ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 20:12
 ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
އާމިނަތު ނުޒުހާ
ސައުދު ހުސައިން
ރައީސް ޔާމީނަކީ އުއްމީދެއް ނޫން: ސައުދު
ވިލިނގިއްޔާއި ކޮލަމާފުށިން އަންގާރަދުވަހު ވެސް ފެނިގެން އެ ދިޔައީ ރައީސް ޔަމީނަށް ތާއީދު ނެތްކަން
ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިވާންވީ ގައުމާއި ގައުމިއްޔަތާއި ދުސްތޫރާއި ގާނޫނުއަސާސީއަށް
ބިރުދައްކައިގެން ނިކަމެތި ރައްޔިތުންނަށް މަޖުބޫރުކޮށްގެން މަރުހަބާ ކިޔަން ނެރުނީ އުއްމީދެއް ނެތުމުން

ރައީސް އަބުދުﷲ ޔާމީނަކި އުއްމީދެއް ނޫން ކަމަށާއި، އެމަނިކުފާނަށް ރައްޔިތުންގެ މަގުބޫލްކަން ކުޑަކަން މިއަދު ޚުދު އެމަނިކުފާނަށް އިހުސާސް ކުރެއްވޭނޭ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

 

ރައީސް ޔާމީން އަންގާރަ ދުވަހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން މ. ކުނޫޒްގައި ވާހަކަ ދައްކަވަމުން ސައުދު ހުސެއިން ވިދާޅުވީ، މިއަދު ރައްޔިތުންގެ ގާތަަށް ވަޑައިގަންނަވަން ފެއްޓެވީ އެ ތާއީދު ކުޑަވާކަން އެނގިވަޑައިގަތުމުން ކަމަށެވެ. ރައީސް ޔާމީނާ އެކުގައި ހުންނެވި އިރު ވެސް ވިލި ގިއްޔަށް ވަޑައިގަތުމަށް އެތައް ފަހަރު އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ނުކުރައްވައި އަނެއްކާ ވެސް ވިލިނގިއްޔަށް ވަޑައިގެންނެވީ ވޯޓު ބޭނުންވެގެން ކަމަށް ސައުދު ވިދާޅުވިއެވެ. 

 

ރައީސް ޔާމީންނަށް ރައްޔިތުންގެ ތާއީދު ނެތްކަން ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖެއިން ދައްކާފައިވާއިރު، ވިލިނގިއްޔާ ކޮލަމާފުށިން އަންގާރަދުވަހު ވެސް ފެނިގެން އެ ދިޔައީ އެ މަންޒަރުކަމަށް ސައުދު ވިދާޅުވިއެވެ.

 

"އިޚްލާސްތެރިކަމުގެ ވާހަކަ ރައީސް ޔާމީން ވިދާޅުވާއިރު، އިޚްލާސްތެރިކަމުގެ މިންގަނޑަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދޭން ސަރުކާރަށް ޖެހޭނެ. ރައްޔިތުން އިޚްލާސްތެރިވާން ޖެހޭނީ ވެރިމީހާއަކަށް ނޫން. ރައްޔިތުން އިޚްލާސްތެރިވާންވީ ގައުމާއި، ގައުމިއްޔަތަށް،" ސައުދު ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް އިޚްލާސްތެރިވާންވީ ގައުމާއި ގައުމިއްޔަތަށް ކަމަށާއި، ދުސްތޫރާއި ގާނޫނުއަސާސީއަށް ބޯލަނބައި އެއަށް ކިޔަމަންތެރިވާން ޖެހޭ ކަމަށެވެ.

ވޯޓް ދެއްވާ ވަހަކަ ރައީސް ޔަމީން ވިދާޅުވާއިރު، އެއްވެސް ރައްޔިތަކު މި ސަރުކާރަށް އިޚްލާސްތެރިކަމާ އެކު ވޯޓް ނުދޭނޭ ކަމަށް ސައުދު ވިދާޅިވިއެވެ. ސަބަބަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ގައުމުގައި ކޮރަޕްޝަނާއި ފަސަދަ އާއި ގަތުލުއާއްމު ގިނަވެ، ރައްޔިތުންގެ މައްޗަށް މި ސަރުކާރުން އިންތިހާއަށް އަނިޔާވެރިވެފައިވާތީ ކަމަށެވެ.

 

އެގޮތުން އޭނާ ވިދާޅުވީ، މި ސަރުކާރުން އެންމެ އަނިޔާވެރިވި އެއްބަޔަކީ ގއ. ވިލިނގިލީގެ ރައްޔިތުން ކަމަށެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރު މި ސަރުކާރަކީ ވެސް އަދި ރައީސް ޔަމީނަކީ ވެސް ރައްޔިތުންނަށް އޮތް އުއްމީދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ރައީސް ޔާމިނަކީ އުއްމީދެއް ނަމަ ބަރާއި ނުފޫޒު ބޭނުންކޮށްގެން ބިރުދައްކައިގެން ނިކަމެތި ރައްޔިތުންނަށް މަޖުބޫރުކޮށްގެން މަރުހަބާ ކިޔަން ނުނެރުނީސްކަމަށް ސައުދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް