ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 07:40
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
މުހައްމަދު ޝަރުހާން
މެމްބަރު އިމްތިޔާޒު ފަހުމީ
ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި
މިދައުލަތަށް ރިޝްވަތަކީ ކޮބައިކަންވެސް ނޭނގޭ
މެމްބަރުންގެ މައްޗަށް ހިންގަނީ "ފޭކް" ދައުވާތަކެއް
ހަރާމް ފައިސާ ވެއްދި މައްސަލައިގެ ތަހުގީގުވެސް ނުހިނގާ

 ގާނޫނުއަސާސީއާއި ގާނޫނުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުންނުދާތީ، ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން އެއްބާރުލުން ދެމުންދާ އިރު އެކަމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ދިވެހި ދައުލަތް ހިނގަނީ "އެކޮޅު ކޮޅުން" ކަމަށެވެ.

އިންތި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ސަރުކާރަށާޢި ދައުލަތުގެ މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިސްވަތު ހުށަހެޅުމުގެ ދައުވާއާއި ފުލުހުންެގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ މެމްަބަރުން ވަން ކަމަށް ބުނާ ދައުވާތަކާއި ގުޅޭ ގޮތުން އިންތި ވިދާޅުވީ އެއީ "ފޭކް" ދައުވާތަކެއް ކަމަށެވެ.

"ރިޝްވަތުދިން އިރެއްނޭނގެ، ރިޝްވަތުދިން ތަނެއް ނޭނގެ، ރިޝްވަތު ހިފި މީހެއް ނޭނގެ، ރިޝްވަތު އެއީ ކޯއްޗެއް ކަމެއްވެސް ނޭނގެ. މިއީ ކޯއްޗެއްތޯ. ޝަރީއަތެއް ހިނގަމުންދަނީ، ޝަރީއަތުގެ މިހާހިސާބަަށް އަދި އަމުދުން ފަނޑިޔާރަކަށް ވެސް އެތަނަށް ވަޑައިގެންނެވި ވަކީލަކަށްވެސް، އެތަނުގައި ހުރި ގޮނޑި މޭޒަކަށް ވެސް ނޭނގެ ކޯއްޗެއްކަމެއް ހިނގަމުންމިދަނީ.... ގޮނޑި ނުގެއްލޭ. ގޮނޑި ގެއްލޭ ގޮނޑި ނުގެއްލޭ، ކޯޓުތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ނިންމުން ހުރިގޮތް. ކޯއްޗެއްތޯ މިއީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގުޅިފައުވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މައްޗަށް "ފޭކް" ދައުވާތައް ކުރައްމުންދާއިރު، ހަރާމް ފައިސާ ތިމަންމަނިކުފާނުގެ ގެއަށް ވަތްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެ އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގެންނެވިއިރު، ތަހުގީގީ އިދާރާތައް ތިބީ ތަހުގީގު ނުހިންގާ "ހަރާމްކޯރު"ވެފައި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ މިދައުލަތަކީ ދައުލަތެއްގެ ސިފަ ޖެހިގެން ހިނގާ ދައުލަތެއް ނޫނޭ. އެހެންވެގެން އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ މިއީ އެކޮޅު ކޮޅުން އިދިކީލަކޮށް ބަޅުކޮށް ހިނގާ ދައުލަތަކޭ. ދައުލަތެއްގެ ސިފަ އެއްކޮށް ގެއްލި، ސައްހަކަން ގެއްލި، ހުއްޖަތު ގެއްލި، ހުރިހާ ކަމެއް ގެއްލިފައިވަނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުން މިދާ މަސައްކަތްތަކުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށާއި މިބާވަތުގެ ވެރިކަމެއް ދެމި ނުއޮންނާނެ ކަމަށެވެ.

މީގެއިތުރުން އިންތި ވިދާޅުވީ މިސަރުކާރާއި ދިވެހި ދައުލަތް ހިނގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށް ގަބޫލު ކުރާނެ ދިވެހި ރައްޔިތެއް ނެތް ކަމަށާއި އަދި ބައިނަލް އަގްވާމީ މުޖުތަމައުއިން މިސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަން ބަލައި ނުގަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް