ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 19:24
އަނަސްގެ މަރާ ގުޅިގެން ފުލުހުން ހޯދަމުންދާ ދެމީހުން
އަނަސްގެ މަރާ ގުޅިގެން ފުލުހުން ހޯދަމުންދާ ދެމީހުން
ޕޮލިސް
އަނަސްގެ މަރު
އަނަސްގެ މަރާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ޝާޒް ހައްޔަރުކޮށްފި
ޝާޒް ހައްޔަރުކުރީ ބުދަދުވަހު

މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރެއިން ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ޝާޒް،21، ހައްޔަރުކޮށްފި އެވެ.

ފުލުހުން ވެސް ވަނީ ރާއްޖެ އެމްވީ އަށް އެކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. 

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންދާ އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ތ. ކިނބިދޫ، ގުލްފާމުގެ އުމުރުން 21 އަހަރުގެ މުހައްމަދު ޝާޒް އާއި މ. ލޮނުމިދިލިގެ އުމުރުން 21 އަހަރުގެ އަފްރާޙް އަބްދުއްރައްޒާގެވެ. އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހޯދަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
އަނަސްގެ މަރާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ ބަޔަކު ހައްޔަރު ކޮށްފައެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ތަހްގީގު 99 ޕަސެންޓް ނިމިފައިވާ ކަމަށެވެ. 

އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އޯގަސްޓް 17 ވަނަ ދުވަހު ފުލުހުން ވަނީ މ. ދިމިޝްކުގެ ބަލާފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް