ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 13:54
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ފްލެޓް
ފްލެޓުގެ ޑައުންޕޭމެންޓަށް 25000 ރުފިޔާ، ކުލީގެ ގޮތުގައި 25 އަހަރު ވަންދެން 6000 ރުފިޔާ
ފްލެޓުގެ އަގު ދައްކަން ޖެހޭނީ 25 އަހަރަށް ބަހާލައިގެން
ޑައުންޕޭމެންޓު ވެސް ބަހާލައިގެން ދެއްކޭނެ ގޮތް ހަދައިދޭނަން
ފްލެޓް ކުއްޔަށް ނުދެވޭނެ

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓްތަކަށް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 25،000  ރުފިޔާ ކަމަށާއި އަދި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 6،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހައުސިން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓުގެ އަގު ދައްކަން ޖެހޭނީ 25 އަހަރު ދުވަހުން ކަމަށެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ލިބޭއިރު، 25 އަހަރު ވަންދެން މަހަކު 6،000 ރުފިޔާގެ ރޭޓުން ބަލާނަމަ ފްލެޓަށް ޖުމްލަ ދައްކަންޖެހެނީ 1.8 މިލިއަން ރުފިޔާ އެވެ. މިއީ މާލެ ސަރަހައްދުން މިހާރު ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ލިބޭ އަގާ ބަލާއިރު، ތިން ގުނަ އަގު ހެޔޮ އަދަދެކެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށާއި އަދި ކުއްޔަށް ދޫކޮށްފިނަމަ އެ ފްލެޓް އަތުލެވޭނެ ކަމަށެވެ. ފްލެޓް ދީފައިވަނީ އެތައް ބައެއްގެ ތެރެއިން ފްލެޓަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށާއި އެހެންކަމުން ފްލެޓް ލިބުނު މީހުން އެތަންތަނުގައި ދިރިއުޅޭކަން ޔަގީންކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓު މިމަހުގެ 11 ވަނަ ދުވަހު އިއުލާނުކުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަމާއި އައިޑީކާޑް ފަދަ އެއްވެސް މައުލޫމާތެއް ނުހިމަނައި، ހަމައެކަނި ފޯމް ނަމްބަރު ލިސްޓުގައި ހިމަނާފައި އޮތުމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއިން ފްލެޓުގެ މައްސަލަ ބަލަމުންދަނިކޮށް މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އިއުލާނުކޮށްފަ އެވެ.

ފްލެޓް ލިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ޒާތީ މައުލޫމާތު އާންމު ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިނިސްޓަރު ވަނީ ތަކުރާރު ކުރައްވާފަ އެވެ. ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކުރީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެކަން ކުރެއްވީ ވަކި އުސޫލެއްގެ ދަށުން ނޫން ކަމަށެވެ.

މިނިސްޓަރު ވަނީ ފްލެޓް ލިބިފައިވަނީ ކިހާ އަދަދެއްގެ މާކްސްއެއް ލިބިގެން ކަން ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާކްސް އަކީ ވެސް ޒާތީ މައުލޫމާތެކެވެ.

ހުޅުމާލޭގައި އަޅާފައިވާ 661 ފެލްޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފައިވާއިރު، ލިސްޓަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ފައިނަލް ލިސްޓް އާންމުކުރިއިރު، ކެޓަގަރީ އެކެއްގެ ފްލެޓް ލިބޭ 36 ފަރާތެއް ވަނީ ބަދަލުވެފަ އެވެ. އަދި ކެޓަގަރީ ދޭކުން ފްލެޓް ލިބޭ 24 ފަރާތެއް ވަނީ ބަދަލުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނެސްފައިވަނީ ދެމަފަރިންނަށް ފްލެޓް ލިބިފައިވޭތޯ ބެލުމަށް ފަހު ކަމަށާއި ދެމަފިރިންގެ ތެރެއިން ފްލެޓް ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށެވެ. މީގެ އިތުރުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އެންމެ ހައްގުވެރި ކަމަށް ފެންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ހައްގުވެރި ކަމަށް ފެނުނު ފަރާތްތަކަށް ފްލެޓް ބަދަލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފައިނަލް ލިސްޓަށް ބަދަލު އައުން ނާދިރުކަމަށާއި އެހެން ނަމަވެސް، އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 14:00
ސައްޕޭަ
ތިވާހަކައެއްނޫނޭ ފުލެޓް ދިންމީހުން ސިއްރުކުރުމުގެ ބޭނުމަކީ ކޮބާތޯ؟ ތެދުވެރިކަމެއް ހުރިނަމަ ލިބުން މީހުނާއި އެމީހުންގެ ޕޮއިންޓް ހާމަކުރަންޖެހޭ! ތިޔަހީކުރަނީ ދިވެހިންނަކީ ގަމާރުންކަމަށްތައް