ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 08:06
ދިއްދޫ ކައުންސިލް ރައީސް ހާޝިމް
ދިއްދޫ ކައުންސިލް ރައީސް ހާޝިމް
ފޭސްބުކް
ފްލެޓްތަކުގެ މައްސަލަ
މިނިސްޓަރު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތަކަށް ފްލެޓެއް ނުބެއްސެވޭނެ: ހާޝިމް
މިނިސްޓަރު މުއިއްޒު ވަނީ ދިއްދޫ ކައުންސިލުން އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެފައި
ދިއްދޫ ކައުސިލްގެ ރައީސް ހާޝިމް ވަނީ އެލްޖީއޭއިން ސަސްޕެންޑް ކޮށްފަ
ފްލެޓް ދިނުމުގައި އެއްވެސް ހަމައެއްލަމައެއް ނެތްކަމަށް ހާޝިމް ވިދާޅުވި

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު  ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތަކަށް ފްލެޓް ނުބެހޭނެ ކަމަށް ސަސްޕެންޑް  ކޮށްފައިވާ ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ 60 މިނެޓްސް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ހާޝިމް ވިދާޅުވީ ދިއްދޫ ކައުންސިލުން އެއްބާރުލުން ނުދެއްވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އޭނާ ސަސްޕެން ކޮށްފައި ވަނީ ހައުސިންގ މިނިސްޓަރު މުއިއްޒުގެ ނުފޫޒުން ކަމަށާއި މިނިސްޓަރު މުއިއްަޒުއަށް ދެން ހައްދަވާނެ ގޮތް މުޅިން ހުސްވެވަޑައިގަތުމުން އޭނާ އަށް  ކުރިމަތިވީ ސަސްޕެންޝަނެއް ކަމަށް ހާޝިމް ވިދާޅުވި އެވެ.

"ހައުސިންގ މިނިސްޓަރު ކިތަންމެ ވަރުލާފައި ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. ދިއްދޫ ކައުންސިލަކުން މިސަރުކާރަށް އެއްބާރުލުން ނުދީއެއް ނޯންނާނެ. އަދި ދިއްދޫ ރައްޔިތުންނަށް ލިބެންޖެހޭ ފްލެޓް އަޑިނޭނގޭ ގޮތެއްގައި އެމަނިކުފާނު ވަރަށް މަކަރުވެރި ގޮތެއްގައި ބައްސަވަމުން ގެންދަވާތީވެ، އަޅުގަނޑުމެން ބަލަހައްޓާކަން ނޯންނާނަން. އަޅުގަނޑުމެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިމައްސަލަ ހުށަހެޅީމާ، ލަފާކުރެވޭ ގޮތުން ގޮތް ހުސްވީ. ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒުގެ ގޮތް ހުސްވެގެން އެންމެފަހުން ދެން ހައްދަވާނެގޮތެއް ނޭނގިގެން އަޅުގަނޑާމެދު މިފިޔަވަޅު އެޅުއްވީ،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ހައުސިންގް މިނިސްޓްރީން ފޮނުވި ކޮންމެ ސިޓީއަކަށް އަދި ކޮންމެ ކަމަކަށް ޖަވާބުދާރީވެފައިވާނެ ކަމަށާއި އަދި މިނިސްޓްރީއިން އެރަށަށް ވަޑައިގެންނެވި ބޭފުޅުންނާއެކުގައި ވަރަށް ގާތުން ދިއްދޫ ކައުންސިލުން މަސައްކަތްކޮށް ހައުސިންގ މިނިސްޓްރީއަށް އެންމެފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށެެވެ.

"ދެން އަޅުގަނޑަށް ކައުންސިލަށް ވަދެވުނަސްވެސް ހަމަ މިކަން މިހެން ކުރިއަށް ގެންދާކަށް ނުކެރޭނެ. ރައްޔިތުންގެ ހައްގުތަކަށް އެވަރަށް އަރާވަޑައިގަންނަވާ، ރައްޔިތުންނަށް ވާނުވާއެއް ނޭނގި، އޮޅުވާލައްވާ، ވަކިގޮތަކަށް، އެއްވެސް އިންސާފެއް ނެތްގޮތަކަށް ދެފުއް ނުފެންނަގޮތަށް ބެހިޔަސް، ދެން އަޅުގަނޑަށް ކައުންސިލް އިދާރާއަށް ވަދެވުނަސްވެސް އެފުރުސަތެއް ނުދޭނަން" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ މިނިސްޓަރު މުއިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވާހާ ގޮަތަކަށް ފްލެޓް ނުބެއްސެވޭނެ ކަމަށް ކައުންސިލުން ބުނުމަކީ އެއްބާރުލުން ނުދިނުން ނޫން ކަމަށާއި ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓްގައި މާކްސް ލިބިފައިވާގޮތަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ. އަދި ވަރަށް ދަށުން މާރކްސް ލިބިފައިވާ، ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ފްލެޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން އާއްމުކުރި ލިސްޓްގައި އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭކަމަށް ހާމަކޮށްފައިވާ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ކައުންސިލަށް ހުށަހެޅިގެން ދިޔަކަމަށާއި އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުއްވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް