ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 13:23
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ
މުހައްމަދު ޝަރުހާން
ހައިކޯޓް ފަނޑިޔާރުން
ޖޭއެސްސީ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ހައިކޯޓަށް ފަނޑިޔާރުން ނުނެގިފަ!
ޖޭއެސްސީގެ ބައްދަލުވުމެއް ބުދަ ދުވަހަށް ތާވަލުކުރި
ބައްދަލުވުމުގެ އެޖެންޑާގައި ފަނޑިޔާރުން ނެގުން ހިމަނާފަ
ގާނޫނު ބުނާ މުއްދަތު ފަހަނަ އަޅައި ދިޔަތާ 12 ދުވަސް

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައި ދިޔައިރު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ފަނޑިޔާރުން އައްޔަން ކުރެވިފައިނުވާކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. އެ އިސްލާހުގައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާ އާއި  35 ވަނަ މާއްދާގެ "ބ" އަށް އިސްލާހުތަކެއް ގެނެސްފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނުއިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެންނެވެ. މިދިޔަ ބުދަ ދުވަހު ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަން ނިންމި ނަމަވެސް، ބައްދަލުވުމުގެ ކޯރަމް ހަމަނުވުމުން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.

ހައިކޯޓް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްވި ފަރާތްތަކާ އިންޓަވިއުކޮށް ހުރިހާ ކަމެއް ވެސް ނިންމާފައިވާއިރު، މިހާރު އޮތީ ހަމައެކަނި އައްޔަންކުރާނެ ފަނޑިޔާރުން ކަނޑައެޅުމެވެ.

ހައިކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގަން މަސައްކަތް ކުރެއްވުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ދެކުނު ގޮފީގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް