ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 17:51
އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފާތިމަތު ޝަނާ މުހައްމަދު
އެމްއާރްޑީސީ ޕްރެސް
ދެ ޕްރޮޖެކްޓް ނޫން އެހެން ހުރިހާ ޕްރޮޖެކްޓެއް މިއަހަރު ނިމޭނެ: މަމްދޫހު
14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ
67 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން
މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑުގައި

މޯލްޑިވްސް ރޯޑް ޑެވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީން) ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެ މަޝްރޫއުއެއް ފިޔަވާ އެހެން ހުރިހާ މަޝްރޫއު އެއް މިއަހަރު ނިންމާލާނެ ކަމަށް އެކްޓިންގް މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

އެމްއާރްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަމްދޫހު ވިދާޅުވީ، އެމްއާރްޑީސީގެ 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގެ އިތުރަށް 67 ރަށެއްގެ ފުޓްސަލް މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށެވެ. 

މަމްދޫހު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލާނެ ކަމަށެވެ. އެގޮތުން ގދ. ތިނަދޫ އާއި ގއ.ވިލނގިއްޔާއި ދ.ކުޑަހުވަދޫ އާއިތ. ވިލުފުށީގެ އިތުރުން ސ.ހުޅުމީދޫގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާ ހައުސިން މިނިސްޓްރީއަ  ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލާނެ ކަަމަށް މަމްދޫހު ވިދާޅުވި އެވެ.

"ހއ. ދިއްދޫގެ 15 މަގެއްގެ މަސައްކަތް ކުރެވެމުން އެބަދޭ. އެއީ 4.5 ކިލޯ މީޓަރު. އޭގެ ގާތްގަނޑަކަށް 85 ޕަސެންޓް މަސައްކަތް އެވަނީ ކޮށް ނިމިފައި.ހދ. ކުޅުއްފުށީގެ 18 މަގެއްގެ މަސައްކަތް ދަނީ ކުރަމުން.އެއީ 5.8 އަށެއް ކިލޯ މީޓަރު. އޭގެ ތެރެއިން 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި. ހދ. ހަނިމާދޫގެ 21 މަގެއްގެ މަސައްކަތް ދަނީ ކުރެވެމުން. އެއީ 6.5 ކިލޯ މީޓަރު ދިގު މަގެއް،" މަމްދޫހު ވިދާޅުވި އެވެ.

 މަމްދޫހު ވިދާޅުވީ، ހދ.ހަނިމާދޫ އާއި ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ނޫން އެހެން މަސައްކަތްތައް އެއްކޮށް ނިންމުމަކީ މިއަހަރުގެ ޓާގެޓް ކަަމަށެވެ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ އިރު ފުވައްމުލަކުގެ ލިންކް ރޯޑުގެ ކުރެވިފައިވަނީ 10 ޕަސެންޓް މަސައްކަތް ކަމަށެވެ. އަދި މި ދެ މަސައްކަތްވެސް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ހަތް ރަށެއްގެ ޖެޓީގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގދ.ތިނަދޫގެ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ. މަމްދޫހު ވިދާޅުވީ، އެ މަސައްކަތްވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

މަމްދޫހު ވިދާޅުވީ، ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން ހަތް ރަށުގެ ފުޓްސަލް ދނަޑުގެ ސިިވލް ވޯކް ނިމިފައިވާ ކަމަށެވެ. އަދި އަށް ރަށަކަށް ބޭނުންވާ ޓާފު ރާއްޖެ ގެނެވި ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ފަހު ދެ ހަފްތާއެއްގެ ތެރޭގައި އެ ރަށްރަށަށް ޓާފު ފޮނުވާނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، ކުރިން އެމްއާރްޑީސީއާ ގުޅޭ ގޮތުން، އެކި ކަހަލަ ވާހަކަތައް ދެކެވުން ދިޔަ ނަމަވެސް މިއަދު އެމްއާރްޑީސީގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ކުރިން އެމްއާރްޑީސީ އަކީ ގާ އަޅާ ތަނެއްގެ ގޮތުގައި މީހުންނަށް ސިފަވި ނަމަވެސް މިސަރުކާރު އައިފަހުން އެކަން ވަރަށް ބޮޑަށް ބަދަލުވެ، އެމްއާރްޑީސީން ކުރާ މަސައްކަތްތައް ފުޅާވެގެން ހިނގައްޖެ އޭނާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް