ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ވާހަކައަކީ މިއަދަކު އިއްޔެއަކު ދެކެވޭ ވާހަކައެއް ނޫނެވެ. މުއައްސަސާ އުފެދުނީއްސުރެ މިއަދާ ޖެހެންދެން ރައްޔިތުން އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ އެއީ އެވެ. ފުލުހުންގެ މުއައްސަސާއަށް 84 އަހަރު ފުރިފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި މުއައްސަސާގެ އަމަލުތައް ހުރި ގޮތުން ބަދުނާމު ނުވާންވީ ސަބަބެއް ނެތެވެ. ވަކިވަކި މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުމާއި، ސިޔާސީ ތަހުގީގުތަކާއި، އޯޑަރެއް ނެތި އުޅުންފަދަ ކަންކަން މާޒީގެ ތެރެއިން ފެންނަން އެބަހުއްޓެވެ. މިއަދު ވެސް މިފަދަ އެތައް ކަމެއް ހާމަކަން ބޮޑު ގޮތެއްގައި ހިނގަމުން އެބަދެ އެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީވެގެން ގޮސް، މުހިންމުކަން ދޭ ކަންތައްތަކުގެ ތަރުތީބު މިވަނީ ބަދަލުވެފަ އެވެ. މިއީ ގަބޫލުކުރަން ބޭނުންވިޔަސް، އަދި ނުވިޔަސް މިއަދުގެ ހަގީގަތެވެ. އިއްޔެގެ ވެސް ހަގީގަތެވެ.
ނަމަވެސް، މުޖުތަމައުގައި ކުށް ކުރުން ގިނަވެ، މީހުން ކޮށާ ނަގާއިރު ހަމައެކަނި ފުލުހުންނާ ދިމާލަށް އިނގިލި ދިއްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. ހަމައެކަނި ފުލުހުންގެ ބޮލުގައި ބަދުނާމު އެޅުވުމަކީ އިންސާފަށް ނުވެދާނެ އެވެ. ތެދެކެވެ. ފުލުހުންގެ އިހުމާލު އިންތިހާއަށް އެބައޮތެވެ. ސިޔާސީ މީހުން ފަހާ ދުވުމުގައި ވަގުތާއި ވަސީލަތްތައް ނަގާލާއިރު، ކުށްކުރުން ހުއްޓުވުމަށްދޭ ސަމާލުކަން ކުޑަވެއްޖެ އެވެ. އެހެނަސް އިންސާފުގެ ނަޒަރަކުން ބަލާލާއިރު، ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް މިކަމުގައި އަދާކުރަންޖެހޭ ޒިންމާ ވެސް ވަކި ކުޑައެއް ނޫނެވެ. ޒަމާނުންސުރެ ފެނިގެންދަނީ ފުލުހުން ހޫނު ފެނަށް ވައްޓާލުވުމަށް ފަހު، ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް "ނާޗަރަންގީ" ކުޅޭ ތަނެވެ.
ވިސްނާލަ ބައްލަވާށެވެ. ފުލުހުން ކުށެއް ތަހުގީގު ކުރުމަށް ފަހު، އެކަށީގެންވާ ހެކި ހޯދައިގެން މައްސަލަ ފޮނުވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. ބޮޑެތި ކުށްތައް ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމުން ވެސް ދައުވާ ނުކުރަންޏާ ފުލުހުން ވަކި ކުރާނީ ކީއްހެއްޔެވެ؟ ބަންދުގައި މީހަކު ގެންގުޅެވެނީ ކޯޓުން ޖަހައިދޭ މުއްދަތަކަށެވެ. ކޯޓަށް މުއްދަތު ޖަހަން ހާޒިރުކުރުމުން ފަނޑިޔާރު "ޓިޕްސް" ނަންގަވައިގެން ކުށްވެރިޔާ ދޫކޮށްލީމާ ފުލުހުން ކުރާނީ ކީއްތޯ އެވެ؟ ސިޔާސީ ވެފައިވަނީ ހަމައެކަނި ފުލުހުންނެއް ނޫނެވެ. ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ހައްދެއް ނެތް މިންވަރަށް ސިޔާސީ ވެފަ އެވެ. ނާޖާއިޒު މަންފާ ލައްކައިން މިލިއަނުން ލިބިގަންނަނީ އެވެ. މުޅި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ މުއައްސަސާތައް މިވަނީ ފެއިލްވެފަ އެވެ.
