ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 19:11
ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އަބުދުﷲ ނަސީރު އިބްރާހިމް
ގއ. ވިލިނގިލި
ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަތީ، ކައުންސިލަށް އޮޅުވާލުމަށް ފަހު: ކައުންސިލް
ރައީސް ޔާމީން ވަޑައިގަންނަވަނީ ރަސްމީ ދަތުރެއްގައި ކަމަށް ހޯމް މިނިސްޓްރީން ބުނި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ގއ. ވިލިނގިއްޔަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ވިދާޅުވެ ކައުންސިލަށް އޮޅުވާލުމަށް ފަހު ކަމަށް ކައުންސިލުން ބުނެފި އެވެ. 

 

ވިލިނގިލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވީ، ރައީސް ޔާމީން ވަޑައިގެންނެވުމުގެ ކުރިން ހޯމް މިނިސްޓްރީން ކައުންސިލަށް ގުޅާ، ރައީސް އަބްދުﷲ ޔާމީން އެ ރަށް ވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތުން ކަމަށާއި، އެ މަނިކުފާނުގެ ދަތުރުފުޅުގެ ހުރިހާ ކަމެއް ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔުމަށް އެންގި ކަމަށެވެ. އެ އެންގުމާ އެކު ވިލިނގިލީގެ ހުރިހާ ދާއިރާތަކުގެ ބޭފުޅުން އެއްކޮށް، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހުރިހާ މަސައްކަތަކާއި، ދަތުރުފުޅުގެ ހުރިހާ މަސައްކަތެއް ބަހާލިކަމަށެވެ. މުސްތަފާ ވިދާޅުވީ އެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސާފައިވަނިކޮށް، ޖެހިގެން އައި ދުވަހު ވިލިނގިއްޔަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ކަންތައްތައް ކުރަމުންގެންދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. 

 

މުސްތަފާ ވިދާޅުވީ، ރައީސްގެ ދަތުރުފުޅާ ގުޅިގެން ޖަލްސާ ބާއްވާނެ ތަންތަނާއި، އެއްޗެހި ތައްޔާރުކުރަމުންގެންދަނިކޮށް، ރައީސް ޔާމީންގެ ޖަގަހައިން ވެސް އެކަންތައްތައް ކުރިއަށް ގެންގޮސް، އެ ފަރާތް ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރަމުންގެންދިޔަ މަންޒަރުފެނިގެންދިޔަ ކަމަށެވެ. އަދި ރައީސް ޔާމީންގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަން ކައުންސިލަށް އަންގާފައި ވަނިކޮށް، ކުއްލިއަކަށް އެމަނިކުފާނުގެ ދަތުރަކީ ނުރަސްމީ ދަތުރުފުޅެއްކަން ކައުންސިލަށް އެނގުނު ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. 

 

"އެއާއެކު އަޅުގަނޑުމެންނަށް އިވިގެންދިޔައީ، ޖަލްސާ ބޭއްވުމަށް އަޅުގަނޑުމެން ހަމަޖެއްސި ތައުލީމީ މަރުކަޒުގައި ޖަލްސާ ވެސް ނުބޭއްވޭނެ ކަމާއި، ސައި ފޮދު ބާއްވަން ހަމަޖެއްސިތަނުގައި ސައި ފޮދު ވެސް ނުބޭއްވޭނެކަން" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. 

 

މުސްތަފާ ވިދާޅުވި ގޮތުގައި ރައީސް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައިކަން ރައީސްގެ ވާހަކަފުޅުން ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ކައުންސިލް ލައްވާ ރައީސަށް މަރުހަބާ ދެންނެވުމުގެ މަސައްކަތްތައް ހޯމް މިނިސްޓްރީކުރުވީ ކައުންސިލަށް އޮޅުވާލުމަށް ފަހުގައި ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ރައީސަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުންދިންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން ނެރުނީ ވެސް އޮޅުވާލައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި ދެއްކުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

 

"ހާއްސަކޮށް ސުކޫލްގެ މަތީ ގްރޭޑްތަކުގެ ކުދިންނާއި، ޓީޗަރުން ސާކިއުލާއެއް މެދުވެރިކޮށް މަރުހަބާ ދެންނެވުމަށް ގެންދިޔަ ގެންދިޔުން އެއީ ސިވިލް ސާރވިސް ޤާނޫނާ ހިލާފަށް ކުރި ކަމެއް. އަދި ހާއްސަކޮށް ސްކޫލް ކުއްޖެއް ސިޔާސީ ޖަލްސާއެއްގައި ޤުރުއާން ކިޔެވުމަށް ގެންދިޔަ ގެންދިއުން ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

 

ގއ. އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު ފުއާދު ވެސް ވިދާޅުވީ ވިލިނގިލި އަތޮޅު ކައުންސިލަށް ރައީސް ޔާމީން ވަޑައިގަންނަވާކަން އެނގުނީ ހޯމް މިނިސްޓްރީގެ ތިން ބޭފުޅަކު އަތޮޅު ކައުންސިލާ ބައްދަލުކޮށް އެ މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. އަދި އެ މައުލޫމާތު ވަގުތުން ކައުންސިލްތަކާ ހިއްސާކުރިކަމަށާއި، ނަމަވެސް ހޯމް މިނިސްޓްރިގެ ބޭފުޅުން ފަހުން، ރައީސް ޔާމީން ވަޑައިގަންނަވަނީ ޕީޕީއެމްގެ ކެމްޕޭން ދަތުރެއްގައި ކަމަށް ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ތިން އިންތިހާބަކުން ބަލިވެފައިވާ ބޭފުޅަކު ތަބަކަކަށްލާފައި ވިލިނިގިލި ދާއިރާގެ ގޮނޑި އަރުވާނެ ކަމަށް ބުނި ނަމަވެސް ދާއިރާގެ ރައްޔިތުން ގަބޫލުކުރާގޮތުގައި އަދިވެސް ދާއިރާގެ މެމްބަރަކީ ސައުދު ހުސެއިން ކަމަށެވެ. އަދި ސައުދު ހުސެއިންނަކީ މެމްބަރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު އެ ދާއިރާގެ އިންތިހާބެއް ބޭއްވުމަށް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

 

"އަޅުގަނޑުމެންނަށް ޝެޑިއުލް ލިބުނުއިރު ހަމައެކަނި ރަސްމީ ކަމެއްގެ ގޮތުން ކުރެއްވުމަށް ހަމަޖެހިފައި އޮތީ ވިލިނގިލީ މިސްކިތެއް ހުޅުވުން އެކަނި،" އަތޮޅު ކައުންސިލްގެ މެމްބަރު ފުއާދު ވިދާޅުވި އެވެ. 

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ބުނީ، ރައީސް ޔާމީން ވަޑައިގަންނަވާތީ ފުލުހުން މެދުވެރިކޮށް އެކިގޮތްގޮތުން އެ ފަރާތްތަކަށް ބިރުދެއްކި ކަމަށެވެ. އަދި ޖަގަހަ ބަންދުކުރުމަށް ވެސް އެންގި ކަމަށާއި، އެކަމުގައި ކޯޓު އަމުރެއް ވެސް ފުލުހުން ބޭނުންކޮށްފައިނުވާ ކަމަށެވެ. އަދި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ތަފާތުކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަގުމަތީގައި ދެމި ފޮތިތަކާއި ބެނާތައް ނެގީ ވެސް ފުލުހުން ނޫން ކަމަށާއި ރައީސް ޔާމީންގެ ސަޕޯޓަރުން ކަމަށް ކައުންސިލުން ބުންޏެވެ. 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 06:44
ސ
ރައީސްމީހާ ކިތަންމެ ނުބައިވިޔަސް ރަަސްމީ ނޫން ވަގުތެއް ނާންނާނެ!