ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 15:27
ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ފާރިސްގެ މައްސަލަ
ރިޝްވަތު ދިނުމުގެ ދައުވާއަކީ އަސާސެއް ނެތް ދައުވާއެއް، ޝަރީޢަތް ސިއްރު ކުރުމަށް ޕީޖީ މަސައްކަތް ކޮށްފާނެ: ފާރިސްގެ ވަކީލުން
ދައުވާ ކޮށްފައި ވަނީ ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ދައުވާއެއް ކަމަށާއި މައްސަލައިގެ ޝަރީޢަތް ސިއްރު ކުރުމަށް ޕްރޮސިކިޔުޓާ ޖެނަރަލް މަސައްކަތް ކޮށްފާނެ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ. 

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން  ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އޮތް އެއްޗަކަށް ވެއްޖެ ނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

ފާރިސްގެ މައްޗަށް ދައުވާކުރާ މި މައްސަލާގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވީ ފާރިސް މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ދައުވާ ކުރާއިރު އެ ވިދާޅުވާ ރިޝްވަތުގެ ފައިސާގެ ހިފި މީހާ އަށް ދައުވާ ނުކުރުމަކީ ނުބައި އުސޫލްތަކެއް ގާއިމް ކުރެވިގެން ދިއުމުގެ ބިރު އޮތް ކަމެއް ކަމަށެވެ. އެގޮތުން އަދި ފާރިސް ރިޝްވަތުުގެ ދެއްވި ކަމަށް ބުނާ މީހާ ސިއްރުން ހެކިބަސް ދިނުމަކީ ވެސް ކުރިއަށް އޮތްތަނުގައި ގޯސް އުސޫލްތަކެއް ގާއިމް ކުރެވިގެންދާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ. 

ފާރިސްގެ ވަކީލް ވިދާޅުވީ ފާރިސް ހައްޔަރު ކުރުމާއި އަދި ފާރިސްގެ ބަންދުގެ މައްސަލަ ކުރިއަށްދިޔައިރު ވެސް ޕީޖީން ނިންމާފައި ވަނީ ފާރިސްގެ މައްޗަށް ދައުވާ ކުރަން ކަމަށެވެ. ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ ޕީޖީގެ ޒިންމާއަކީ ފުލުހުން މީހެއްގެ ތަހުގީގު ކުރުމަށް ފަހު ފޮނުވާ ފައިލް ބޮނޑި ހިފައިގެން ކޯޓަށް ގޮސް ދައުވާ އުފުލާ އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ކުރުން ނޫން ކަމަށެވެ. އެއަށް ވުރެ ޕީޖީއާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ މާ ބޮޑު ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. 

މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ފާރިސްގެ މައްޗަށް ކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގު ފުރުހަމަ ވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަން ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އޮފީހުގެ ވަކީލުން ދެއްކެވި ވާހަކަތަކުން ސާބިތުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. 

އެގޮތުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ފާރިސް ރިޝްވަތު ދިނީ ކާކަށްކަން ރިޝްވަތު ދިނީ ކޮންދުވަހަކު، ކޮން ގަޑިއެއްގެ ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުތައް ބުނާ ގޮތުން މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އެ މީހަކު އެ ކުށް ކުރި ދުވަހާއި ވަގުތާއި އަދި އެހެނިހެން މައުލޫމާތު ފުރުހަމަ ވާން ޖެހޭނެ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަނުކޮށް ކުރާ ދައުވާ އިން ބަރީޢަތް ވުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް