ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 17:40
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް - ހާޝިމްގެ ސަސްޕެންޝަން އުވާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް - ހާޝިމްގެ ސަސްޕެންޝަން އުވާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ
ގޫގުލް
ދިއްދޫ ކައުންސިލް ރައީސް
ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް: އެމްޑީޕީ
ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރު ކޮށްދިނުމަށް މަސައްކަތް ކުރުމުގެ ސަބަބުން
ފްލެޓްތަކުގެ މައުލޫމާތު ހާމަކުރުމަކީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެއް
ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް

މިހާރުން މިހާރަށް ދިއްދޫ ރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ ނިންމެވުން ބާޠިލް ކުރެއްވުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

 

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރިކުރުން ކުށްވެރިކޮށް އެމްޑީޕީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފައި ވަނީ ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

 

އެމްޑީޕީން ބުނީ، ހއ. ދިއްދޫގައި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް 2011 ވަނަ އަހަރު އައިލެންޑް އެކްސްޕާޓާ ހަވާލު ކުރެވިގެން ތަރައްޤީ ކުރެވިފައިވާ ކެޓަގަރީ އޭގެ 125 ހައުސިން ޔުނިޓާއި ކެޓަގަރީ ބީގެ 15 ހައުސިން ޔުނިޓު ތަރައްޤީކުރެވި ޖުމްލަ 440 މީހުން އެ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމުން ހައުސިން ޔުނިޓު ދިނުމުގައި ހަމަހަމަކަން ގެއްލޭ ގޮތަށް ސަރުކާރުން ޢަމަލު ކޮށްފައިވާތީވެ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމު ރައްޔިތުންނަށް ސާފު މަޢުލޫމާތު ފޯރު ކޮށްދެއްވުމަށް ދިއްދޫ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އެމްޑީޕީން ބުނީ، 2008 ވަނަ އަހަރު ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީން ރައްޔިތުންގެ ލިބިދިން އެންމެ ބޮޑު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމް ކަމަށާއި، އެ ނިޒާމުގެ ބޭނުމަކީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލްތަކުގެ ބެލުމުގެ ދަށުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޒަމާނުއްސުރެ އުފެދި އަށަގެންފައިވާ މަރުކަޒީ ނިޒާމުން ބޭރުވެ، ރާއްޖޭގެ ރައްޔިތުން ބާރުވެރިކުރުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމްގެ ބޭނުމަކީ، ތަރައްޤީގައި ރައްޔިތުންގެ ދައުރު އިތުރުކުރުމާއި ހާމަކަން ބޮޑު ގޮތެއްގައި ރަށު ތަރައްޤީއާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުންކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

 

އެމްޑީޕީން ބުނީ، ދިއްދޫގެ ބޯހިޔާވަހިކަން ލިބޭ ފަރާތްތަކުގެ މައުލޫމާތު އެންމެ ހާމަކަން ބޮޑުކޮށް ދިއްދޫ ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެކަން ކުރުމަށް ބާރު އެޅުއްވުމުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ފްލެޓްގެ މައްސަލަ ފާހަގަކޮށް، އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ދިއްދޫ ފަދަ އާބާދީ ބޮޑު ރަށެއްގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވާ އިރު، ރައްޔިތުންގެ ޓެކްސް އާމްދަނީން ޚަރަދުކޮށްގެން ތަރައްޤީކުރެވޭ ޕަބްލިކް ހައުސިންގ ހަމަހަމަކަން ގެއްލޭގޮތަށް، ވަގުތީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ސިޔާސީ ވިސްނުމަށް ބަލައި ބަހާލުމުން ރަށުގެ ހަމަޖެހުމަށް އެކަމުގެ ނުރަނގަޅު އަސަރުކު ކުރާނެކަމަށެވެ. އަދި ބޭއިންސާފުން ހައުސިން ޔުނިޓުތައް ބެހުމުގެ ނަތީޖާ ހިތިވާނެ ކަމުގައިވެސް ދެކޭކަމަށާއި، އެހެންކަމުން މި ހައުސިން ޔުނިޓުތައް އިންސާފުވެރިކަމާއެކު ބެހުމަށާއި ރަށު ކައުންސިލުން އެދިފައިވާ ގޮތަށް އެކަން ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އޭގެއިތުރުން މިހާރުން މިހާރަށް ރަށު ކައުންސިލް ރައީސް ޢަލީ ޙާޝިމް ސަސްޕެންޑް ކުރުމުގެ ނިންމެވުން ބާޠިލް ކުރެއްވުމަށާއި ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ކަންކަން ކުރެއްވުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ ދުރުވުމަށްވެސް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް