ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 14:07
ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބަޔަކު ދުޢާ ކުރަނީ
ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބަޔަކު ދުޢާ ކުރަނީ
ރާއްޖެއެމްވީ
ހުކުރު ދުއާ
ހުކުރު ނަމާދަށް ފަހު މިއަދުވެސް އަނިޔާވެރިކަމުން އަރައިގަތުމަށް ދުޢާ ކޮށްފި
ދުޢާގައި ގިނަ ބަޔަކު ބައިވެރިވި
ރައީސް ޔާމީންގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކޮށްފައިވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުމަށް، އެދި ގިނަ އަދަދެއްގެ ބަޔަކު މިއަދުގެ ހުކުރު ނަމާދަށްފަހު ދުއާކޮށްފި އެވެ.

މަސްޖިދުއް ސުލްތާން މުޙައްމަދު ތަކުރުފާނުން އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި މިއަދު ކުރި ހުކުރު ނަމާދަށްފަހު ވެސް، ރައީސް ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށް ދެއްވުމަށާއި، ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކޮށްދެވުމަށް އެދި ކުރި ދުޢާގައި ގިނަ ބަޔަކު ބައިވެރިވި އެވެ.

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި މި ދުޢާ ކުރަން ފަށާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރަން ފެށުމާއި ގުޅިގެން 2015ވަނަ އަހަރުގެ ތެރޭގައި އެވެ. އޭގެ ފަހުން ކޮންމެ ހުކުރު ދުވަހެއްގައި އިސްލާމީ މަރުކަޒުގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރަމުން ގޮސްފައިވެއެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން ޙުކުމް އިއްވާފައިވާ ސިޔާސީ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބްރާހިމް އާއި، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޙްލޫފަށް ހުކުމް އިއްވާފައިވި ނަމަވެސް، އޭނާ ވަނީ ޙުކުމުގެ މުއްދަތު ތަންފީޒުކޮށް މިނިވަންވެފައެވެ.

މީގެ އިތުރުން، ޙުކުމަކާއި ނުލައި ސިޔާސީ ބައެއް ފަރާތްތައް ބަންދުކޮށް، ތަހުގީގު ހިންގަމުންދެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މަޢުމޫން މިވަގުތު ވެސް ހުންނެވީ ޖަލުގައެވެ. ފާރިސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް