވާ ބަޔާނަކީ ތެދުތޯ އެހުމުން ޝަރީއަތުގެ މަޖިލީހުގައި އާ އެކޭ ބުނުމުންނެވެ. ޝަރީއަތުގެ މަޖިލީހުގައި އެކަން ވީ ގޮތް ކިޔާދީގެނެއްވެސް ނޫނެވެ. ފުލުހުންގެ ތަހްގީގުގައި ހޯދުނު އެއްޗިއްސާމެދު ބައިވަރު ސުވާލު އެބަހުއްޓެވެ. ފުލުހުންގެ ތަހްގީގަކުން ހުމާމްގެ މައްޗަށް އެ ކުށް ސާބިތުކުރެވޭވަރުގެ ހެކި ހޯދިއްޖެ ނަމަ އޭގެ އަޑި ސާފުކޮށް އެނގޭނެ އެވެ. އެކަމެއްނުވެ އެވެ.

 

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ބައެއް މީހުންގެ މައްޗަށް ދައުވާވެސް ކުރި އެވެ. އޭގެ ތެރެއިން ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. ޝާންގެ މައްޗަށް އެ ކުށް ސާބިތުކުރަން ދައުލަތުން ހުށަހެޅީ އެ މައްސަލައިގައި ދައުވާ އުފުލުނު ކުޑަކުއްޖަކާ ހުމާމް ހެކިބަހެ އެވެ. އެއީ އަފްރާޝީމްގެ މަރުގެ މައްސަލަ މީހެއްގެ މައްޗަށް ސާބިތުކުރަން ފުލުހުންނަށް ވީވަރު ހެއްޔެވެ؟ އަފްޝީމަށް ހަމަލާދިނުމުގައި ބައިވެރިއެއް ގޮތުން އަފްރާޝީމް ދިރިއުޅުއްވި ގެ ކަރިއަށް ޝާން ދިޔަ ކަމަށް ފުލުހުން ބުނާ ވަގުތު އޭނާ އިނީ ޖަލަޕީނޯ ރެސްޓޯރަންޓުގައި ކަމަށާއި އަދި އެތަނުން އޭނާ ނުގެއްލޭ ކަމަށް ބުނެ ފަސް މީހަކު ހެކިބަސްދިނެވެ. އެކަން ނަފީ ކުރެވޭނެ އެއްވެސް އެއްޗެއް ފުލުހުންނަށް ނުދެއްކުނީތި ނަތީޖާއަކަށްވީ 2014 ވަނަ އަހަރު ޝާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމުމެވެ.

މި މައްސަލައިގައި ތުހްމަތުކުރި ހ. ހިލްޓަން، އަޒުލީފް ރައޫފު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަަމށް ބުނާއިރު، އޭނާއަށް ރާއްޖޭން ބޭރަށް ދެވުނު ގޮތަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ފަންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު އާއި އޭނާގެ ބޭބެ ޝަހީން މުހައްމަދު ކަމަށް އެކަމުގެ މަޝްވަރާކުރި މީހުން ހުމާމު ގާތު ބުނި ކަމަށް ހޯމް މިނިސްޓަރ ކަމުގައި ހުންނަވައިގެން  އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި  ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް (ސްޕައި) ވާހަކަ ދައްކާފައިވާ ކަމަށް ހުމާމް ބުނެފައިވެ އެވެ. ޖާ އާއި ހުމާމްއާ ފޯނުން ގުޅާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އުމަރު ވިދާޅުވި އެވެ. ނަމަވެސް މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ޕީޖީން ނިންމާފައިވަނީ އެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. މިއަދަށް ފަސް އަހަރު ވެގެން ދިޔައިރު ވެސް މި ޖަރީމާގެ ހަގީގަތް މިވަނީ ނޭނގިފަ އެވެ. މިހާރު މިއޮތް ސަރުކާރުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރިތޯ ސުވާލު އުފެދެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް