ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 14:25
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށް ބުނާ ޑްރަގްސް
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށް ބުނާ ޑްރަގްސް
ޓްވިޓަރ
ޑްރަގްސް
ސްކޫލްތަކުގައި އާވައްތަރެއްގެ ޑްރަގެއް ދައުރުވަމުންދާ ވާހަކައަކީ ދޮގެއް: ޕޮލިސް
އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ
މެސެޖްގައިވާ ވާހަކަތަކަކީ ހަގީގަތް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނޭ

ރާއްޖޭގެ ސުކޫލުތަކުގައި މަސްތުވާތަކެތީގެ އާވައްތަރެއް ދައުރުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މެސެޖަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ "ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ފެތުރެމުންދާ އެފަދަ އެއްވެސް މައްސަލައެއް ނުވަތަ އެ މެސެޖްގައި ބަޔާންކޮށްފައިވާ ހާލަތަށް ނިސްބަތްވާ މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއްގެ ފަރާތުން އަދި ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރާތަކުން ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ. 

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އެމެސެޖްގެ އަސްލަށް ބަލާރު ވެސް އެއީ ހަގީގަތެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް ފުލުހުންނަށް ޔަގީންކުރެވޭ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ ހަގީގަތާ ހިލާފު އަސްލެއް ނެތް މައުލޫމާތު ދައުރު ނުކުރުމަށާއި، ސޯޝަލް މީޑިއާގައި އެފަދަ މެސެޖު ދައުރުކުުރުމުގައި ޒިންމާާދާރުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ މެސެޖްގައި ބުނެފައި ވަނީ "ސްޓްރޯބެރީ ކްއިކް" ނަމަކަށް ކިޔާ ޑްރަގެއް ސްކޫލްތަކުގައި ދައުރުކުރަމުންދާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ޗޮކްލެޓް ނުވަތަ ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާއި އޭގެ ރަހަތައް ހުންނަނީ ކުޑަކުދިން ގަޔާވާ ކަހަލަ ރަހަތަކުގައި ކަމަށެވެ.  އެހެންކަމުން ގޮތް ނޭނގޭ މީހުން ދޭ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެެ.

މި މެސެޖަކީ މީގެ އަހަރުތަކެއް ކުރިން ވެސް ސޯޝަލް މީޑިއާގައި އާންމުވި މެސެޖެކެވެ. އަލުން މި މެސެޖް ދައުރުވާން ފަށާފައި މި ވަނީ ހުޅުމާލޭގައި ދެ ކުއްޖަކު މަރުވި ހާދިސާފައި އެ ކުދިން ޕާޓީ ޑްރަގްސް ބޭނުންކުރިކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.


ރާއްޖޭގައި "ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި މެސެޖެއް ދައުރުވަމުންދާއިރު، އައްވައްޓެރި އިންޑީއާގައި މިފަދަ ޑްރަގެއް ދައުރުވަމުންދާ ކަމަށް ބުނާ މެސެޖްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެެ. އަދި އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް އެކަން ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އާ ބާވަތެއްގެ މަސްތުވާތަކެތި ނުވަތަ އާންމުކޮށް ނުފެންނަ ވައްތަރުގެ ޕާޓީ ޑްރަގްސްތަކެއް ފެނިފައިވާކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވައްތަރުގެ ޑްރަގްސްއަކީ އޯވާރޑޯޒް ވެގެން މަރުވެސް ވެދާނެ އެއްޗެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް