ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 13:41
މަރކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަރކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ފައިސާގެ މުއާމަލާތް
ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައި: ރައީސް ޔާމީން
ގިނަ އަދަދެއްގެ ދިވެހިން ދަނީ ބޭރު ގައުމުތަކުގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުން
ރާއްޖޭއަށްވެސް ހަމަލާއެއްގެ ނުރައްކާ އެބައޮތް
މި ސަރުކާރަށް މަނީ ލޯންޑްރިންގ ތުހުމަތުތަކެއް ކުރެވިފައިވޭ

ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ކޫއްޑޫގައި "މަރކިއޯ ހޮޓެލް ކޫއްޑޫ މޯލްޑިވްސް" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލިގެން ދާތީ ރާއްޖެ  ނެތި ދިއުމުގެ ވާހަކަތަކެއް މީގެ ކުރީގެ ސަރުކާރުން ދެއްކި ކަމަށާއި އެކަމާއި ގުޅިގެން ރާއްޖެއިން ބޭރުން ބިން ހޯދުމުގެ ވާހަކަތަކެއް ވެސް ފެތުރިގެން ދިޔަކަމަށެވެ. އަދި މިހާރު  ދަނީ ހަރުކަށި ވިސްނުމާއި ހަރުކަށި ވިސްނުމަށް ތާއީދުކުރާ މީހުން ތަމްރީން ކުރާ ތަނެއްގެ ގޮތުގައި ރާއްޖެ ސިފަކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

"މިހާރު މިދެކެވޭ ވާހަކައަކީ ހަރުކަށި ވިސްނުމާއި އަދި ހަރުކަށި ވިސްނުމަށް ތާއީދު ކުރާ މީހުން ތަމްރީން ކުރާތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާދިއުން."

ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށްބޮޑެތި އުނދަގޫތައް އިހުސާސް ކުރަން ޖެހޭ ކަމަށެވެ. ދަތުރު ކުރާ ދިވެހިންނަށް އެކި ގައުމުތަކުގެ އެއާރޕޯޓްތަކުގައި ދިވެހިން ހިފެހެއްޓުމާއި ދިވެހިންނާމެދު ބަލަންޖެހޭ ބެލުންތައް ގިނަކަން ފާހަގަ ކުރައްވާ  ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް ކުރިން ލިބިފައިވާ ފަސޭހަތައް ބީވެގެން ހިނގައްޖެ  ކަމަށެވެ.

"ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރާ ކަމަށްވާނަމަ ކިހާ ހިފެހެއްޓުންތަކެއް ހިފަހައްޓާތޯ، އެކީއްވެގެންތޯ، އެއީ މިދެންނެވި ކަހަލަ ވިޔާނުދާ ހަރުކަށި ވިސްނުމުގެ ހަރަކާތްތައް ހިންގާ ބަޔަކަށް ފައިސާ އަތަށް އަރާފާނެތީ. އެހެންވީމާ އަޅުގަނޑުމެންނަކަށް ހިޔާލަކަށްނާދޭ އިނގޭތޯ، އަދި އަޅުގަނޑުމެންގެ ދަރިން ބޭރުގައި ކިޔަވަން ތިބޭއިރު ލާރި ފޮނުވަންވިޔަސް މިކުރާ މަސައްކަތުގެ ތެރޭގައި ހާދަވަރަކަށް ބަލަންޖެހޭ ކަންތައްތަކެއް ހުރޭ. ރާއްޖެއިން ބޭރުން ރާއްޖެއަށް ފައިސާ އެތެރެކުރާ ކަމަށްވަންޏާ މިއީ ހަމަ ނުކުރެވޭވަރުގެ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހަރުކަށި ވިސްނުމުގެ  މިފަދަ ވާހަކަތައް ރާއްޖޭއާއި ގުޅުވައިގެން ދެއްކުމަކީ ރާއްޖޭގެ އިގްތިޞާދަށް ވެސް އޭގެން ވަރަށް ނޭދެވޭ  އަސަރު ކުރާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، ގިނަ އަދަދެއްގެ ދިވެހިން ދަނީ ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންނެވެ. އަދި ބައެއް ގައުމުތަކުގައި ހިންގާ ޓެރެރިސްޓް ހަމަލާތަކުގައި ވެސް ދިވެހިން ދަނީ ބައިވެރިވަމުންނެވެ.

މީގެއިތުރުން، ރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހްމަތުގައި 37 އަހަރުގެ ދިވެއްސެއް ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 14 ވަނަ ދުވަހު މާލެއިން ނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ މަތިން ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގަ އެވެ.

ހަރުކަށި ވިސްނުމުގެ ވާހަކަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ރާއްޖެއަށް ފައިސާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ  ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މަނީ ލޯންޑްރިންގ ފަދަ ބޮޑެތި ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެފަދަ ގައުމުތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް