ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 01:57
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން
ރާއްޖެ އެމްވީ
އިންސާފާއި ހަމަހަމަކަން
ޔުމްނާގެ ސުވާލު: މިއީ އަރަތެއް ނޫންތޯ؟
ހުޅުމާލޭގައި މަރުވި ދެ ޒުވާނެއްގެ މަރާއި ގުޅިގެން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ
ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ނިންމާފަ
މާރާމާރީ ނުހުއްޓި، ސިޔާސީ މައްސަލަތައް އަވަސްވާތީ ދަނީ ފާޑުކިޔުން އަމާޒުވަމުން

ބޮޑެތި ކުށްތަކުގައި ތަޙުޤީޤަށް މީހުން ބަންދުގައި ބައިތިއްބާ ގޮތާއިމެދު ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ހުޅުމާލޭގައި ދާދިފަހުން މަރުވި ދެ ޒުވާނެއްގެ މަރާއި ގުޅިގެން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް 15 ދުވަސް ޖެހުމާއި ގުޅިގެން، ޔުމްނާ ކުރެއްވި ޓްވީޓެއްގައި، ދެ މަރާއި ގުޅިގެން ބަންދަށް 15 ދުވަސް ޖެހިއިރު، ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމަކީ އަރަތެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.

ޔުމްނާ މިފަދައިން ޓްވީޓް ކުރެއްވި އިރު ސެޕްޓެމްބަރ 28 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18،ގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 4 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

މީގެ އިތުރުންވެސް ފަހަކަށް އައިސް ހިނގާފައިވާ މާރާމާރީ އާއި މަރުގެ އެކި މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އާންމުކޮށް ޖަހައިދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި މިފަދަ މައްސަލަތަކުގައި ހެއްކާއިއެކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ޖުވެނައިލް ކޯޓުން ބައެއް ކުދިން ދޫކޮށްލާފައިވެސް ވެއެވެ.

ނަމަވެސް ޔުމްނާގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުޙުމަތުކޮށް، ފުލުހުން ފާރިސް ހައްޔަރުކުރުމާއިއެކު، ކްރިމިނަލް ކޯޓުން ވަނީ އޭރު ތަޙުޤީޤީ މަރުހަލާގައި އޮތް އެ މައްސަލައިގެ (ދަޢުވާ ނުކުރާ، ނުފެށޭ) ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ނިންމާފައެވެ.

ފަހަކަށްއައިސް ރާއްޖޭގައި މާރާމާރީގެ މައްސަލަތައް ގިނަވެ، މީހުން މެރުން ގިނަވެފައިވާއިރު، އެކަންކަން ހުއްޓުވުމަށް މާބޮޑު މަސައްކަތެއް ނުކުރެވޭއިރު، ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައްކޮށް، އެފަރާތްތަކުގެ ޝަރީޢަތްތައް އަވަސް ދުވެލީގައި ނިންމަމުންދަތީ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް