ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:34
ފަލާހް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
ފަލާހް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
ރާއްޖެ އެމްވީ
ފުލެޓް ދިނުން
މި ސަރުކާރުން ގިނައިން ފުލެޓް ދީފައި ހުންނާނީ އެމްޑީޕީ މީހުންނަށް: ފަލާހް
ފަލާހް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

މި ސަރުކާރުން ފުލެޓް ދޫކުރިއިރު މި ފަހަރު ފްލެޓް ދޫކޮށްފައި ވާނީ އެމްޑީޕީ މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ޕީޕީއެމްއިން "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުލެޓް ދީފައިވާ މީހުންނަކީ ޝަރުތު ހަމަވާ، އެންމެ މަތިން ޕޮއިންޓް ލިބުނު މީހުން ކަމަށެވެ.

"އެމްޑީޕީ މީހުންނަށް ކެރެންޏާ ބުނެދީބަލަ މިފަހަރު ފުލެޓް ލިބިފައި ތިބި މީހުން އަތުން ފުލެޓް އަތުލާށޭ. ނުކެރޭނެ ބުނާކަށް،" ފަލާހް ވިދާޅުވި އެވެ.

މި ސަރުކާރުން ގިނައިން ފްލެޓް ދިނީ އެމްޑީޕީ މީހުންނަށް ކަމަށް ފަލާހް ވިދާޅުވި އިރު މި ފަހަރު ފްލެޓް ދިން މީހުންގެ ނަންތައް ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. ހާމަކޮށްފައި ވަނީ އެ މީހުންގެ ފޯމް ނަންބަރެވެ.

ފަލާހް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަނީ ރައީސް ޔާމީންއަކީ ތެދުވެރި އިހްލާސްތެރި ބޭފުޅަކަށް ވާތީ ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބްތަކަށް ޕީޕީއެމްގެ ކޮންމެ މެމްބަރަކު ވެސް ކޮންމެ ރަށަކުން ދެ މެމްބަރުން ހޯދަން ވާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ކޮންމެ މެމްބަރަކު ހޯދަން ވީ ކޮންމެ ރަށަކުން ދެ މެމްބަރުން. އިހްލާސްތެރި ދެ މެމްބަރުން ދަމައި ގަންނަންވީ އެމްޑީޕީން. މިހާރު ދައްކާ ގޮތުގައި އެމްޑީޕީގައި ތިބޭނީ 18،000 މެމްބަރުން،" ފަލާހް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ބޭކާރު ވާހަކަތަށް ނުދެއްކުމަށް ފަލާހް ވަނީ ގޮވާލައްވާފަ އެވެ. އަދި އިދިކޮޅުގައި ހުރި ހުރިހާ ކޮންޕިއުޓަރާއި ހާޑްވެއަރތައް ޕީޕީއެމްއަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ފަލާހް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

 

 

 

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް