ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 14:41
ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި
ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި
އަޒުމޫން އަހުމަދު
ޕާޓީތަކަށް ފައިސާ ދޫކުރުން
ޕާޓީތަކަށް ފައިސާ ނުދީ ގާނޫނާ ޚިލާފުވެގެން އުޅޭތާ ހަ މަސް، ފިނޭންސްގެ އެއްވެސް ހާސްކަމެއް ނެތް!
ގާނޫނު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދޭންޖެހޭ
ތަކުރާރުކޮށް އެކި ދުވަސް ދުވަހު ގުޅުމުން ވެސް ޖަވާބެއް ނުދިން
އިލެކްޝަނުން ބުނީ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށް

އަހަރުގެ ފަހު ތިން މަސް ދުވަހަށް އެޅުނުއިރު ވެސް، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ދީފައި ނުވަނީ ކީއްވެގެންކަން ހާމަކުރަން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ. 

ރާއްޖެއެމްވީ އިން ތަކުރާރުކޮށް އެކި ދުވަސް ދުވަހުގެ މަތިން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މީޑިއާ އޮފިޝަލް ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ "ތިކަން ބަލާލާފަ ގުޅާލާނަން" ކަމަށެވެ. އެހެން ނަމަވެސް، ތިން ހަފްތާ ވަންދެން މަސައްކަތް ކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ ބަހެއް ހޯދަން ކުރި ހުރިހާ މަސައްކަތެއް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ފާއިތުވެގެން ގޮސް، ނުވަ ވަނަ މަސް ނިމޭއިރު ވެސް، ޕާޓީތަކަށް ފައިސާ ދޫކުރާނެ ދުވަހެއް ފިނޭންސް މިނިސްޓްރީން ނުބުނެ އެވެ. މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ ގާނޫނުގައި ބުނާ ތިން މަސް ދުވަސް ފާއިތުވެ ދިޔަތާ އެތައް މަހެއް ފަހުން ނޮވެމްބަރުގަ އެވެ. 

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބުނަމުން ދިޔައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެ އެވެ.

ނަމަވެސް، މިއަހަރު ފައިސާ ދޫކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށާއި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ. މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މިދިޔަ އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް