ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 07:56
ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން
ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން
ރާއްޖެ އެމްވީ
ދުސްތޫރީ ފަސާނާ
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ" މިރޭ ފަށަނީ
ޕެނަލްގަ މިރޭ ތިއްބަވާނީ ސުއޫދު، ޝަމީމް އަދި ހަނީފާ
ޝަރުއީ ދާއިރާއާ މެދު ހޭލުންތެރިކުރުވުން، އާންމުކޮށް ހުޅުވާލައިގެން
43 ވަކީލަކު މިހާރު ވެސް ސަސްޕެންޝަނުގަ

ޝަރުއީ ދާއިރާއާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން "ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތައް މިރޭ ފެށުމަށް ނިންމައިފި އެވެ.

"ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން މިރޭ 9:15 ގައި ސޯލްޓް ކެފޭ ޖަލްސާ ކުރާ މާލަމުގައި ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޑިސްކަޝަން ބާއްވަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން، ޕެނަލާ ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށެވެ.

"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިރޭގެ ޕެނަލްގައި ތިއްބަވާނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް ހަނީފާ ހާލިދެވެ.

ސުއޫދު ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވަނީ ޝަރުއިއްޔަތާއި، ވިލާޔަތާއި، އަހުލިއްޔަތު ގެއްލުމާ ގުޅޭ ގޮތުންނެވެ. ޣައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ ގޮތުން ޝަމީމް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވާއިރު، ހަނީފާ ވާހަކަ ދައްކަވާނީ އެއްގޮތް މައްސަލަތަކުގައި އެއް ގޮތަކަށް ހުކުމް ކުރުމާ ގުޅޭ ގޮތުންނެވެ.

"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގެ އިތުރުން ގާނޫނީ ވަކީލުން މިފަހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށާއި ބަންޑާރަނައިބަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރި އެވެ. ބޮޑު ގާނޫނު އަސާސީއަކާއެކު ހުށަހެޅި ޕެޓިޝަން ބަންޑާރަނައިބުގެ އޮފީހުން ބަލައިގަތް އިރު، ސުޕްރީމް ކޯޓުން ވަނީ ޕެޓިޝަން ބަލައިނުގަނެ ވަކީލުން ސަސްޕެންޑް ކޮށްފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް 35 ވަކީލުން ނިކުތުމާއެކު 13 ވަކީލަކަށް ވަނީ ހުއްދަ ދީފަ އެވެ. އެހެން ނަމަވެސް، މިހާރު ވެސް އާންމުކޮށް ކޯޓުތަކުގައި ވަކާލާތު ކުރައްވާ 43 ވަކީލަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

ވަކީލުންތައް ސަސްޕެންޑް ކުރީ ޖަމާއަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، އަދުލު އިންސާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިސާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.

ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުވަންދެން "ދުސްތޫރީ ފަސާނާ" ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި އުއްތަމަ ފަނޑިޔާރު އެހީތެރިކަމަށް ބޭނުންވާނަމަ، އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

ވަކީލުން ވިދާޅުވަމުން ދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް