ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 18:48
މާލޭ މާރުކޭޓު ސަރަހައްދު
މާލޭ މާރުކޭޓު ސަރަހައްދު
މުހައްމަދު ޝަރުހާން
ހައުސިން މިނިސްޓްރީގެ ބަޔާން
މާރުކޭޓު ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބެއްޖެ ނަަމަ، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަނީ!
ހައުސިން މިނިސްޓްރީން މިކަން އިސްލާހު ކުރުމަށް ވަނީ ދެ ދުވަސް ދީފަ
އިސްލާހު ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ
ހައުސިން މިނިސްޓްރީއާ އެކު ހެދިފައިވާ އެއްބަސްވުން އުވާލެވޭނެ

މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ގިނަ އަދަދެއްގެ ބިދޭސީ ސޭޓުން ތިބޭތީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފިޔަަވަޅު ވަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހަައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، މިހާރަކަށް އައިސް މާލޭ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބޭކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިކަމަކީ މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ " ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖޭއަށް ބިދޭސީން ގެނައުމުގެ ގަވައިދު"ގެ  ދަށުން މަނާ ކަމެކެވެ.

މީގެ އިތުރުން މާލެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުގެ ތެރެއިން ބައެއް ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ބޭނުމަށް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މިގޮތަށް އަމަލުކުރުމަކީ ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

 ހައުސިން މިނިސްޓްރީން ވަނީ މިކަންކަން އިސްލާހުކުރުމަށް ގަޑިޔާތަކާއި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ދެ ދުވަސް ދީފަ އެވެ.

އޭގެ ފަހުން ވެސް އެފަދަ ކަމެއް ފާހަަގަކުރެވިއްޖެ ނަަމަ، މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އާއި 20 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެގޮތުން އުސޫލާ ހިލާފުވާ ފަރާތްތައް 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީން ނަގާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް