ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:54
ދިއްދޫ ކައުންސިލް ރައީސް ހާސިމް
ދިއްދޫ ކައުންސިލް ރައީސް ހާސިމް
ފޭސްބުކް
ދިއްދޫ ކައުންސިލް ރައީސް
ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ހާޝިމް ސަސްޕެންޑްކޮށްފައިވަނީ އެލްޖީއޭއިން
ހާޝިމް ސަސްޕެންޑް ކުރީ ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތައް ވާހަކަ ދައްކަމުން ގެންދާތީކަމަށް އެލްޖީއޭއިން ބުނޭ
ހާޝިމް ސަސްޕެންޑް ކުރީ މުސާރައާއި އިނާޔަތްވެސް ނުލިބޭ ގޮތައް

ހއ.ދިއްދޫ ކައުންސިލްެގެ ރައީސް ޢަލީ ހާޝިމް އެލްޖީއޭ އިން ސަސްޕެންޑް ކޮަށްފިއެވެ. 

އަލީ ހާޝިމް ސަސްޕެންޑް ކުރިކަން އަންގައި އެލްޖީއޭއިން ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހއ ދިއްދޫގައި ހައުސިންގ މިނިސްޓްރީން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް އެމިނިސްޓްރީން އިއުލާންކޮށްފައިވަނިކޮށް ކައުންސިލްގެ ރައީސް ޢަލީ ހާޝިމް އެލިސްޓާ ޚިލާފަށް ކައުންސިލުން އައު ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން ޢާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެކިއުންތައް އެލްޖީއޭއަށް ލިބިފައިވާ ކަމަށާއި ރައްޔިތުންނަށް ނަމޫނާ ދައްކުވައިދޭންޖެހޭ މަޤާމެއްގައި ހުރެމެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތައް ވާހަކަ ދައްކަމުން ގެންދާތީ ދޮގު މައުލޫމާތު ހާމަކުރާކަމަށް އެކިފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެއޮއޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އަދި  ކައުންސިލަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުތައް ބަހައްޓަމުން ގެންދާތީވެ ބުރާސްފަތި ދުވަހު ބޭއްވި އެއޮތޯރިޓީގެ ބޯޑުގެ 5 ވަނަ ބައްދަލުވުމަށް ހުށަހެޅުމުން އެބޯޑުން ނިންމަވާފައިވަނީ އެއޮތޯރިޓީން ބަލައި ވަކިގޮތެއް ކަނޑައަޅަންދެން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތައް ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމަށް ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން ކައުންސިލްގެ ރައީސާ ގުޅޭގޮތުން އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރެވިފައިވާކަން ކައުންސިލްގެ ރައީސަށް އަންގަވައިދެއްވާ އެފަރާތުގެ މުސާރައާއި އިނާޔަތްތައް ހިފެހެއްޓުމަށް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސްގެ ސަސްޕެންޝަންގެ މުއްދަތުގައި ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނާނީ ކައުންސިލްގެ ނައިބު ރައީސް ކަމަށާއި ހަމައެހެންމެ ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރެވިފައިވާ މުއްދަތުގައި ކައުންސިލަށް ނުކުމެ އެއްވެސް މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ދަންނަވާ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

ޢަލީ ހަޝީމް ސަސްޕެންޑްކޮށްފައި މިވަނީ ދިއްދޫގައި ކުރިން އޮތް ޕީޕީއެމްގެ މެޖޯރިޓީއޮތް ކައުންސިލުން އެރަށުން ހައުސިން ޔުނިޓަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ލިސްޓް ހަމައެއޮތް ގޮތައް މިދިޔަ ފިތުރު އީދު ދުވަހު މިހާރުގެ ކައުންސިލުން ޢާއްމުކޮށްފައިވަނިކޮށް އޭގައި އެންމެމަތިން ޕޮއިންޓް ލިބުނު މީހުންނަށް ހައުސިންގ ޔުނިޓް ދިނުމުގެ ބަދަލުގައި ޕޮއިންޓަށް ބެލުމެއްނެތި ވަކިބަޔަކަށް ހައުސިންގ ޔުނިޓްތައް ދީފައިވާކަމަށް ހާޝިމް ވިދާޅުވެފައިވަނިކޮށެވެ.

ހާޝިމް ވިދާޅުވީ އެލިސްޓް ޢާއްމުކުރީ ހައުސިން މިނިސްޓްރީން އެދުމުން ކަމަށާއި ނަމަވެސް އެލިސްޓްތައް އެމިނިސްޓްރީގެ އެދުމުގެ މަތިން ނަގާފައިވަނިކޮށް ހައުސިންގ ޔުނިޓް ލިބުނު ފަރާތްތައް އިއުލާން ކުރީ ހައުސިންގ މިނިސްޓްރީން ކަމަށެވެ.

ހާޝިމް ވިދާޅުވީ ހަމައެކަނި ނަމްބަރާއެކު ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް އިއުލާން ކުރުމުން ރައްޔިތުންގެ ޝަކުވާއާއެކު އެލިސްޓް ބެލި ކަމަށާއި އެބެލިބެލުމުން އެނގިފައިވަނީ ހައުސިންގ ޔުނިޓަށް އެދުނު ފަރާތްތައް ކަނޑައަޅާފައިވަނީ ޕޮއިންޓަށް ބެލުމެއް ނެތިކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކިތައްމެ ދަށުން ޕޮއިންޓް ލިބިފައިވީނަމަވެސް ހައުސިންގ ޔުނިޓް ލިބުނު ޕީޕީއެމް މީހުން ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް