ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 19:18
ސަޔަށް ގެނައިތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައި:-- ސައިގެ ހަރަކާތުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވޭ
ސަޔަށް ގެނައިތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައި:-- ސައިގެ ހަރަކާތުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވޭ
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކާއެކު އިދިކޮޅު ޕާޓީތަކުގެ ސައެއް!
ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަނާ ވައްކަން: އިދިކޮޅު ފަރާތްތައް
މިނިވަން މުއައްސަސާތަކުން އަމަލު ކުރަނީ ސަރުކާރުން ބޭނުންވާ ގޮތައް ކަމަށް ބޭފުޅުން ވިދާޅުވި

ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހަވީރުގެ ސައި ކުރިއަށް ގެންގޮސްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ކުރިއަށްދިޔަ މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އާންމުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕާޓީތަކުން އިސްނައިގެން ހިންގަން އުޅުނު ހަރާކާތް ނުބޭއްވުނީ ސަރުކާރުން ފުރުސަތު ނުދިނުމުން ކަމަށެވެ. އަދި އެ ފުރުސަތު ސަރުކާރުން ނުދިނުމުން ހަވީރުގެ ސައެއް ބާއްވަން ޖެހުނީ ކަމަށާއި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަ ހުއްޓާނުލާ ދައްކަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތައް ކާމިޔާބުކޮށް މި ސަރުކާރު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ހަރަކާތްތަކަށް ލިބެމުންދާ ތަރުހީބަކީ އާންމު މެމްބަރުންގެ ހިތްވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ބައެއް ބޭފުޅުން އަޅުގަނޑުކައިރިވެސް އެބަ އަހާ ރިޔާސީ އިންތިހާބެއް އޮންނާނެތޯ، ލާހިކެއްނޫން އިންތިހާބު ނޯންނާނެ ގޮތެއް ހަދާކަށް، އިންތިހާބު އޮންނާނެ. އިންތިހާބުން ސަރުކާރު ބަލިކުރާނަން،އެއީ ޔަގީންކަމެއް، " ޝަރީފު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. އަބްދުﷲ މަސޫމް ވިދާޅުވީ ގާނޫނާ އެއްގޮތައް ވެރިކަން ކުރާނެ ކަމަށް ބުނެ މި ސަރުކާރުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމަކީ ރައްޔިތުންނާ ހަނގުރާމަ އިއުލާން ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ހަމައެއް ލަމައެއް ނެތި، އާދެ ގާނޫނީ އެއްވެސް ހަމައެއް ނެތި ގޮނޑިތައް ގެއްލުވާލަން މަސައްކަތް ކުރަމުން އެދަނީ އެއީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީމަ. އާދެ 43 މެމްބަރުންގެ ސޮއާ އެއްކޮން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށައެޅި ދުވަސް އެއީ މި ސަރުކާރު ވެއްޓުނު ދުވަސް، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުނު ދުވަސް،" ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ވާހަކަ ދެއްކެވި އެހެން ބޭފުޅުންވެސް ވަނީ ސަރުކާރު ތެރޭގައި ވައްކަމާއި ކޮރަޕްޝަން އޮތް ކަމަށް ވިދާޅުވެ ބޮޑެތި ތުޙުމަތުތަކެއް ކުރައްވާފައެވެ. އަދި ދައުލަތުގެ މިނިވަން މުވައްސަސާއިން އަމަލު ކުރަމުންދަނީ ސަރުކާރުން ބުނިހާ ގޮތަކަށް ކަމަށް ވިދާޅުވެ މިނިވަން މުއައްސަސާ ތަކުންނާއި ފުލުހުން ގާނޫނުތަކާ އެއްގޮތައް އަމަލު ކުރުމަށް އެކި ބޭފުޅުން ގޮވާލައްވާފަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް