ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 11:01
މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނާ އަބްދުﷲ ވަސީމް
މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނާ އަބްދުﷲ ވަސީމް
ރާއްޖެ އެމްވީ
މަސްތުވާތަކެތީގެ ބޮޑުން
އުމުރަށް ޖަލަށް ލާފައި ހުރި މަސްތުވާތަކެތީގެ ބޮޑު "ޑީލަރެއް" ދޫކޮށްލުމުގެ މަރުހަލާ ފަށައިފި
ދޫކޮށްލަން ނިންމި އިރު މިހާތަނަށް ތަންފީޒްކޮށް ނިމުނީ 8 އަހަރު
އެންމެ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެމީހުންގެ ތެރެއިން އެކަކު
ޖަލަށް ލާފައިވަނީ ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 2009 ވަނަ އަހަރު

އުމުރަށް ޖަލަށް ލާފައި ހުރި މަސްތުވާތަކެތީގެ ބޮޑު "ޑީލަރެއް" ދޫކޮށްލުމުގެ މަރުހަލާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެމް) އިން ފަށާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޏ. ފުވައްމުލަކު, ލާލުގޭ އަބްދުﷲ ވަސީމް ދޫކޮށްލުމުގެ މަރުހަލާ ފަށައިގެން ކުރިއަށްގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެރޯލްގެ ދަށުން ވަސީމް ދޫކޮށްލުމަށް ކަރެކްޝަނުގެ ބައެއް ވެރިން ވަނީ ނިންމާފަ އެވެ. އެއާ އެކު ޕެރޯލްގެ ދަށުން ދޫކޮށްލާ ގައިދީން ފުރިހަމަކުރަންޖެހޭ ކްލާސްތައް ވަސީމް މިހާރު ގެންދަނީ ފުރިހަމަ ކުރަމުންނެވެ.

ދެކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވަސީމުގެ މައްޗަށް ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައެވެ. ވަސީމު ހައްޔަރު ކުރީ ވައިގެ މަގުން ނޮވެމްބަރު 15، 2007 ގައި ޕާކިސްތާނު މީހަކު 2.18 ކިލޯ ގްރާމުގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި 10 މީހުންގެ ތެރޭގައި ވަސީމް ހިމެނޭއިރު، އޭނާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ދެ މީހުންގެ ތެރެއިން އެކެއް ކަމަށް 2008 ވަނަ އަހަރު ފުލުހުން ބުނެފައި ވެއެވެ.

ވަސީމާއި އިތުރު ނުވަ މީހެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް ޝަރީއަތުގައި ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް އެދި ހެކިންނަށް 50،000ރ. އާއި ބޮޑެތި އިނާޔަތްތަކާއި ފުރުސަތުތައް ހުށަހަޅާފައިވާތީ ޝަރީއަތުގެ އަޑުއެހުންތައް ވެސް މެދުކަނޑާލި އެވެ.

ޖަލު ހުކުމް ތަންފީޒްކުރަމުން ދަނިކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ފަރުވާއަށް ކަމަށް ބުނެ އޭނާ އިންޑިއާ އަށް ފޮނުވާލި އެވެ. އެ ދުވަސްވަރަކީ ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ބޮޑެތި ގިނަ ކުށްވެރިންތަކެއް އެމްއާރްއައި ސްކޭން ހައްދަން ކަމަށް ބުނެ ޑޮކްޓަރުގެ ސެޓްފިކެޓް ހޯދައިގެން ރާއްޖެ އިން ބޭރަށް ދިޔަ ދުވަސްވަރެކެވެ.

ވަސީމަކީ ތަފާތު އެކި ކުށްކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން ވަގު ޑޮލަރުގެ މައްސަލައެއްގައި 1998 ގައި އޭނާ ހައްޔަރުކުރި އެވެ. މާރާމާރީ އާއި ބަދުއަހުލާގީ މައްސަލަތަކާއި ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރުމުގެ މައްސަލަތަކުގައި ވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ވަސީމް ދޫކޮށްލުމާ ގުޅޭ ގޮތުން ކަރެކްޝަނުގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ޕެރޯލްގެ ދަށުން ވަސީމް ދޫކޮށްލަން ނިންމާފައިވާއިރު، ހުކުމް ތަންފީޒުކުރާ މީހުންނަށް އެއް މައްސަލައެއްގައި ލުއި ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ތެރޭގައި އެއް ފަހަރު ކަމަށް ހަމަޖައްސައި، ކްލެމެންސީ ބޯޑުގެ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފި އެވެ.

ވަސީމް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމުން މިހާތަނަށް ތަންފީޒް ކުރެވިފައި ވަނީ 8 އަހަރު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 އޮކްޓޯބަރ 2017 | އާދީއްތަ 15:28
ތިމަންނަ
ގައުމީ ލީޑަރެއް ތާ