ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:10
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރާއްޖެއެމްވީ
ދީދީގެ ޝަރީއަތް
ދީދީގެ ވަކީލު މައްސަލައިން ތަނާޒުލްވުމުން، އެހެން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!
މިއަދަށް ތާވަލުކޮށްފައި އޮތީ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން
އަޑުއެހުމެއް ދެން އޮންނާނީ އޮކްޓޯބަރު 16 ވަނަ ދުވަހު
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލަ، ޓެރަރިޒަމުގެ ދައުވާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ ގާނޫނީ ވަކީލު މައްސަލައިން ތަނާޒުލްވުމުން، އެހެން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.

އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާއިރު، މިހާރު މައްސަލަ އޮތީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ދެފަރާތުން ވާހަކަ ދެއްވުމަށް ބުރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެހެން ނަމަވެސް، އިބްރާހިމް ދީދީގެ ގާނޫނީ ވަކީލު މައްސަލައިން ތަނާޒުލް ވެފައިވާތީ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ މި މައްސަލައިގައި ވަކާލާތު ކުރެއްވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ ވަކީލު މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. އެކަން ފާހަގަކުރައްވައި އިބްރާހިމް ދީދީ އެދިވަޑައިގަތީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދެއްވުމަށެވެ.

ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އިބްރާހިމް ދީދީ އަށް ދިނުމާ މެދު ދައުލަތުން އިއުތިރާޒް ކޮށްފައި ނުވާތީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޮކްޓޯބަރު 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށާއި އެ އަޑުއެހުމާ ހަމައަށް ވަކީލަކު ހަމަޖައްސަވަން ވާނެ ކަމަށެވެ.

އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ހުންނަވަނިކޮށް އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. 

އިބްރާހިމް ދީދީގެ މައްޗަށް ކުރިން ވެސް ޓެރަރިޒަމުގެ ދައުވާކުރިއިރު، އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލީ ޖޫން މަހުގެ ތެރޭގަ އެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް