ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:43
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ގެދޮރުވެރިކަމުގެ މަޝްރޫއު
މި ދައުރުގައި އިތުރު ފްލެޓަކަށް ދެން ނުވަދެވޭނެ، އެކަމަކު ފްލެޓްގެ އުފާވެރިކަން ލިބޭނެ: މުއިއްޒު
ފްލެޓް ނުލިބިގެން މާޔޫސްވާނެ ކަމެއް ނެތް، ފްލެޓް ޔަގީންވާނެ
15،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް މި ދައުރުގައި ކަނޑައަޅާނަން
ހިތާމަވެރިކަން ކުރިމަތިވާނެ އެކަމަކު ސަރުކާރާއެކު ކުރިއަށް ދިޔައީމަ އުފާވެރިކަން ލިބޭނެ

ރައީސް އަބްދުﷲ ޔާމީންގެ މި ފަސް އަހަރުގެ ދައުރުގައި އިތުރު ފްލެޓަކަށް ދެން ނުވަދެވޭނެ ކަމަށާއި އެހެން ނަމަވެސް، ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓްގެ އުފާވެރިކަން ލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިންގ މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ދައުރުގެ ތެރޭގައި ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވާ 15،000 ހައުސިންގ ޔުނިޓް "ފިޒިކަލީ" ނުލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅި، އެފަރާތްތަކަށް ފްލެޓް ޔަގީންވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއަހަރު އަޅަން ފަށާ ފްލެޓްތަކާއި އަންނަ އަހަރު އަޅަން ފަށާ ފްލެޓްތައް 12 މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާއިރު ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، އެ އުފާވެރިކަން ދިނުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

"މިފަހަރު ނުލިބުނު އެއްވެސް ފަރާތެއް މާޔޫސްވާން ނުޖެހޭނެ. ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަން މިޖެހެނީ ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ހުރިހާ ރައްޔިތުންނަށް ވެސް ފްލެޓް ހައްގުވޭ. ހައްގުވެރި ފަރާތްތަކަށް އެ ހައްގު މި ސަރުކާރުން ހޯދަދޭނެ. ހިތާމަވެރިކަން ކުރިމަތިވާނެ. އެކަމަކު ކެތްތެރިކަމާއެކު ސަރުކާރާއެކު ކުރިއަށް ދިޔައީމަ އެންމެ ލަސްވެގެން މިއަންނަ އަހަރު އުފާވެރިކަން ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް 19 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ގެދޮރުވެރިކަން މަޝްރޫއުގެ ދަށުން 15،000 ހައުސިންގ ޔުނިޓް އެޅުމަށް ފަސް ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެ ފަސް ކުންފުނީގެ ތެރޭގައި ހިމެނެނީ ތުރުކީގެ ކުންފުންޏަކާއި، ލަންކާ އަދި ޗައިނާގެ ކުންފުނިތަކެކެވެ.

އެގޮތުން ތުރުކީގެ އޮޒްޓާކް ހޯލްޑިންސް އަށް 5،000 ހައުސިންގ ޔުނިޓް އަޅަން ހަވާލުކުރިއިރު، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ވަނީ 7،000 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. ޖީވީ ނޭޗާ އިންވެސްޓްމެންޓް ލަންކާ ޕްރައިވެޓް ލިމިޓެޑާއި ޖޫގަން އެސެޓް ކޯޕަރޭޝަނާއި އަދި މެޓޮލޮޖިކަލް ކޯޕަރޭޝަން ޗައިނާ ލިމިޓެޑް ކުރެ ކޮންމެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ 1،000 ހައުސިންގ ޔުނިޓް އެޅުމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސަރުކާރުން ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ އޯގަސްޓަށް މަހަށް ފްލެޓްތައް އަޅައި ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. އެހެންނަމަވެސް، އެ މުއްދަތު ހަމަވާން ބާކީ 10 މަސް ދުވަސް އޮތްއިރު، އެއްވެސް ކުންފުންޏަކުން މިހާތަނަށް އަމަލީ މަސައްކަތް ފަށާފައިއެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ފެށުމުގައި ޑިލޭތަކެއް އައިސްގެން އުޅެނީ ކުންފުނިތަކަށް ފަންޑިން ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިވެފައި ވާތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓްގެ މަސައްކަތް ނިންމަން ކުރިން ކަނޑައެޅި ތާރީޚު ފަހަނައަޅައި ދަނީ ފަންޑިން ހަމަޖެއްސުމުގެ ދަތިތަކާ ހެދި ކަމަށެވެ.

ހުޅުމާލޭގައި 7،000 ހައުސިންގ ޔުނިޓް އަޅަން ހަވާލުކުރި ޗައިނާގެ ކުންފުންޏަށް މިހާރު ފަންޑިން ހަމަޖެހިފައިވާ ކަމަށާއި، މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި އެ ކުންފުނިން އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވަނީ ބަޖެޓަށް ބުރަ ނުވެ ސަސްޓެއިނެބަލް ގޮތަކަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއްފަހަރާ ބޮޑު އަދަދެއް ބަޖެޓުން ދެވޭ ވަރަށް ވުރެ ބޮޑު މަޝްރޫއެއް ކަމަށް ވާތީ ސަރުކާރުން ބޭނުންވަނީ އެހެން މޮޑެލްއަކަށް ކުރިއަށް ގެންދަން ކަމަށެވެ.

"ރައީސް ޔާމީން ބޭނުންވެލައްވާ 15،000 ވިޔަސް އަދި 20،000 ވިޔަސް އަދި 25،000 ވިޔަސް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ގެދޮރުވެރިކަން ފޯރުކޮށް ދެއްވަން، އެހެން ނަމަވެސް ދެން ހުރި ކަންތައްތައް ކޮށް ދެއްވަމުން ސިއްޚީ ނިޒާމު ވެސް ގާއިމްކޮށް ދެއްވަމުން ތައުލީމީ ނިޒާމު ވެސް ގާއިމްކޮށް ދެއްވަމުން، އިންފްރާސްޓްރަކްޗާ ވެސް ބިނާކުރަމުން، އިގްތިސާދު ވެސް ކޮޅަށް ޖައްސަވަމުން، މިގޮތަށް ކުރިއަށް ގެންދަންޏާ އެކިއެކި މޮޑެލްތައް ބޭނުންކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ދިވެއްސަކަށް އުޅޭނެ ތަނެއް ހޯދައި ދިނުމަކީ ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. އެގޮތުން ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވައި ދެއްވާނެ ކަމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާން ކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 17:31
ޒައިން
mi sarukaarun bi gaa alhaa ninmi enme flateh ves eba huri thoa? neiy dhen keekey thi kiyanee? adhi 6 dhauru dhinas hama thivaruga dhaani