ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 23:30
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒް
މުހައްމަދު ޝަރުހާން
އަބްދުﷲ ރިޔާޒް
ނޫރުއްސަލާމް ނޫން ވަކީލެއް ހޯދުމަށް ރިޔާޒަށް ދެދުވަސް!
ފުލުހުން ބުނަނީ ސަސްޕެންޑް ކޮށްފައި ހުރުމުން ނޫރަކީ ވަކީލެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް
ނޫރު ވިދާޅުވީ، ސަސްޕެނޑް ކުރުމުން މަނާވީ ކޯޓުތަކުގައި ވަކާލާތުކުރުން ކަމަށާ، ތަޙުޤީޤުގައި ބައިވެރިވުމަށް ހުރަހެއް ނެތްކަމަށް
ރިޔާޒަށް އަންގާފައިވަނީ އާދީއްތަ ދުވަހު މެންދުރު 14:00 އަށް ފުލުހަށް ހާޒިރުވުމަށް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ ޢަބްދުﷲ ރިޔާޒްގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤުގައި ރިޔާޒްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އަލްއުސްތާޒް ނޫރުއްސަލާމް އަބޫބަކުރު ނޫން ފަރާތެއް ހަމަޖެއްސުމަށް އާދީއްތަ ދުވަހާއި ހަމައަށް ރިޔާޒަށް ފުލުހުން ވަގުތު ދީފިއެވެ.

ރިޔާޒްގެ މައްޗަށް ފުލުހުން ކޮށްފައިވާ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުޙުމަތުގެ ތަޙުޤީޤަށް ބުރާސްފަތި ދުވަހުގެރޭ ހާޒިރުވެވަޑައިގަތުމުން، ފުލުހުން ރިޔާޒަށް އަންގާފައިވަނީ، އަލްއުސްތާޒް ނޫރުއްސަލާމް އަބޫބަކުރަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ފަރާތެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ފުލުހުން މިފަދައިން އެންގެވީ ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ނޫރުއްސަލާމް ހިމެނޭތީ ކަމަށާ، ތަޙުޤީޤާއިގެން ރިޔާޒް ކުރިއަށް ވަޑައިގަންނަވަން  ބޭނުންވެ ލައްވަނީ ވަކީލަކާއި އެކުގައި ކަމަށް ވާތީ، ނޫރުއްސަލާމް ނޫން ވަކީލެއް ހަމަޖެއްސެވުމަށް އާދީއްތަ ދުވަހާއި ހަމައަށް ވަގުތު ދީފައިވާ ކަމަށެވެ. ރިޔާޒަށް ފުލުހުން މިހާރު އަންގާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށް މައްސަލައިގެ ތަޙުޤީޤަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށެވެ.

ފުލުހުންގެ ނިންމުމާއި ގުޅޭގޮތުން ނޫރުއްސަލާމް ވިދާޅުވީ، ސަސްޕެންޑް ކުރި ނަމަވެސް ތަޙުޤީޤުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެއް އޮތްކަމަށް ދެކިނުލައްވާކަމަށެވެ.

"ފުލުހުންނަށް އަޅުގަނޑު ދެއްކިން ސުޕްރީމް ޚޯޓުން ނެރެފަ އޮތް ސަރކިއުލަރ، އޭގަ އޮންނަނީ، އެ ސަރކިއުލަރގަ ބަޔާން ކުރެވިފައިވާ ވަކީލުން ދިވެހިރާއްޖޭގެ ކޯޓުތަކުގަ ވަކާލާތުކުރުން މަނާކުރެވިފަވާ ވާހަކަ. އެބަޔަކު ތަޙުޤީޤުތަކުގެ ވާހަކަ އައިސްފައެއް ނުވޭ. އެހެންވީމަ އެގޮތަށް ފުލުހުންނަށް ދެއްކީމަ، ފުލުހުން ވިދާޅުވަނީ އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގަ ތަޙުޤީޤުގަވެސް ބައިވެރި ނުވެވޭނެ ކަމަށޭ. ދެން އެކަމު އެބޭފުޅުން އެގޮތަށް ދެކިވަޑައިގަންނަވަންވީ ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ވަރަށް ސާފު އިބާރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިދެންނެވި ސަރކިއުލާރގަ އެއޮތީ" ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ، ކޯޓުތަކުން ނިންމާ ނިންމުންތައް ތަފާތު ގޮތްގޮތަށް މާނަ ކުރުމަކީ ދައުލަތުގެ މުއައްސަސާއަކުން ކުރިނަމަވެސް ކޯޓުގެ ހުރުމަތް ކެނޑިގެން ދާނެ ކަމެއް ކަމަށެވެ.

ރިޔާޒްގެ މައްޗަށް ތުޙުމަތު ކުރާ މައްސަލައާއި ގުޅިގެން ރިޔާޒް ވިދާޅުވީ، ފުލުހުން ތުޙުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ، މިނިވަން ތަޙުޤީޤަކަށް ވެސް، އަދި މިނިވަން ޝަރީއަތަކަށް ވެސް އެކަން ސާބިތު ނުވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ރިޔާޒް ފުލުހަށް ހާޒިރު ކޮށްފައިވާއިރު، މި މައްސަލާގައި މީގެ ކުރިން ވެސް ރިޔާޒް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. އަދި މި މައްސަލަ އާއި ގުޅުން ހުރި މައްސަލައެއްގައި ރިޔާޒްގެ މައްޗަށް މީގެ ކުރިން ވަނީ ދަޢުވާއެއްވެސް ކޮށްފައެވެ.

ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ  ވަނީ އެފަހަރު ކޮށްފައެވެ.

އެމައްސަލާގައި ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ.

މީގެ އިތުރުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި މައްސަލައިގައި ގާނޫނޫ ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް