ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:49
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ އިސްތިއުނާފް
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފާރިސްގެ އިސްތިއުނާފް މައްސަލަ ފަސްކޮށްފި
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަލައިގަތް ކަމެއް އަންގާފައެއް ނެތް
ބެންޗަށް ބަދަލު ގެނެސް ރިޔާސަތަށް ފަނޑިޔާރު ޝުޖާއު އުސްމާން
ބެންޗަށް ބަދަލު ގެނައީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ކަނޑައެޅިގެން ޚިލާފަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗު ބަދަލުކުރި މައްސަލަައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފް މައްސަލަ ފަސްކޮށްފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބެންޗަށް ބަދަލު ގެނެސްފައިވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާ ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގައި ކަނޑައަޅާ އިޖުރާއަތުތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ. ބެންޗަށް ބަދަލު ގެނައި މައްސަލަ ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފަ އެވެ.

ބެންޗަށް ބަދަލު ގެނެއުމަށް ފަހު ބުރާސްފަތި ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. ބެންޗަށް ބަދަލު އައުމާ ގުޅިގެން އިޖުރާއަތު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ ބެންޗަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޖަވާބުދާރީނުވެވޭނެ ކަމަށް ބެންޗުން ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ހައިކޯތުގެ އަޑުއެހުންތައް ފަސްކުރުމަށް ފާރިސްގެ ފަރާތުން އެދުމުން ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އަޑުއެހުންތައް ފަސްކުރުމަށް ބެންޗުން ވަނީ ނިންމާފަ އެވެ.

އަޑުއެހުމަށް ފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ 'ރ' ގައި ބަޔާންކޮށްފައިވާ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ 'ހ' ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުންގެ ބެންޗެއް އެކުލެވިފައިވަނިކޮށް ބެންޗަށް ބަދަލު ގެނެވޭނެ ހާލަތުތަކަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާ ކަމަށާއި އެހެން ނަމަވެސް، ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކޮށްފައިވަނީ އޭގެން ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާވުމަކީ ހައިކޯޓަށް ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން މައްސަލަ ފަސްކޮށްދިނުމަށް އެދުނީ، ހާމަކަންބޮޑު ގޮތެއްގައި ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ހައިކޯޓުން މައްސަލަ ކުރިއަށް ގެންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ބަލައިނުގަންނަ ކަމެއް ވެސް އަދި އަންގާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވީއެންމެ އަވަހަކަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ ގޮތެއް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް، ފެންނަނީ އެއްބައި މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާ އަވަސް މިނުގައި އަނެއް ބައި މައްސަލަތައް ކުރިއަށް ނުގެންދާތަން ކަމަށެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައި ވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް