ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 08:04
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް
ޕޮލިސް
ފުލުހުންގެ މަގާމުތައް
އޭސީޕީ ފައިރޫޝްގެ ސުލޫކީ މައްސަލައެއް ބަލާތީ ރާއްޖެ ވަޑައިގަންނަވަން އަންގައިފި
ޑިސެމްބަރު 2014 އިން ފެށިގެން ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާގައި
ފެބްރުއަރީ 7، 2012 ގައި އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި
ފުލުހުންގެ އިސްވެރިންނާ ގުޅޭ މައްސަލަތަކެއް ބަލާ ދަނޑިވަޅެއް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާ ގުޅޭ ގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށް އޭނާއަށް އަންގައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިރޫޝާ ގުޅޭ ސުލޫކީ މައްސަލައެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ދަނީ ބަލަމުންނެވެ. އެ މައްސަލައަށް ޖަވާބުދާރީވުމަށް ރާއްޖެ ވަޑައިގަތުމަށް ފައިރޫޝަށް އަންގާފައިވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާއަށް ފައިރޫޝް ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލްކުރެއްވުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓްކުރީ އޭގެ ފަހުންނެވެ.

އޮސްޓްރޭލިއާއަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ފައިރޫޝް ވަޑައިގެންނެވިއިރު، އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހޯމް މިނިސްޓަރުގެ އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އޭނާ ހަމަޖެއްސި އެވެ. އެ މަގާމަކީ ފައިރޫޝަށް ހާއްސަކޮށްގެން އަލަށް އުފެއްދި މަގާމަކަށްވާއިރު، ފުލުހުން އެއިރު ބުނި ގޮތުގައި ފައިރޫޝް އެ މަގާމު އަދާކުރައްވަނީ ފުލުހެއްގެ ގޮތުގަ އެވެ.

ހޯމް މިނިސްޓަރުގެ އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ފައިރޫޝް ހުންނެވީ ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރަކްޓަރޭޓްގެ ވެރިޔާގެ މަގާމުގަ އެވެ. ފައިރޫޝް ސާވިސް ޑިވެލޮޕްމަންޓް ޑައިރަކްޓަރޭޓްގެ ވެރިޔާ އަށް ހަމަޖެއްސެވުމުގެ ކުރިން ހުންނެވީ ފުލުހުންގެ އިންޓެލިޖެންސް ޑައިރަކްޓަރޭޓްގެ ވެރިޔާގެ މަގާމުގަ އެވެ.

ފައިރޫޝްގެ މައްސަލަ މި މައްސަލަ ބަލަނީ ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގަވެ. އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ ކަމަށް ބުނެ ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ވަނީ ދަށްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޮކްޓޯބަރ 2017 | އާދީއްތަ 09:01
ވަޒަންބެ
ކޮންމެ އެއްޗެއްގައިވެސް އެ އެއްޗެއް ހަލާކުކުރާނެ ފަނިއަޅާނެއެވެ. ތިއީ މާބިޑުކަމެއް ނޫނެވެ.