މިއީ ގޭތެރެއިން ބޭރުގެ ވާހަކަ އެވެ. ގޭތެރޭގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ އަދާނުކުރެވެ އެވެ. މީހެއްގެ ދަރިއެއް ކަތިލުމަށް ފަހު ލެއިން ތަތްތެޅިގެން ގެއަށް އައުމުން ވެސް ބަތްތަށި މޮޑެފައި ލަވާދިނުމުގަ އެވެ. މަގޭ ދަރި ކުށެއް ނުކުރާނޭ ބުނެ އަޑުގެ ނެތްކޮޅަށް ހަޅޭލަވާއިރު، އެ އަންނަނީ މީހެއްގެ ދަރިއެއް މަރާލާފަ އެވެ. ހަމަ އެ ވެސް މަޔަކާއި ބަފައެއްގެ ދަރިއެކެވެ. ލެއިން ތަތްތެޅިފައި އޮންނަ ގަމީސް ދޮންނަ އިރު، ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީތޯ އެވެ؟ ތިމާގެ އަމިއްލަ ދަރިފުޅު މަރާލައިފިނަމަ ކުރާނެ ހިތާމަ، އެހެން މީހުންގެ ދަރިން މަރާލުމުން ކުރާނެކަން ނުވިސްނެނީ ހެއްޔެވެ؟ މަސްތުވާ އެއްޗެހި ބޭނުންކުރާކަން އެނގިހުރެ ފައިސާ ދެނީ ވެސް ދަރިފުޅަށް ހެޔޮ އެދޭތީތޯ އެވެ؟ ދަރިފުޅު ފޮރުވުމަށް ބޭރަށާއި ރަށްރަށް ތިޔަ ފޮނުވަނީ ނުފޮރުވޭނެ ދުވަހުގެ މަތިން ހަނދުމަ ނެތީމަ ހެއްޔެވެ؟ ގައުމު އިސްލާހުކުރަން ނިކުތުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ ގޭތެރެއިން އިސްލާހީ މަސައްކަތް ފަށަންވީ އެވެ. އެއީ މުޖުތަމައު އިސްލާހުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ އެވެ. ދަރިން ދެކެ ވާ ލޯބީގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ދިނުން ހުއްޓާލާށެވެ.
ޒުވާނުން ވެސް އަމިއްލައަށް ވިސްނާލަންވީ އެވެ. ގޭންގުތައް ހަދައިގެން ރަށު ތެރެއަށް ގިނަވެގެން އުޅުމުގެ ބޭނުަމަކީ ކޮބައި ހެއްޔެވެ؟ ބަދަލު ހިފުމުގެ ރޫހުގައި އެކަކު އަނެކަކު ކޮށާ ނަގާލާއިރު، ދުވަހަކު ވެސް ތިކަން ހުއްޓޭނެ ހެއްޔެވެ؟ މީހުން މަރަނީ ހާދަހާ ކޫސަނި މައްސަލަތަކުގަ އެވެ. ގޯޅިއެއްގެ މިލްކުވެރިކަމާ ހެދި ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައެއް ހައްލުނުވެ އެތައް އަހަރެއް ވީ އެވެ. ދެ ގްރޫޕަށް ނިސްބަތްވާ އެތައް ބަޔަކު މަރުވެއްޖެ އެވެ. މިކަމެއް ނިމޭނީ އަދި ކިތައް މީހުން މަރުވެގެންތޯ އެވެ. ބަދަލު ހިފަންޏާ، ދުވަހަކު ވެސް ބަދަލު ހިފައެއް ނުނިމޭނެ އެވެ. ވިސްނާށެވެ. މުސްތަގުބަލާ މެދު ފިކުރު ކުރާށެވެ. ޖަޒުބާތުގައި ހުރެގެން ކުރެވޭ އެންމެ ކަމަކުން މުޅި މުސްތަގުބަލު ބަނަވެގެން ހިނގައިދާނެ އެވެ. ހޭއަރާށެވެ.
ގައުމަށް ދިމާވެގެން އުޅޭ ހުރިހާ މައްސަލައެއްގެ ފެށުމަކީ އިންސާފު ނުލިބުމެވެ. މިތަނުގައި މިހާރު މިއޮތީ ކަނޑުގެ ގާނޫނެވެ. ބޮޑެތި މަސްތައް ގަދަކަން ދައްކައިގެން ކުދި މަސްތައް ކެއުމުގެ އުސޫލެވެ. އެންމެ ހައިވާނީ ގޮތްގަނޑެވެ. ޖަންގަލީގެ ގާނޫނެވެ. މިކަން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގެ އެވެ. ކޮންމެ ދުވަހަކު މިއުޅެން ޖެހެނީ މިފަދަ ހިތާމަވެރިކަމެއްގެ ތެރޭގައެވެ. މަރަކަށް ފަހު މަރެކެވެ. މުޅި ޒުވާން ޖީލު މާރާމާރީއާއި މަސްތުގެ ވަބާގައި ޖެހި ހުސްވެގެންދަނީ އެވެ. ސިޔާސީ މީހުންގެ ހަތިޔާރަކަށް ޒުވާނުން ބޭނުންކުރުމުގެ ސަބަބުން ޖީލެއް ހަލާކުގެ ތެރެއަށް ހުސްވެގެން ދަނީ އެވެ. ސިޔާސީ ހިމާޔަތުގެ ވަރައެއްގެ ދަށުގައި ކުށް ކުރަން ފުރުސަތުދޭނަމަ ދުވަހަކު ގައުމެއް އިސްލާހެއް ނުވާނެ އެވެ. މި ގައުމުގެ މުސްތަގުބަލާ މެދު ވިސްނާ އެއްވެސް ސިޔާސީ މީހަކު އެފަދަ ފުރުސަތެއް ނުދޭނެ އެވެ. މިއީ ސިޔާސީ މީހުންގެ ސިޔާސީ ބޭނުންތަކަށް ޒުވާނުން ބޭނުންކުރަން ހުއްޓާލަން އެންމެ ރަނގަޅު ވަގުތެވެ.