ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 17:00
މާލޭގައި ހިންގި މާރާމާރީއެއްގެ ސީން
މާލޭގައި ހިންގި މާރާމާރީއެއްގެ ސީން
ރާއްޖެ އެމްވީ
މާރާމާރީ ހިންގުން
މާރާމާރީ ހިންގާ ފަރާތްތައް ފިލުވުމަށް އެހިތެރިވެދޭ، ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން
އެހީވެދޭ މީހުންގެ މައްސަލަތައް ވެސް ގަވައިދުން ބަލާ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާނެ
މާލެ ތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް

މާރަމާރީ އާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލުވާ، ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

 

ފަހަކަށް އައިސް މާލޭގައި ހިނގަމުން އަންނަ މާރަމާރިތަކާ ގުޅިގެން ފުލުހުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ މާރަމާރީ ހިންގާ ފަރާތްތައް ފިލުވުމަށާއި އެ ފަރާތްތަކަށް އެހީވެދިނުމާއި ފުލުހުންނަށް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށް ފަހު ފިލުމަށްޓަކައި ގޭބިސީތަކާއި ކުއްޔަށް ދޭ ތަންތަނުގައި އުޅޭ ކަމަށާއި އެހެންކަމުން އެކަންކަމަށް އިތުރަށް ސަމާލުވުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

 

"..އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އެހީވެދޭ މީހުންގެ މައްސަލަތައް ވެސް ގަވައިދުން ބަލާ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

 

ރޭ ހުޅުމާލޭގައި މީހަކު މަރާލި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރޭ މާލޭގައި ހިންގި މާރަމާރީއާ ގުޅިގެން ގިނަ އަދަދަަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަމަލީ ގޮތުން އެކަމުގައި ބައިވެރިވި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާ މާރަމާރީތައް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ތަންތަން ބަލާ ފާސްކޮށް އެފަދަ ތަކެތި ހޯދާ، މާލެ ތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް