ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:11
އެމްއެންޔޫއާއި ސީއެސްސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެމްއެންޔޫއާއި ސީއެސްސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވަނީ
އަހުމަދު މުހުސިނު
އެމްއެންޔޫ-ސީއެސްސީ
ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫއާއި ސީއެސްސީ ސޮއިކޮށްފި
މި އެއްބަސް ވުމަކީ 5 އަހަރަށް ވެފައިވާ އެއްބަސްވުމެއް
މިއެއްބަސްވުމުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ ޓްރޭނިންގ ސެންޓަރ އެމްއެންޔޫއަށް ބޭނުން ކުރެވޭނެ

ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، ތަޖްރިބާއާ ވަޞީލަތްތައް ދެފަރާތުގެ މެދުގައި ހިއްސާކޮށް ގުޅިގެން މަސައްކަތްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީން ފަހުމުނާމާއެއްގައި  ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަރަސީޓީގެ ކޮންފަރެންސް ރޫމުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، އެ ދެ މުވައްސަސާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށް ދެ މުވައްސަސާގެ މުވައްޒަފުންނަށް ފުރުޞަތު ފަހިކޮށްދިނުމާއި، ސިވިލް ސަރވިސް ހިނގުން ޒަމާނީކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް،  ޤައުމީ ޔުނިވަރސިޓީން ( އެމްއެންޔޫ)  ބޭނުންވާ ޕްރޮގްރާމްތަކަށް ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން (ސީއެސްޓީއައި) އެހީތެރިވެދިނުން ހިމެނެއެވެ. މީގެ އިތުރުން ދެ ފަރާތުން ގުޅިގެން ރިސާޗްގެ މަސައްކަތްކުރުމާއި އެކަމުގައި އެއްބާރުލުންދިނުން އަދި  ތަޖްރިބާއާއި ފަންނީލަފާ ހިއްސާކުރުމާއި، ދެފަރާތުގެ ލައިބްރަރީގެ ޚިދުމަތް ހިއްސާކުރުމާއި، އެމްއެންޔޫގެ އޮންލައިން ޑޭޓާބޭސްތައް ސީއެސްޓީއައިއާއި އެތަނުގެ ދަރިވަރުންނަށް ބޭނުންހިފުމުގެ މަގުފަހިކޮށްދިނުން ވެސް މި ފަހުމުނާމާގެ ދަށުން އެއްބަސްވެވުނު ކަންކަންމުގެ ތެރޭގައި ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ފަހުމުނާމާގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މި ފަހުމުނާމާގެ ދަށުން އެމްއެންޔޫގެ ޚިދުމަތްތަކާ ވަސީލަތްތައް ސީއެސްޓީއައިގައި ތަމްރީނުހަދާ މުވައްޒަފުންނަށް ހުޅުވިގެން ދިއުމަކީ ދެފަރާތަށް ވެސް ނުހަނުގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ރިސާޗް ކުރުން ފަދަ ދާއިރާތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އެކަމަށް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޑރ. ޝަމީމު ދެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްއަށް އެންމެ ބޭނުންތެރި ދާއިރާތައް ފާހަގަކުރައްވާ އެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ޔުނިވަރސިޓީން ފަހިކޮށްދެއްވުމަށް ވެސް ޑރ ޝަމީމު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސްގެ ދާއިރާއަށް ޚާއްޞަކޮށް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓަރސް ލެވެލްގެ ކޯހެއް ފެށުމަށް ޔުނިވަރސިޓީން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުން ގުޅިގެން ޢިލްމީ ރިސާޗްތައް ކުރުމަކީ މުޅި ޤައުމަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަން ޑރ. ފަވާޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފަހުމުނާމާގެ ސަބަބުން ޔުނިވަރސިޓީއާ ސީއެސްޓީއައިއިން ބަހާލައިގެން ބައެއް ބާވަތުގެ ކޯސްތަކާ ތަމްރީނު ޕްރޮގްރާމުތައް  ހިންގުމުން ދެ ފަރާތުގެ ވަސީލަތްތައް ވެސް ހެޔޮގޮތުގައި ބޭނުންކުރެވި، ޚަރަދު ކުޑަވެގެންދާނެކަން ޑރ. ފަވާޒު ފާހަގަ ކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީއާއެކު މި ވެވުނު ފަހުމުނާމާއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ފަހުމުނާމާގައި ސޮއިކުރާ ދުވަހުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް